ޖާގަތަކަށްވުރެ ކުރިމަތިލި ފަރާތްތައް އިތުރުވެ، މަތީ ތަޢުލީމުގެ ލޯނުން ގިނަ ފަރާތްތަކެއް ޑިސްކޮލިފައިވެއްޖެއެވެ.
ގިނަ ފަރާތްތަކުން މަތީ ތައުލީމުގެ ނޯލަށް ހުށަހެޅީ މަދު ދާއިރާތަކުންނެވެ. އޭގެ ތެރޭގައި ޕައިލެޓްކަމާއި ޑޮކްޓަރުކަން ހިމެނެއެވެ.
ޕައިލެޓްކަން ކިޔަވަން ޚާއްޞަކުރި 10 ޖާގައަށް 250 މީހުން، ޑޮކްޓަރުކަން ކިޔަވަން ޚާއްޞަކުރި 25 ޖާގައަސް 128 ފަރާތަކުން ކުރިމަތިލާފައިވެއެވެ. އެހެންވެ ޕައިލެޓްކަން ކިޔަވަން ހުށަހެޅި 240 ފަރާތެއް ވަނީ ޑިސްކޮލިފައި ވެފައެވެ. ޑޮކްޓަރުކަން ކިޔަވަން ކުރިމަތިލި 129 މީހުންގެ ތެރެއިން 104 ފަރާތެއް ޑިސްކޮލިފައިވީ އެ ދާއިރާއަށް ޚާއްޞަ ކުރި 25 ޖާގައަށްވުރެ އިތުރަށް ކުރިމަތި ލުމުންނެވެ.
މަތީ ތަޢުލީމަށް ސަރުކާރުން ހުޅުވާލި 720 ލޯނުގެ ފުރުސަތަށް ހާހެންހާ ފޯމް ހުށަހެޅިއެވެ. ލޯނަށް ހުޅުވާލީ ޑިޕްލޮމާއިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށެވެ. ޕީއެޗްޑީއަށް ޚާއްޞަ ކުރި ފަސް ޖާގައަށް 31 ފަރާތަކުން ކުރިމަތިލާފައިވެއެވެ.
ލޯން ލިބުނު ފަރާތްތަކުގެ ވަގުތީ ލިސްޓް މިއަދު އާންމުކޮށްފައިވާއިރު، ލޯން ލިބެނީ 393 ފަރާތަކަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، ލޯން ނުލިބި ގިނަ ބަޔަކު ޑިސްކޮލިފައިވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށްފައިވާނެ ކަމަށާއި، ހިތްހަމަނުޖެހޭ ނަމަ މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ އެއް ދާއިރާތަކަށް ގިނަ ފަރާތްތަކުން ކުރިމަތިލަމުންދާ ކަމަށާއި، ލޯނުގެ ފުރުޞަތު ދެވެނީ އެންމެ ބޭނުންތެރި ދާއިރާތަކުން މީހުން ބިނާކުރަން އިސްކަންދީގެން ކަމަށެވެ. އެހެންވެ އެއް ދާއިރާއަކުން ގިނަ ފުރުޞަތު ތަކެއް ދެވެން ނެތް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލޯނު ނުލިބި ޑިސްކޮލިވާން ޖެހުނު ސަބަބުތަކުގެ ތެރޭގައި ދީފައިވާ އިރުޝާދުތަކާ އެއްގިތަށް ފޯމު ނުފުރުމާއި، ލޯނު ސްކީމްގައި ނެތް ދާއިރާތަކުން ކިޔެވުމަށް ކުރިމަތިލައިގެންނާއި އަދި އޯލެވެލް އާއި އޭލެވެލް ސެޓްފިކެޓް ހުށަނޭޅުން ހިމެނޭ ކަމަށެވެ.
advertisment
ހިޔާލު