މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ވަނީ 12 ޖޫން 2022ގައި ނޭޝަނަލް ޓްރޭޑް ޓެސްޓިންގ އެންޑް ސަރޓިފިކޭޝަން (އެންޓީޓީސީ) އަދި ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (ނެޕް) އާއި ގުޅޭ ސިލްސިލާ ސެމިނަރތަކުގެ ތެރެއިން ފުރަތަމަ ސެމިނަރ ކުރިއަށް ގެންގޮސްފައެވެ. މި ސެމިނާރގެ މަޤްސަދަކީ އެން.ޓީ.ޓީ.ސީ އަދި ނެޕް ހިންގާގޮތުގެ މައުލޫމާތު ކަމާ ގުޅުންހުރި ފަރާތްތަކަށް ހިއްސާ ކުރުމާއި، އަދި މި ޕްރޮގްރާމްތަކަށް އިތުރަށް މީހުން ހޭލުންތެރި ކުރުވުމެވެ.
މި ސެމިނަރ ޝަރަފްވެރިކޮށްދެއްވާފައި ވަނީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާޙީމް ޙަސަންއެވެ. މިނިސްޓަރުގެ ވާހަކަ ފުޅުގައި ނޭޝަނަލް ޓްރޭޑް ޓެސްޓިންގްގެ މަޤްސަދަކީ ރަސްމީ ތަމްރީނަކާނުލާ ފަންނީ ހުނަރު ލިބިފައިވާ ހުނަރުވެރިންނަށް ޤައުމީ ފެންވަރުގެ ސަނަދެއް ދިނުން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމް.އެން.އެސް.ޑީ.އޭ އިން ހިންގާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްއަކީ މަސައްކަތުގެ މާހައުލުގައި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން ރަސްމީ ތަމްރީނެއް ހަދާ ހުނަރެއް ލިބިގަނެ ޤައުމީ ފެންވަރުގައި ސަނަދެއް ލިބޭނެ ޕްރޮގްރާމެއްކަމަށް ވިދާޅުވިއެވެ. އަދި ހަމައެއާއެކު، ރާއްޖޭގައި ޓިވެޓް ނިޒާމް ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަނގަކުރައްވައި، ވޮކޭޝަނަލް ދާއިރާ ކުރިއެރުވުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދާ ކަމެއްކަން ވެސް ވިދާޅުވިއެވެ.
މި ސެމިނަރގައި މިނިސްޓަރގެ އިތުރުން ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި އެމް.އެން.އެސް.ޑީ.އޭގައި ރަޖިސްޓްރީވެފައިވާ އެސެސަރުންނާއި ޓްރެއިނިންގް ޕްރޮވައިޑަރުންގެ އިތުރުން ޓެކްނިކަލް ޕެނަލް މެމްބަރުން، ސެކްޓަރ ކައުންސިލް ތަކުގެ މެމްބަރުންނާއި ޓިވެޓް ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
advertisment
ހިޔާލު