އދ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ދެ ވަނަ ބައްދަލުވުން އިއްޔެ ދަނގެތީގައި ފަށައިފިއެވެ.
މި ބައްދަލުބުމުގައި އެ އަތޮޅުގެ އެއް ސްކޫލެއް ފިޔަވާ އެހެން ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެއެވެ. މި ބައްދަލުވުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މި ބައްދަލުވުން އިންތިޒާމްކުރަނީ ދަނގެތީ ސްކޫލުންނެވެ. އެ ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ނަތާޝާ ވިދާޅުވީ، އަތޮޅުގެ ސްކޫލްތަކުހެ ޕްރިންސިޕަލުންގެ ދެވަނަ ބައްދަލުވުމުގައި ދެ ސްކޫލެއް ފިޔަވާ އެހެން ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވާ ކަމަށާއި، މޫސުމް ގޯސްވެ ދަތުރުފަތުރު ނުކުރެވުމާ ގުޅިގެން އެއް ސްކޫލެއްގެ ޕްރިންސިޕަލަކަށް ބައިވެރިނުވެތީ، އޮންލައިންކޮށް އެ ޕްރިންސިޕަލް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ނަތާޝާ ވިދާޅުވީ، މި ބައްދަލުވުމުގައި ކުރިއަށް ގެންދާނީ ކުރީ ބައްދަލުވުމުގައި ނިންމި ކަންތައްތައް ތަންފީޒު ކުރެވުނު މިންވަރާއި، ދިރާސީ އާ އަހަރަށް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތެވެ.
" ކުރީ ބައްދަލުވުމުގައި ނިންމި ކަންތައްތައް ކުރިއަށް ނުގެންދެވުނު ސަބަބުތައް ދެނެގަނެ އެކަންތައްތައް ހައްލު ކުރާނެ ގޮތްތައްބަލައި ޕްލޭންތައް ވީހާވެސް ތަފްޞީލްކޮށް އެކުލަވާލަން މިފަހަރުގެ ބައްދަލުވުމުގައި އިސްކަންދޭނެ" ނަތާޝާ ވިދާޅުވިއެވެ.
" ޕްލޭންތައް ކުރިއަށް ގެންދަން އެންމެ ބޮޑު ދައްޗަކަށް ދިމާވަނީ ފައިސާއާއި ވަޞީލަތްތައް. އަތޮޅު ފެންވަރުގައި އެކުލަވާލާ ޕްލޭންތައް ކުރިއަށް ގެންދަން ފައިސާ ހޯދާނެ ގޮތްތައް ވީހާވެސް ތަފްޞީލްކޮށް އަޅުގަނޑުމެން މިފަހަރު ހިމަނާނަން. އޭރުން ހަރަކާތްތައް ކުރިއަށް ދިއުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ"
އޭނާ ވިދާޅުވީ، ޕްރިންސިޕަލުންގެ ބައްދަލުވުންތައް އަހަރަކު އެއްފަހަރު ބާއްވަމުންދާއިރު، ކުރިއަށް އޮތް ތަނުގައި އަހަރެއްގެ ތެރޭގައި ދެ ބައްދަލުވުން ބާއްވަން ވިސްނަމުންދާ ކަމަށެވެ.
އދ. އަތޮޅު ސްކޫލްތަކުގެ އެންމެ އިސްވެރިން ބައިވެރިވާ މިފަދަ ބައްދަލުވުންތަކުން އަތޮޅުގެ ތައުލީމީ ނިޒާމަކަށް އެކަށީގެންވާ ހެޔޮ ބަދަލު އަންނަމުންދާ ކަމަށް ޕްރިންސިޕަލުން ފާހަގަކުރައްވައެވެ.
advertisment
ހިޔާލު