މަޖީދިއްޔާ، އިސްކަންދަރު، އަމީނިއްޔާ، ސީއެޗްއެސްއީ އެއް ދަންފަޅިއަށް ބަދަލުކުރަނީ

މާލޭގައި ހުރި ހަތަރު ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއް ދަންފަޅިއަށް ސްކޫލްތައް ބަދަލުކުރަން ބަލާއިރު، މާލެ ހިމެނޭ ސަރަޙައްދުތަކުގެ ސްކޫލްތަކަށް ދިމާވެފައިވަނީ ޖާގައިގެ މައްސަލަ ކަމަށެވެ. ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުންދާ ހަތަރު ސްކޫލްގެ މަސައްކަތް ނިމި އެތަން ބޭނުން ކުރަން ފެށުމުން މަޖީދިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި، އަމީނިއްޔާ ސްކޫލްގެ އިތުރުން ސީއެޗްއެސްއީ އެއް ދަންފަޅިއަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ސީއެޗްއެސްއީގެ ޖާގައިގެ ދަތިކަން ހައްލުކުރުމުގެ ގޮތުން އެ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް ހުޅުމާލޭގައި ވަނީ ފަށާފައެވެ. އެ އިމާރާތް ނިމުމުން އެ ސްކޫލަށް މިހާރު ބޭނުންކުރާ އިމާރާތުގައި އެއް ދަންފަޅިއަށް ސްކޫލް ހިންގޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، އެއް ފަންޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މަސައްކަތް އަތޮޅުތެރޭގައި ކުރިއަށް ދިޔަ ނަމަވެސް މާލޭގެ ސްކޫލްތަކުގައި އެކަން ތަންފީޒުކުރަން ފަށާނެ ދުވަހެއް ދަންނަވަން ނޭނގޭކަމަށެވެ. އަދި މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި މިހާރު އިމާރާތް ކުރަމުން ދާ ސްކޫލްތަކަކީ އެއް ދަންފަޅިއަށް އިމާރާތް ކުރަމުންދާ ސްކޫލްތަކެވެ.

މާލެ ހިމެނޭ ސްކޫލްތަކުގެ ތެރެއިން އެއް ދަންފަޅިއަށް ކިޔަވައިދެމުން ގެންދަނީ ވިލިމާލޭގައި ހުނނަ މުހްޔިއްދީން ސްކޫލާއި ކުރީގެ އިއްޒުއްދީން ސްކޫލްގައެވެ. ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި އެއް ދަންފަޅިއަށް ކުރިން ކިޔަވައި ދެމުން އައި ނަމަވެސް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާ ގުޅިގެން ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން އެ ސްކޫލް ވަނީ ދެ ދަންފަޅިއަށް ކިޔަވައިދޭން ފަށާފއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *