އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ސްކޫލުތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް އޭގެ ނަފާ އިތުރުކުރުމަށް އުފެއްދި ސަރުކާރު ކުންފުނިން ބުނީ، ގާޑްނިންގ ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދާނީ ޕުރޮޕޯސަލް ހުށަހަޅުއްވާ ސްކޫލުތަކުގެ ތެރެއިން އެންމެ ރަގަޅު ހުށަހެޅުންތައް ހުށަހަޅުއްވާ ފަސް ސްކޫލަކާ އެކުގައި ކަމަށެވެ.
"އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމް"ގެ ދަށުން ހައްދަންޖެހޭނީ ތަރުކާރީއާއި މޭވާގެ ބާވަތްތަކެވެ. އެކަމަށް ޝަޢުޤުހުރި ސްކޫލްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހުގެ ކުރިންނެވެ.
އެގްރޯނެޓުން ބުނީ، ހުށަހަޅާ ޕްރޮޕޯސަލްތަކުގައި، ތައާރަފެއްގެ އިތުރުން ކޮންސެޕްޓާއި މޮނިޓާރކޮށް ބަލަހައްޓާނެ ޕްލޭނަކާއި، ސްކޫލުން އެ ޕްރޮޖެކްޓަށް އެހީތެރިކަން ފޯރުކޮށްދޭން ރާވާފައިގާ ގޮތްތަކާއި ދަރިވަރުންގެ ބައިވެރިވުމާއި ދެމެހެއްޓެނިވި ގޮތެއްގައި އެ ޕްރޮގްރާމް ކުރިއަށް ގެންދަން ރާވާފައިވާ ގޮތް ހިމަނަންޖެހޭނެ ކަމަށެވެ.
"އެގްރޯނެޓް ސްކޫލް ގާޑްނިންގ ޕްރޮގްރާމް" އިފްތިތާހުކުރީ ކާބޯތަކެތީގެ ދުވަސް ފާހަގަކުރަން ތ. ކަނޑޫދޫގައި ހިންގި ހަރަކާތްތަކުގެ ތެރެއިން އެ ރަށު ސްކޫލްގައެވެ. އެ ސްކޫލްގައި ހައްދަނީ ލެޓިއުސްއާއި ލޭޑިސްފިންގާއާއި ބެސިލްއާއި މިންޓާއި ކޮޕީފަތާއި ޒުވާރިއެވެ. މީގެ ތެރެއިން ބައެއް ބާވަތްތައް ބާޒާރަށް ނެރެ ވަނީ ވިއްކާފައެވެ.
advertisment
ހިޔާލު