ތައުލީމީ ޤާނޫނުގެ ދަށުން ހެދި ޤަވާއިދުތަކަށް އަމަލުކުރަން ފަށައި، ޓީޗަރުންނަށް ލައިސަންސް ދޫކުރަން ފެށުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރާ ގުޅިގެން މިނިސްޓަރު ޑރ. އައިޝަތު އަލީ ދެއްވި ހިޠާބުގައި ވިދާޅުވީ، އަލަށް ތަންފީޒުކުރެވޭ ތަޢުލީމީ ޤާނޫނަށް ޢަމަލުކުރަން ފެށިތާ އެއް އަހަރު މި މަހުގެ 10 ވަނަ ދުވަހު ފުރޭނެ ކަމަށެވެ. ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޤާނޫނާ ގުޅިގެން ހަދަންޖެހޭ ހުރިހާ ޤަވާއިދުތަކެއް މިހާރު ވަނީ ހަދާނިމިފައި ކަމަށާއި، މިފެށުނު ދިރާސީ އަހަރު އެ ޤަވާއިދުތައް ތަންފީޒުކުރަން ފަށާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވިދާޅުވީ، މިއަހަރު އެންމެ އިސްކަމެއްދޭނެ އެއްކަމަކީ ތަޢުލީމީނިޒާމުގެ ފެންވަރު މަތިކުރަމް ކަމަށެވެ. އެކަމަށްޓަކައި އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ލައިސަންސް ދޫކުރުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
" އެކަމަށްޓަކައި ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް މިހާރުވަނީ ތައްޔާރުކުރެވިފައި. މިއަހަރުގެ ތެރޭގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ" ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިކަމުގެ ނަތީޖާއެއްގެ ގޮތުން އުއްމީދުކުރެވެނީ، މުދައްރިސްކަމުގެ ތަޢުލީމު ހަރުދަނާވެ، ހުނަރުވެރި އަބުރުވެރި މުދައްރިސުން ކުރިމަގުގައި ލިބޭނޭކަމަށެވެ. އަދި ދަރިވަރުންގެ ފެންވަރު ރަނގަޅުވާނޭ ކަމަށެވެ.
މި ހިޠާބުގައި މިނިސްޓަރު ވަނީ މުސާރައަށް ގެނައި ހެޔޮ ބަދަލު ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން ދެއްކެވުމަށް ޓީޗަރުންނަށް ގޮވާލައްވާފައެވެ.
" އަޅުގަނޑު އެދެނީ މުސާރައަށް އައި ހެޔޮ ބަދަލު، ދަރިވަރުންނަށް ކިޔަވައިދެއްވުމުގައި ބަހައްޓަވާ ފަރުވާތެރިކަމުން ފެނިގެން ދިއުން. ތިޔަ މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅީ ޤައުމަށް އަދި އެތަކެއް ޖީލުތަކަށް އޭގެ އަސަރު ފޯރާނެ މަސައްކަތެއް. ތިޔަބޭފުޅުންގެ ޒިންމާތަކަކީ އޭގެ އަސަރު ބޮޑު ޒިންމާތަކެއް. އެހެން ކަމުން ތިޔަބޭފުޅުން ވާންވާނީ ޢަމަލުތައް އިޚްލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ ޙައްޤުތައް ރައްކާތެރިކުރާ ބަޔަކަށް"
advertisment
ހިޔާލު