ދިރާސީ އާ އަހަރު، ސީއެޗްއެސްއީގެ ގުރޭޑް 11 އަށް ވަނުމުގެ ފުރުޞަތު ހުޅުވާލައިފި

ދިރާސީ އާ އަހަރު، ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ގުރޭޑް 11އަށް ވަނުމުގެ ފުރުޞަތު އެ ސްކޫލުން ހުޅުވާލައިފިއެވެ.

ސީއެޗްއެސްއީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ، އެ ސްކޫލުގެ 11އަށް ވަދެވޭނީ، 1 މެއި 2021 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 5 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާ ދަރިވަރުންނަށެވެ. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް އާއެކު ކޮންމެވެސް 1 ސްޓްރީމެއްގެ މަދުވެގެން 2 މާއްދާ އިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވާންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ސީއެޗްއެސްއީން ބުނީ، ދިރާސީ އާ އަހަރު ގުރޭޑް 11އިން ޖާގަ ދެވޭނީ 550 ދަރިވަރުންނަށް ކަމަށާއި، ވަންނަން ބޭނުންވާ ދަރިވަރުން އެ އަދަދަށްވުރެ އިތުރުވާނަމަ ކުދިން ނެގުމުގައި އެންމެ ރަނގަޅު ނަތީޖާ ލިބިފައިވާ ކުދިންނަށް އިސްކަން ދެވޭނެ ކަމަށެވެ. އިސްކަންދެނީ، ދިވެހި، އިސްލާމް، އިގިރޭސި، ހިސާބު އަދި އެންމެ މަތިން ފާސްވެފައިވާ އިތުރު 4 މާއްދާ ހިމަނައިގެން ޖުމްލަ 8 މާއްދާއަށް ލިބޭ ސްކޯރއަށް ބަލައިގެންނެވެ.

އަދި ވަންނަން އެދޭ ދަރިވަރުން އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ 11 ޖެހުމުގެ ކުރިން ފޯމް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އެ ސްކޫލުން ބުނީ، މިގޮތުން ކޮމާރސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ އެކައުންޓިންގް، ކޮމާރސް، ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، އަދި މެތަމެޓިކްސްއެވެ.

ސައިންސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ބަޔޮލޮޖީ، ކެމިސްޓްރީ، ފިޒިކްސް، އަދި މެތަމެޓިކްސްއެވެ.

އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީއެވެ. އާރޓްސް ސްޓްރީމްގައި ފާސްވެފައި ވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެ ކަމަށާއި، ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު، އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެ ކަމަށް ވެސް އެ ސްކޫލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *