ދިރާސީ އާ އަހަރު ސްކޫލްތަކަށް ބޭނުންވާ ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗް މިއަދު ރާއްޖެ އައިސްފިއެވެ.
ބިދޭސީ ޓީޗަރުންގެ ފުރަތަމަ ބެޗް ރާއްޖެއައިސްފައިވާއިރު، އެ ޓީޗަރުންނަށް އެޑިޔުކޭޝަން މިނިސްޓްރީގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ޑިވިޜަންގެ މުވައްޒަފުން ވަނީ އެއަރޕޯޓުން މަރުޙަބާ ކިޔާފައެވެ.
ބިދޭސީ ޓީޗަރުން ގެނެސްފައި ވަނީ އިންޑިޔާއިންނެވެ. އެގައުމުން ޓީޗަރުން ގެންނަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ޓީމެއް، އިންޑިޔާއަށް ގޮސް، ކުރިމަތިލާ ޓީޗަރުންނާ އިންޓަވިއުކުރުމަށްފަހު، އެ އިންޓަވިއުއިން ފާސްވާ ޓީޗަރުންނެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، އަންނަ މަހުގެ ހަތް ވަނަ ދުވަހު ދިރާސީ އާ އަހަރު ފަށާއިރު ސްކޫލްތަކަށް ބޭނުންވާ ޓީޗަރުން ހަމަވާނެ ކަމަށާއި، ބިދޭސީ ޓީޗަރުންގެ އިތުރު ބެޗެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ، ފާއިތުވި ދިރާސީ އަހަރަށްވުރެ މި އަހަރު ގެންނަންޖެހޭ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑުތަން މަދުވާނެ ކަމަށެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދިރާސީ އަހަރު، ސަރުކާރުން ހިންގާ 214 ސްކޫލްގައި 1708 ބިދޭސީ ޓީޗަރުން މަސައްކަތް ކުރަމުން ގެންދެއެވެ. އެއީ ކިޔަވާ ޓީޗަރުންގެ އާބާދީގެ 20.8އިންސައްތައެވެ.
ބިދޭސީ ޕްރިންސިޕަލުންގެ ބަދަލުގައި ދިވެހި ޕްރިންސިޕަލުން ސްކޫލްތަކަށް ހަމަޖެއްސުމުގެ މަސައްކަތް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ.
advertisment
ހިޔާލު