ކަލަންޑަރުގައި ހިމަނާފައި ނުވާ ހަރަކާތެއްގައި ބައިވެރިކުރާނަމަ އެޑިޔުކޭޝަން މިނިސްޓްރީން ހުއްދަ ހޯދަންޖެހޭ
ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކުރަން ވާނީ އެކްޓިވިޓީ ކަލަންޑަރުގައިވާ ހަރަކާތްތަކުގައި ކަމަށާއި، އެ ކަލަންޑަރުގައި ހިމަނާފައި ނުވާ ހަރަކާތެއްގައި ބައިވެރިކުރާނަމަ ހުއްދަ ހޯދަންޖެހޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ސްކޫކްތަކުގެ އެކްޓިވިޓީ ކަލަންޑަރާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި، ހުރިހާ ސްކޫލްތަކަށާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުއްވި ސާކިއުލާގައި ވަނީ ކޯކަރިކިއުލަރ އަދ އެކްސްޓްރާ ކަރިކިއުލަރގެ ހަރަކާތްތައް މި ފެށުނު ދިރާސީ އާ އަހަރު ކުރިއަށް ގެންދިއުމާއި ބައިވެރިވުމުގައި ސަމާލުކަންދޭ ކަންތައްތައް ފާހަގަކުރައްވާފައެވެ.
އެ ސާކިއުލާގައި ވިދާޅުވެފައި ވަނީ، ސްކޫލްތަކުގެ އެކްޓިވިޓީ ކަލަންޑަރުގައި ހިމަނާފައި ނުވާ ހަރަކާތެއްނަމަ އެ މިނިސްޓްރީގެ ހުއްދަދޭ ހަރަކާތެއްގައި ބައިވެރިވުމާއި، ސްކޫލްތަކުގައި އަދި ސްކޫލްތަކުގެ މެދުގައި ހިންގާ ކުޅިވަރު ހަރަކާތްތަކުގައި ދަރިވަރުން ގިންތި ކުރާނީ އުމުރުފުރައަށް ބެލުމެއްނެތި ކީ ސްޓޭޖަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން އެ ސާކިއުލާގައި އުމުރުފުރާ ކަނޑައަޅާފައި ވަނީ:
ގުރޭޑް 11،12ގެ ދަރިވަރުން، 18/19 އަހަރުން ދަށުގެ އުމުރުފުރާ
ގުރޭޑް 9،10ގެ ދަރިވަރުން، 16/17 އަހަރުން ދަށުގެ އުމުރުފުރާ
ގުރޭޑް 5،6ގެ ދަރިވަރުން، 12/13 އަހަރުން ދަށުގެ އުމުރުފުރާ
އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ، ކުޅިވަރު މުބާރާތްތަކުގައި ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖާއި، ކީ ސްޓޭޖް އެކކާއި ހަތަރެއްގެ ދަރިވަރުންނަށް ބާއްވާނީ ފިޔެސްޓާއެވެ. މި ފިޔެސްޓާ ބާއްވާ އުމުރު ފުރައިގެ ދަރިވަރުންނަށް އިނާމް ދޭނީ އެ މިނިސްޓްރީން ކުރިން އާންމުކޮށްފައިވާ ސާކިއުލާއެއް ގޮތަށެވެ.
މުބާރާތްތައް ރާވާ ހިންގުމާއި މުބާރާތްކުގައި ބައިވެރިވާއިރު، ބެލެނިވެރިންނަށް މާލީ ތަކުލީފު ލިބިދާނޭ ގޮތްގޮތަށް ކަންތައްތައް ނުރޭވުމަށް ވެސް މި ސާކިއުލާފައި މިނިސްޓަރު އެދިވަޑައިގެންފައިވެއެވެ.
އެކްޓިވިޓީ ކަލަންޑަރު މި ނެރުނީ ކޮވިޑްއާ ގުޅިގެން ސްކޫލްތަކުގެ އިތުރު ހަރަކާތްތައް ހުއްޓާލާފައި އޮންނަތާ ދެ އަހަރު ދުވަސް ފަހުންނެވެ.
advertisment
ހިޔާލު