ކާމިލު ދީދީ ސްކޫލް ހުޅުވަންދެން، އެ ސްކޫލްގެ ދަރިވަރުންނަށް ވަގުތީ ގޮތުން އެހެން ސްކޫލްތަކުން ޖާގަ ދެނީ

ކާމިލު ދީދީ ޕްރައިމަރީ ސްކޫލް ހުޅުވަންދެން، އެ ސްކޫލަށް ވައްދާ ދަރިވަރުންނަށް ޖާގަ ދިނުމުގެ ގޮތުން ހުޅުމާލޭގައި ހުރި ސަރުކާރު ސްކޫލްތަކުގެ ޕްރައިމަރީ ގުރޭޑްތަކަށް ކުލާސްތައް އިތުކުރަން ފަށައިފިއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވާ ފުރަތަމަ ސްކޫލަކީ ކާމިލު ދީދީ ޕްރައިމަރީ ސްކޫލެވެ. އެ ސްކޫލް ހުޅުވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

ކާމިލު ދީދީ ސްކޫލުން ޖާގަ ދިން ދަރިވަރުންގެ ބެލެނިވެރިންނަށް އެޑިޔުކޭޝަން މިނިސްޓްރީން ފޮނުވި މެސެޖްގައި ބުނެފައި ވަނީ، އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަދުވަހު އެ ސްކޫލް ހުޅުވަން ނިންމާފައިވާއިރު، އެ ދުވަހާ ހަމައަށް ދަރިވަރުން ކިޔަވަމުންދާނީ، ވަގުތީ ގޮތުން ޖާގަ ހަމަޖައްސާދީފައިވާ ހުޅުމާލޭގެ ފުރަތަމަ ފޭހުގައި ހުރި ސަރުކާރުގެ ސްކޫލްތަކުން ކަމަށެވެ. އަދި ދަރިވަރުން ކިޔަވަން ދާނީ ކާމިލް ދީދީ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމްގައި ކަމަށެވެ. ފޮތް ލިސްޓް ދޫކުރުން ފަދަ ދަރިވަރުންނާ ގުޅުން ހުރި ހުރިހާ ކަމެއް ވެސް އެ ސްކޫލަކުން ކުރިއަށް ގެންދާނެ ކަމަށް އެ މެސެޖްގައި ބުނެފައިވެއެވެ.

ރެހެންދި ސްކޫލުން ބުނީ، އެ ސްކޫލްގެ ގުރޭޑް އެކަކަށް ހަ ކުލާސް އިތުރުކޮށްފައިވާ ކަމަށެވެ. އެހެން ގުރޭޑްތަކަށް ވެސް ކުލާސްތައް އިތުރުކޮށްފައިވާ ކަމަށާއި، އެންމެ ޑީމާންޑް ބޮޑީ ގުރޭޑް އެކަކަށް ވަންނަ ދަރިވަރުންގެއެވެ.

ރެހެންދި ސްކޫލްގެ އިތުރުން ހުރަވީއާއި ޣާޒީ ސްކޫލްގެ ޕްރައިމަރީ ގުރޭޑްތަކަށް ޖާގަވަނީ އިތުރުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކާމިލު ދީދީ ޕްރައިމަރީ ސްކޫލްގައި ކިޔަވައިދޭނީ އެލްކޭޖީން ފެށިގެން ގުރޭޑް 6އާ ހަމައަށެވެ.

ކާމިލު ދީދީ ސްކޫލާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެ ސްކޫލަށް ބޭނުންވާ މުވައްޒަފުން ހޯދަން ވަނީ އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި އެ ސްކޫލްގެ ޕްރިންސިޕަލްގެ މަގާމު ވެސް ހިމެނެއެވެ.

ކާމިލު ދީދީ ޕްރައިމަރީ ސްކޫލްގެ އިތުރުން އިތުރު ޕްރައިމަރީ ސްކޫލެއް ދެވަނަ ފިޔަވަހީގައި ދަނީ އިމާރާތް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *