ޓީޗަރުން ފެނުނީމާ ހިނިތުންވެލާ، އިޙްތިރާމް ނުކުރާ މައްސަލަ ބޮޑު: ހުސައިން ސައީދު

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު، ވާހަކަދައްކަވަނީ: ރަނގަޅު ޖީލެއް ބިނާކުރުމަށް ދަރިވަރުންނާއި ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންނެވި- ފޮޓޯ: އިސްކަންދަރު ސްކޫލް

ކިޔަވާ ދެއްވި ޓީޗަރުން ފެނުނީމާ ހިނިތުންވެލާ، އިޙްތިރާމް ނުކުރާތީ އެކަމުގެ ކަންބޮޑުވުން އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ފާޅުކުރައްވައިފިއެވެ.

އިސްކަންދަރު ސްކޫލްގެ ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސައިން ސައީދު ވިދާޅުވީ، މިއީ މިއަދު ގިނަ ޓީޗަރުން ދައްކަވަމުން އަންނަ ވާހަކައެއް ކަމަށެވެ. މިކަން ހުރިހާ ހިސާބެއްގައި މަސައްކަތްކުރައްވާ ޓީޗަރުން ފާހަނގަކުރައްވާ ކަމަށެވެ.

ހުސައިން ވިދާޅުވީ، " ސްކޫލްތަކުގައި ކިޔަވާ ކުދިން ސްކޫލް މަދަރުސާތަކުގައި ދިހަ އަހަރު ނޫނީ ބާރަ އަހަރު ހޭދަކުރުމަށްފަހު، ވަރަށް ހިތްވަރާއެކު ހިތްމަތާއެކު އެކުދިން މޮޅުކުރުމަށްޓަކައި އެތައް އަހަރެން ވަންދެން މަސައްކަތް ކުރެއްވި ޓީޗަރުން ފެނުނީމާ، ޚާއްޞަކޮށް ސްކޫލްގައި އުޅުނުއިރު މޮޅު ކަމަށް ފާހަގަކުރެވޭ ކުދިން މިދަންނަވާ ޓީޗަރުން ފެނުނީމާ އިސްއުފުލާ ނުވެސް ބަލާކަމަށް ޓީޗަރުން ބުނާ" ކަމަށެވެ.

" ވަކި މީހަކަށް ވަކިތަނަކަށް އިޙްތިރާމް ނުކުރާނަމޭ ބުނުމަކީ އެއީ ދުނިޔެ ދަންނަ އުޞޫލެއް ނޫން" އިސްކަންދަރު ސްކޫލްގެ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން މުޅި ރާއްޖެއަށް ލައިވް ކުރަމުން ދިޔަ ޖަލްސާގައި ވިދާޅުވިއެވެ.

" މިއީ އަލަށް އައިސްގެން އުޅޭ ކަމެއް. ދިވެހިން ދަންނަ ސަގާފަތުގައި އޮތް ކަމެއް ނޫން. މިކަން މިގޮތަށް ދާނަމަ ކުރިއަށް އޮތް ތަނުގައި ފެންނާނީ އިޚްތިރާން ނުކުރާ ޖީލެއް އުޅެމުންދާތަން. އެތައް އަހަރެއް ވަންދެން ކިޔަވައިދީ، ތިމާ މީހަކަށް ހެދުމަށްޓަކައި މަސައްކަތްކުރި ޓީޗަރު ފެނުނީމާ ހިނިތުންވުމެއް ދިނުމަކީ އެއީ މިލިއަން ޑޮލަރުން ގުނާލެވޭނެ ކަމެއް"

ހުސައިން ވިދާޅުވީ، ކިޔަވާކުދިންގެ އާންމު ހާލަތަށް ބަލައިފިކަމަށް ވާނަމަ މުސްތަގުބަލުގައި އެތަނެއް އޮންނާނެ ގޮތް އެނގިގެންދާނެ ކަމަށެވެ.

" މިއަދުގެ ކިޔަވާ ކުދިންނަކީ ހަރުކަށި ބަޔަކަށް ވެއްޖިއްޔާމު މުސްތަގުބަލުގައި ފެންނާނީ ހަރުކަށި މުޖްތަމައެއް. މިއަދުގެ ކިޔަވާކުދިންނަކީ އަޅާލުމާއި ލޯތްބާއި އިޙްތިރާމާއެކު އެއްބަޔަކު އެނެއްބަޔަކާ ގުޅިގެން އުޅޭ ކުދިބަޔަކަށް ވެއްޖިއްޔާމު މުސްތަގުބަލުގައި މުޅި މުޖުތަމައުން ފެނިގެން ދާނީ އަޅާލުމާއި ލޯތްބާއި އެކަކު އެނެކަކަށް އިޙްތިރާމްކުރާ މަންޒަރު"

ހުސައިން ވަނީ، ރާއްޖެއާ ބީރަތްޓެހި އެ ސަގާފަތް މުޅިން ބަދަލުކޮށް، މުޅި ރާއްޖެއަކީ އިޙްތިރާމް ކުރާ އިޙްތިރާމް ލިބިގަންނަ ރާއްޖެއަކަށް ހަދަން މަސައްކަތް ކުރުމަށް އިސްކަންދަރު ސްކޫލްގެ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

" ތިޔަކުދިން އިސްނަގައިފިނަމަ އެއީ މާ ބޮޑުކަމަކަށް ނުވެ، އެންމެންގެ ތެރޭގައި އެކަން ފެތުރިގެންދާނެ"

ބެލެނިވެރިންނަށް އަމާޒުކޮށް ހުސައިން ވިދާޅުވީ، މާދަމާއަށް ދަރިން ތައްޔާރު ކުރުވަން އެބަޖެހޭ ކަމަށެވެ. ކޮންމެ ހާލަތެއްގައި ވެސް ކުދިން ކުރަންޖެހޭ މަސައްކަތް އެކުދިން ލައްވައި ކުރުވާ، ކުރުވަން ދަސްކޮށްދޭ ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ހުސައިން ވިދާޅުވީ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްފިނަމަ ކިޔަވައިގެން ތިބި ވިސްނުންތޫނު ޖީލެއް ބިނާކުރެވިދާނެ ކަމަށެވެ. އެކަމަކު އެއް ދުވަހުން އަނެއް ދުވަހަށް ފެންނަނީ ފަރުވާކުޑަވަމުންދާ ތަން ކަމަށާޢި، ހުރިހާ ހިސާބަކުން ފެނިގެންދަނީ އެތަން ކަމަށެވެ. މާދަމާ އަޅުގަނޑުމެން ދުނިޔެ ދޫކޮށްލާފައ ދާޢިރު، ދަރިފުޅަކީ ކަންނެތް ކުއްޖަކަށް ވެއްޖެނަމަ ބެލެނިވެރިއެއްގެ ހައިސިއްޔަތުން ޙާޞިލްކުރެވުނު ކަމެއް ނެތް ކަމަށް ހުސައިން ސައީދު ވަނީ ބެލެނިވެރިންނަށް ހަނދާން ކޮށްދެއްވިއެވެ. އެހެންވެ ވިސްނުމަށް ކުޑަ ބަދަލެއް ގެނެސް އެކުދިން މީހުންނަށް ހެދުމަށް އިލްތިމާސް ކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *