ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން ބޮޑު ޖަމާއަތުގައި ރެހެންދި ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުދައްރިސުން ނަމާދު ކުރަނީ- ފޮޓޯ: ރެހެންދި ސްކޫލް

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. ދަރިވަރުންނަށް ހުރިހާ ސްކޫލަކުން ވެސް ހޫނު މަރުޙަބާއެއް ވަނީ ކިޔާފައެވެ. އަދި ސްކޫލްތައް ވަނީ ޒީނަތްތެރި ވެސް ކޮށްފައެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުން ދިރާސީ އާ އަހަރު ފެށީ ބޮޑު ޖަމާއަތުގައި ކުރި ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދުގައި އެ ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިން ބައިވެރިވިއެވެ. ނަމާދަށްފަހު، ޚާއްޞަ ދުއާއެއްގެ އިތުރުން ދީނީ ނަސޭހަތް ދިނުން އޮތެވެ. އެ ސްކޫލްގައި މި އަހަރު 2،500 ދަރިވަރުން ކިޔަވަމުން ދާނެއެވެ.

މީގެ އިތުރުން އެހެން ސްކޫލްތަކުގައި ވެސް ދިރާސީ އާ އަހަރު ފެށީ ފަތިސް ނަމާދުންނާއި ހަތިމް ކުރުމުންނެވެ.

ދިރާސީ އާ އަހަރުގައި، 93،278 ދަރިވަރުން ކިޔަވަމުންދާނެއެވެ. މީގެ ތެރޭގައި ދިރާސީ އާ އަހަރު ސްކޫތަކަށް އަލަށް ވަން 7700 ދަރިވަރުން ހިމެނެއެވެ. ސަރުކާރުގެ 217 ސްކޫލެއްގައި 76،932 ދަރިވަރުން ކިޔަވަމުންދާޢިރު، އަމިއްލަ ސްކޫލްތަކުގައި 16،346 ދަރިވަރުން ކިޔަވަމުން ދާނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، މާލޭގެ ސަރައްހައްދުގެ ސްކޫލްތަކުގެ ގުރޭޑް އެކަކަށް 3000 އެންހާ ދަރިވަރުން ވަދެފައިވާ ކަމަށެވެ.

ދަރިވަރުންނަށް ކިޔަވައި ދިނުމަށް 8،364 މުދައްރިސުން މި ދިރާސީ އަހަރުގައި މަސައްކަތް ކުރާނެއެވެ. މީގެ ތެރޭގައި ހިމެނެނީ 6006 ދިވެހި މުދައްރިސުންނާއި 1693 ބިދޭސީ މުދައްރިސުންގެ އިތުރުން ވަގުތީ މުދައްރިސުންގެ ގޮތުގައި މަސައްކަތް ކުރާ 665 ރިލީފް މުދައްރިސުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *