ކިނބިދޫ ސްކޫލް ކުރިމަތީގައި އޮންނަ ބީޗް ސަރަހައްދުގައި ގިނަ ވަޞީލަތްތައް ތަރައްގީކޮށް އެތަން އާންމުކޮށް ބޭނުން ކުރަން ހުޅުވާލައިފިއެވެ.
ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލްގެ ކުރިމަތީގައި އޮތް ބީޗް، ރަށުގެ ހުރިހާ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރުމުގެ މަސައްކަތް ކުރީ، އެ ސްކޫލްގެ ދަރިވަރުންނަށް ވެސް ޕްރޮގްރާމްތައް ހިންގޭ ގޮތަށެވެ.
ބީއެމްއެލްގެ އެހީތެރިކަމާއި، ރަށުކައުންސިލާއި ކިނބިދޫ ސްކޫލްގެ ބޯޑާއި ޕީޓީއޭއިން ބޮޑު ޚަރަދެއް ކޮށްގެން ތަރައްޤީކުރި ބީޗް ހުޅުވީ އިއްޔެއެވެ.

ބީޗް ސަރައްހައްދުގައި ފަސޭހައިން އިށީދެގެން ތިބޭނެ ހަޓްތަކާއި، ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ގޮތަށް އެތަން ވަނީ ތަރައްގީކޮށްފައެވެ.
ސްކޫލްގެ ކުރިމަތީގައި އޮތް ބީޗް މިހާރު ވަނީ، ދަރިވަރުން ބަލާ އަންނަ ބެލެނިވެރިންނަށް ފަސޭހައިން އިށީދެލައިހެން ތިބެވޭނެ މައިދާނަކަށް ބަދަލުވެފައެވެ. އެތަނުގައި ފޮތް ކިޔޭނެ އިންތިޒާމްތަކެއް ވެސް ވަނީ ހަމަޖައްސާފައެވެ.
ބީޗް ތަރައްޤީ ކުރުމުގެ ޚިޔާލު އައީ އެރަށު ސްކޫލްގެ ދަރިވަރުން މޫދަށް އެރުމަށާއި، މޫދުގެ ހަރަކާތްތައް ކުރިއަށް ގެންދަން ރަށުން ބޭރަށް ދާންޖެހޭތީ، އެކަމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށް ކުރިމަސައްކަތުގެ ތެރެއިންނެވެ. ބީޗް އޭރިއާ ތަރައްގީކޮށް ނިންމާލިއިރު، ކުދިންނަށް ފަސޭހައިން މޫދަށްއެރި އުޅެވޭގޮތަށް ބައެއް ވަނީ ފުން ވެސް ކޮށްފައެވެ.

" މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ މީހުން އެހީތެރިކަމާއެކު މޫދުން ބައެއް، ކުދިންނަށް އެރިލެވޭ ގޮތަށް ފުންކުރީ، އޭގެ ފަހުން ބީޗް ހެދުމުގެ ޚިޔާލުއައީ" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ، ބީޗް ސަރަހައްދު ތަރައްޤީ ކުރަން އެހީތެރިކަން ހޯދީ ދިވެހި ބޭންކުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓަކަށް ހުށަހަޅައިގެންނެވެ.
" ސްކޫލްގެ ޓީޗަރަކު އެ މަސައްކަތް ކުރީ. އޭނާ ހުށަހެޅި ޕްރޮޖެކްޓަށް ބީއެމްއެލްއިން އެހީތެރިކަން ދިނީ"
އަހުމަދު ވިދާޅުވީ، ކިނބިދޫ ސްކޫލުން އިސްނަގައިގެން އިޖްތިމާއި ގޮތުން އެރަށަށް ގެނައި ބަދަލާމެދު ހިތްހަމަޖެހޭ ކަމަށާއި، އެކަމުގައި އެރަށުގެ ހުރިހާ މުއައްސަސާތަކުން ދެއްކީ އެއްބައިވަންތަ ކަމުގެ ނަމޫނާއެއް ކަމަށެވެ.
" ސްކޫލުން އިސްނެގި ނަމަވެސް ކާމިޔާބު ކަމާއެކު މި މަސައްކަތް ކުރިއަށް ގެންދެވުނީ ރަށުގެ ހުރިހާ މުއައްސަސާތަކުން ދިން އެއްބާރުލުމާއި ބެހެއްޓި އެކުވެރިކަމުން" ކިނބިދޫ ސްކޫލުން ވަނީ އެ ހުރިހާ މުއައްސަސާއަކަށް ޝުކުރުއަދާކޮށްފައެވެ.
ކިނބިދޫ ސްކޫލް ބީޗް ބެލެހެއްޓުމުގައި ވެސް ކައުންސިލްގެ އިތުރުން އެ ސްކޫލްގެ ދައުރު ބޮޑުވާނެ ކަމަށް 250 އެންހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު ވިދާޅުވިއެވެ.
advertisment
ހިޔާލު