ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި 2400 މުވައްޒަފުން ސްކޫލްތަކުން ވަކިވެފައިވޭ

ފާއިތުވި ހަތް އަހަރު ދުވަހުގެ ތެރޭގައި ތަޢުލީމީ ދާއިރާ ދޫކޮށްލި މުވައްޒަފުންގެ އަދަދު 2461 އަށް އަރާ ކަމަށް ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާ ކުރުމަށް އުފެއްދެވި ރިސަރޗް ގްރޫޕުން އެކުލަވާލި ރިޕޯޓުބުނެފިއެވެ. އެ ރިޕޯޓް ރައީސުލްޖުމުހޫރިއްޔާގެ އޮފީހުން ވަނީ މިއަދު އާންމުކޮށްފައެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން ވަޒީފާއިން ވަކިވި މުވައްޒަފުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. 2015 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ ނިޔަލަށް ސްކޫލްތަކުގެ އެކިއެކި ވަޒީފާތަކުގައި މަސައްކަތް ކުރި 1669 އަންހެނުންނާއި 762 ފިރިހެނުން ވަޒީފާތަކުން ވަކިވިއެވެ. މީގެ ތެރޭގައި ހިމެނެނީ ފަންނީ މުވައްޒަފުންނާއި އިދާރީ މުވައްޒަފުންނެވެ. ފާއިތުވި ހަތް އަހަރަށް ބަލާއިރު އެންމެ މަދުން ވަކިވެފައި ވަނީ 2020 ވަނަ އަހަރުގައެވެ. ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލްތައް ބަންދުކޮށްފައިވާއިރު، އެ އަހަރު ވެސް 266 މުވައްޒަފަކު ވަކިވެފައިވެއެވެ. ހުސްވި އަހަރު އެކަނި ވެސް ސްކޫލްތަކުން ވަކިވި މުވައްޒަފުންގެ އަދަދު 191އަށް އަރައެވެ.

ވޭތުވެދިޔަ އަށް އަހަރަށް ބަލާއިރު، ސަރުކާރު ސްކޫލްތަކުގައި މަސައްކަތް ކުރެއްވި ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން ހިމެނޭހެން 64 ބޭފުޅަކު ވަނީ ސްކޫލްތަކާ ދުރަށް ވަޑައިގެންފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ 46 ޕްރިންސިޕަލުންނާއި 18 ޑެޕިއުޓީ ޕްރިންސިޕަލުންނެވެ.

ވޭތުވެދިޔަ ހަތް އަހަރު ދުވަހަށް ބަލާއިރު، ސްކޫލްތަކުގައި ކިޔަވައި ދެއްވަމުން ގެންދެވި އެކި ފަންތީގެ 1197 މުދައްރިސުން ވަނީ ސްކޫލްތައް ދޫކޮށްލައްވާފައެވެ. އެންމެ ގިނަ މުދައްރިސުން ވަކިވެވަޑައިގެންނެވީ 2016 ވަނަ އަހަރުގައެވެ.

ސްކޫލްތަކުން ވަކިވި މުވައްޒަފުންގެ ތެރޭގައި ކައުންސެލަރުންނާއި ހެލްތް އޮފިސަރުންވެސް ހިމެނެއެވެ. ފާއިތުވި ހަތް އަހަރަށް ބަލާއިރު، 62 ކައުންސެލަރުންނާއި 28 ހެލްތް އޮފިސަރުން ވަކިވެފައިވެއެވެ.

ތަޢުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ދަތިވާ ސަބަބުތައް ދެނެގަތުމަށްޓަކައި ދިރާސާގައި ބުނެފައިވާ ގޮތުން ތަޢުލީމީ ދާޢީރާ ދޫކޮށް ގިނަ ބަޔަކު ދިއުމާ ގުޅިފައި އޮތީ މުސާރަ ކުޑަވުމާއި ކުރަންޖެހޭ މަސައްކަތްތައް އިތުރުވުމާއެވެ. މި ރިޕޯޓަށް ބަލައި ސަރުކާރުން ވަނީ މެއިން މަހުން ފެށިގެން މުދައްރިސުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *