ދިރާސީ އާ އަހަރު، ކޮންމެ 11 ދަރިވަރަކަށް މުދައްރިސެއް

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އަންނަ އާދީއްތަ ދުވަހު ފަށާއިރު، އެންމެ ފަހުގެ ތައްޔާރީތައް މިހާރު އަންނަނީ ސްކޫލްތަކުން ވަމުންނެވެ. ދަރިވަރުންނަށް މަރުޙަބާ ކިޔަން ހުރިހާ ސްކޫލަކުން ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބު އަހުމަދު މުޖާހިދު ރޭ ވިދާޅުވީ، ދިރާސީ އާ އަހަރު 92،300 ދަރިވަރުން ސްކޫލްތަކުގައި ކިޔަވަމުންދާނެ ކަމަށެވެ. އެ ދަރިވަރުންނަށް ކިޔަވައި ދިނުމަށް 8،364 މުދައްރިސުން މަސައްކަތް ކުރައްވާނެ ކަމަށެވެ. މުދައްރިސުންގެ އެ އަދަދަށް ބަލާއިރު ކޮންމެ މުދައްރިސަކަށް 11 ދަރިވަރުން ޖެހެއެވެ.

މުދައްރިސުން ލިބުމުގައި ދިމާވާ ދަތިތައް ދެނެގަތުމަށް ކުރި ދިރާސާގައި އާންމު ކުރި މައުލޫމާތަށް ބަލާއިރު، ހުސްވި ފާއިތުވި ދިރާސީ އަހަރު، ރާއްޖޭގެ ސްކޫލްތަކުގައި ކިޔެވީ 78،996 ދަރިވަރުންނެވެ. މުދައްރިސުންގެ އަދަދަކީ 8،198އެވެ. އެއީ ކޮންމެ މުދައްރިސަކަށް 9.6 ދަރިވަރުންނެވެ.

އެހެން އަހަރު ތަކާ ޚީލާފަށް މި އަހަރު ކިޔަވައިދޭ ބިދޭސީ މުދައްރިސުންގެ އަދަދަށް މާ ބޮޑު ބަދަލެއް އައިސްފައެއްނުވެއެވެ. މި އަހަރު 1،693 ބިދޭސީ މުދައްރިސުން ކިޔަވައިދޭއިރު، ފާއިތުވި އަހަރު އެ އަދަދު ހުރީ، 1،708ގައެވެ. ދެ އަހަރުގެ ތަފާތަކީ އެންމެ 15 އެވެ. ދިރާސީ އާ އަހަރު 6،673 ދިވެހި މުދައްރިސުން ކިޔަވައިދޭން ނުކުންނައިރު، އެއީ ފާއިތުވި ދިރާސީ އަހަރާ އަޅާބަލާއިރު، 183 މުދައްރިސުންގެ އިތުރު ވުމެކެވެ.

ރިލީފް މުދައްރިސުންގެ އަދަދަށް ވެސް އައިސްފައި ވަނީ ކުޑަ ބަދަލެކެވެ. ކުރީ އަހަރު، 683 ރިލީފު މުދައްރިސުން މަސައްކަތް ކުރިއިރު، ދިރާސީ އާ އަހަރު އެ އަދަދު ހުރީ 665 ގައެވެ. ތަފާތަކީ އެންމެ 18 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *