ގޮއިދޫ ސްކޫލުގެ ދަރިވަރުން މިއަދު ސްކޫލަށް ދިޔައި ބައިސްކަލުގައި

ގޮއިދޫ ސްކޫލުގެ ދަރިވަރުން ބައިސްކަލުގައި ސްކޫލަށް ދަނީ- ފޮޓޯ: ގޮއިދޫ ސްކޫލް

ބ. ގޮއިދޫ ސްކޫލްގެ ދަރިވަރުން މަހަކު އެއްފަހަރު، ފައިމަގުގައި ނޫނީ ބައިސްކަލުގައި ސްކޫލަށް ދާގޮތަށް ހަމަޖައްސައިފިއެވެ.

މިއަދު އެ ސްކޫލްގެ ދަރިވަރުން ސްކޫލަށް ދިޔައީ ބައިސްކަލްގައެވެ. ބައިސްކަލް ނެތް ކުދިން ދިޔައީ ފައިމަގުގައެވެ.

ގޮއިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނިޒާމް ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލްގެ ގިނަ ދަރިވަރުންގެ އަތުގައި މިހާރުވެސް ބައިސްކަލް ހުންނާނެ ކަމަށާއި، ބައިސްކަލް ނެތް ދަރިވަރުން ދާނީ ފައިމަގުގައި ކަމަށެވެ.

" ކޮންމެ މަހެއްގެ ފުރަތަމަ ބުދަދުވަހު ކުރިއަށް ގެންދާ މި ހަރަކާތުގައި ދަރިވަރުންގެ އިތުރުން ސްކޫލްގެ ސްޓާފުންނާއި ބެލެނިވެރިން ބައިވެރިވާނެ" ނިޒާމް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ މަހަކު އެއްފަހަރު، ބައިސްކަލުގައި ދާ ގޮތަށް ހަމަޖެއްސީ، ކޮންމެ ދުވަހަކު އެކަން ކުރަން އުނދަގޫތަކެއް ހުންނާނެތީއެވެ.

' މިއީ ފަށައިގަތުމެއް، މިކަހަލަ ބަދަލު ގެންނަން ޖެހޭނީ މަޑުމަޑުން، ދަރިވަރުންނާއި ބެލެނިވެރިން ވެސް އެއަށް ހާނުވައިގެން" ނިޒާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ފުރަތަމަ ދުވަހުގެ ތަޖުރިބާއަށް ބަލާއިރު، ދަރިވަރުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި، އަންނަ މަހުން ފެށިގެން ކައުންސިލުގެ މުވައްޒަފުން ވެސް އެ ހަރަކާތުގައި ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

" ދުޅަ ހެޔޮ ސިއްހަތަކަށް ސްކޫލުން އިސްނެގީމާ، އެކަން ކާމިޔާބު ވާނީ ރަށުގެ ހުރިހާ މުވައްސަސާތަކުން އެކަމުގއި ބައިވެރިވެގެން. އަޅުގަނޑުމެން އެހެން މުވައްސަސާތަކާ ވެސް ވާހަކަ ދައްކާނަން"

ސަތޭކަ ބާވީހެންހާ ކުދިންގެ އާބަދީއެއް އޮތް ގޮއިދޫ ސްކޫލުން ވަނީ ދަރިވަރުންގެ ސިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަންގާރަ ދުވަހަކު، ސްކޫލަށް މޭވާ ގެންދާ ގޮތަށް ހަމަޖައްސާފައެވެ. ދަރިވަން މޭވާ ކެއުމަށް އެ ދުވަހު ދިހަ މިނެޓް ޚާއްޞަ ކުރާނެއެވެ.

" ދުޅަހެޔޮ ކަމަށް ކަސްރަތާއެކު ކެއުމުގެ އާދައަށް ވެސް ބަދަލު އަންނަންޖެހޭ. އެކަން ފަށަން ޖެހެނީ ސްކޫލްގެ ތެރެއިން. މިކަމުގެ ސަބަބުން މޭވާ ކެއުމުގެ އާދަ ދަރިވަރުންގެ މެދުގައި އަށަގެންނުވޭނެ" ނިޒާމް ވިދާޅުވިއެވެ.

ގޮއިދޫ ސްކޫލުން ދަނީ މުރަކަ އާލާކުރުމުގެ މަޝްރޫއެއް ވެސް ހިންގަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *