ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، މާލޭގެ ސްކޫލްތަކަށް ވަންނަން 5260 އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ، މާލޭގެ ސްކޫލްތަކުން 5100 ދަރިވަރުންނަށް މިހާރު ޖާގަ ދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ދަރިވަރުން ވައްދަން އެޕްލިކޭޝަންތައް ހުށަހަޅަމުން ގެންދާ ކަމަށާއި އިއްޔެ އެކަނިވެސް ސަތޭކައެންހާ އެޕްލިކޭޝަން ލިބިފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ އަތޮޅު ތެރޭގެ ސްކޫލްތަކުން ކިޔަވަމުން ދިޔަ 550 އެންހާ ދަރިވަރުން މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކުން ޖާގަ ހޯދަން އެދިފައިވާ ކަަމަށެވެ. އަދި އެހެން ގުރޭޑްތަކުން ޖާގަ ހޯދަން އެދުނު ދަރިވަރުންގެ އަދަދު ހާހަކަށް އަރާކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ގިނަ އަދަދެއްގެ ދަރިވަރުންނަށް މާލޭގެ ސްކޫލްތަކުން ޖާގަ ދޭންޖެހުނީ، ހިޔާފުލެޓްތަކަށް މީހުން ބަދަލުވުމުގެ މަރުޙަލާ ކުރިއަށްދާތީ ކަމަށް ބެލެވޭ ކަމަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުޅުވާ ކާމިލު ދީދީ ޕްރީސްކޫލްގެ ދަރިވަރުންނަށް ޖާގަ ދީފައި ވަނީ ހުޅުމާލޭގައި ސަރުކާރުން ހިންގާ ތިން ސްކޫލުންނެވެ. ކާމިލު ދީދީ ޕްރައިމަރީ ސްކޫލް އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވަން ނިންމާފައިވާއިރު، އެ ދުވަހާ ހަމައަށް އެ ސްކޫލްގެ ދަރިވަރުން ކިޔަވަމުން ދާނީ ހުޅުމާލޭގައި ހުރި ސަރުކާރު ސްކޫލްތަކުގައެވެ.
ދަރިވަރުން މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމާއި އަދި އެއް ސްކޫލުން އަނެއް ސްކޫލަށް ދަރިވަރުން ބަދަލު ކުރަނީ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ އުޞޫލެއްގެ ދަށުންނެވެ.އުސޫލުގައި ބުނެފައިވާ ގޮތުން، ދަރިވަރުން ސްކޫލަށް ވެއްދުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ މާލެ އަށް ރަށްވެހިވެފައިވާ ދަރިވަރުންގެ ދާއިމީ އެޑްރެހަށް ބަލައި އެ ސަރަހައްދެއްގެ ސްކޫލަކުން ދަރިވަރަށް ފުރުސަތު ދޭނެއެވެ.
ދެވަނަ އަށް އިސްކަން ދޭނީ އެ ސްކޫލުގައި އުޅޭ ދަރިވަރުންގެ އެއްބަނޑު އެއްބަފާ ދަރިވަރުންނަށެވެ. ތިން ވަނަ އަށް އިސްކަން ދިނުމަށް ނިންމާފަިއ ވަނީ އެ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށެވެ. އެ ކަންކަމަށް ބަލައި ޖާގަތައް ހަމަޖެއްސުމަށްފަހު، ބާކީހުރި ޖާގަތަކަށް ދަރިވަރުން ކަނޑައަޅާނީ މިނިސްޓްރީން ކަނޑައަޅާފައިވާ ސްކޫލު ސަރަހައްދާ އެއްގޮތްވާ ގޮތުގެ މަތިން ދަރިވަރުން ދިރިއުޅޭ އެޑްރެހަށް ބެލުމަށްފަހުގައި ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކިޔަވާކުދިންނަށް ފަސޭހައިން ސްކޫލްތަކަށް ދެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
advertisment
ހިޔާލު