" ވާރކް ލައިފް" ބެލެންސް ނުކުރެވި ގިނަ މުދައްރިސުންގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށް ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށް ކުރި ދިރާސާގައި ބުނެފިއެވެ.
އެ ދިރާސާގައި ބުނެފައި ވަނީ މުދައްރިސުން ކުރަންޖެހޭ މަސައްކަތް އެތައް ގުނައެއް އިތުރުވެފައިވުމުން އަމިއްލަ އާއިލާއަށާއި ދަރިންނަށް އަޅާލަންޖެހޭ ވަރަށް އަޅާނުލެވޭ ކަމަށެވެ.
ޤައުމީ ޔުނިވަރސިޓީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާގައި ބުނެފައި ވަނީ މުދައްރިސުން ވަޒީފާފައި ހޭދަކުރަންޖެހޭ ވަގުތު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، ކުއްލިއަކަށް ނިންމަންޖެހޭ މަސައްކަތް އިތުރުވުމާއި، އާދަޔާ ޚިލާފަށް އިތުރު ހަރަކާތްތައް އިތުރުވެފައިވުމާއި، އައު ޕޮލިސީތަކުން ޒިންމާތައް ވެސް އިތުރުވެފައިވާ ކަމަށެވެ.
މި ދިރާސާގައި އެކަންތައްތައް ޙައްލު ކުރުމުގެ ގޮތުން ހުށަހަޅާފައި ވަނީ ސްކޫލްތަކުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން މުދައްރިސުންގެ މަސައްކަތްތައް އާދަޔާޚިލާފަށް އިތުރުވެގެން ނުދާނެ ގޮތަށާއި، ދަރިވަރުންގެ ކިޔެވުމަށް އަސަރު ނުކުރާނެ ގޮތަށް ރޭވުމަށެވެ. އަދި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ހަފުތާއަކަށް ކަނޑައެޅިފައި އޮންނަ ވަކި ގަޑިއެއްގެ ތެރޭގައި ނިންމޭ ގޮތަށް ރޭވިފައި އޮންނަ މަސްއޫލިއްޔަތަކަށް ހެދުމަށް ވެސް ލަފާދީފައިވެއެވެ. އަދި މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމަށް ރިޢާޔަތްކޮށް " ވަރކް ބެލެންސް ސިޔާސަތެއް" އެކުލަވާލުމަށް ވެސް މި ދިރާސާގެ އަލީގައި ހުށަހަޅާފައިވެއެވެ.
މި ދިރާސާގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބިނާކޮށް މުދައްރިސުންގެ މުސާރައަށް ބޮޑު ބަދަލެއް ސަރުކާރުން ވަނީ ގެނެސްފައެވެ. މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ އިތުރުން އިތުރު 16 ކަމެއް ކުރުމަށް ވެސް މި ދިރާސާގައި ލަފާ ދީފައިވެއެވެ. އޭގެ ތެރޭގައި މުދައްރިސުންނަށް ވަޞީލަތްތައް ހަމަކޮށްދިނުމާއި، ސްކޫލްތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށް މެދުރާސްތާގެ ހިއުމަން ރިސޯސަސް ޕްލޭނެއް އެކުލަވާލުމާއި މުދައްރިސުންގެ ތަމްރީނު ކުރުމަށް ހިންގާ ކޯސްތަކުގެ ފެންވަރު ހިފެހެއްޓުމާއި، މުވައްޒަފުންގެ ތަރައްޤީއަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ނިޒާމެއް ކުރިއަށް ގެންދިއުމަށް ވެސް ހުށަހަޅާފައިވެއެވެ.
advertisment
ހިޔާލު