މަތީ ތަޢުލީމަށް ލޯނުދޭން ކަނޑައެޅި ބަޖެޓްގައި ހުރި ފައިސާއިން ކިޔަވަން އިތުރު ފުރުޞަތުތަކަކަށް ހުޅުވާލަން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަތީ ތައުލީމުގެ ލޯނަށް ކަނޑައެޅި ބަޖެޓްގައި އަދި 21 މިލިއަން ރުފިޔާ ބާކީ އެބަހުރިކަމަށާއި، އެހެންވެ މަތީ ތައުލީމަށް އެ ފައިސާ ޚަރަދުކުރަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އެކަމަކު އެކަން ކުރާނެ ގޮތެއް އަދި ނިންމާފައި ނުވާ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މި އަހަރު މަތީ ތަޢުލީމުގެ ލޯނަށް އަނޑައެޅި ބަޖެޓުން ބާކީވީ ލޯނު ލިބުނު ދަރިވަރުން މަދުވުމުންނެވެ.
ލޯން ލިބުނު ދަރިވަރުން މަދުވީ، ދާއިރާތަކަށް ކަނޑައެޅި ޖާގަތަކަށްވުރެ ކުރިމަތި ލި ދަރިވަރުން އިތުރުވުމާއި އެޕްލިކޭޝަން ހުށަހެޅުމުގައި ދިމާވި މައްސަލަތަކާ ހުރެއެވެ. އެހެންވެ 720 ފުރުޞަތަށް ހުޅުވާލުމުން ހާހެންހާ ދަރިވަރުން ކުރިމަތިލި ނަމަވެސް ލޯން ކަށަވަރުވީ އެންމެ 393 ދަރިވަރުންނަށެވެ.
ލޯން ދޭން ދާއިރާތައް ކަނޑައެޅުމުގައި ބަލަނީ ރާއްޖެއަށް އެންމެ ބޭނުންތެރި ދާއިރާތަކަށް އިސްކަން ދީގެންނެވެ.
ހަޔަރ އެޑުޔުކޭޝަން މިނިސްޓްރީން ބުނީ ޕައިލެޓްކަމަށް ޚާއްޞަކުރި ދިހަ ޖާގައަށް 252 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އަދި ޑޮކްޓަރުކަމަށް ޚާއްޥަ ކުރި 25 ޖާގައަށް 129 ދަރިވަރުން ކުރިމަތިލި ކަމަށެވެ. އެހެންވެ އެ ދާއިރާއިން މަތީ ތައުލީމަށް ހުށަހެޅި ގިނަ ދަރިވަރުންނަށް ލޯން ކަށަވަރެއް ނުވެއެވެ.
advertisment
ހިޔާލު