މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުމާ ގުޅިގެން އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ 95 ގަޑިއިރުގެ ދުވުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މިރޭ އިފްތިތާޙްކޮށްދެއްވައިފިއެވެ.
މިރޭ 9:30 ގައި، ދާރުލްއުލޫމުން ފެށި ދުވުމުގެ ތެރެއިން މުލީއާގެ ކުރިމަތީގައި ބޭއްވެވި ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކެޕްޓަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް "މަޖީދީ ރަން"ގެ ދަންމަރު އަރުވާފައެވެ. މި ދަންމަރު އެމަނިކުފާނު ވަނީ ސްޓިއަރިންގ ކޮމިޓީގެ ރައީސް އިބްރާހީމް އިސްމާއިލާ ޙަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި މަޖީދީރަންގެ ޓީޝާޓެއް ވަނީ ރައީސްގެ ދެކަނބަލުންނަށް ހަދިޔާކުރައްވާއެވެ.

މަޖީދީރަންގެ ބައިވެރިން ޓްރެކްދަނޑަށް ދިއުމުގެ ކުރިން މާލޭގެ ސާދަ ސަރަހައްދެއްގައި މަޑުކޮށް، ދަންމަރު ވަނީ އެކި ފަރާތްތަކަށް ބަދަލުކޮށްފައެވެ.
ޓްރެކްދަނޑަށް ދަންމަރު ގެނައުމުން ދަންމަރު ރޯކުރެއްވީ، ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަޚުލޫފެވެ. މިނިސްޓަރު ވަނީ ދުވުން ކުރިއަށް ގެންދިއުމުގެ ގޮތުން ޓްރެކް ވަށައިގެން އެއްބުރު ފުރިހަމަކުރައްވާފައެވެ. މި ދުވުން މިރެއިން ފެށިގެން މިމަހުގެ ސަތާރަ ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެއެވެ.
މަޖީދިއްޔާ ސްކޫލުން ބުނީ، މި ދުވުމުގައި އެ ސްކޫލްގެ އެހާރާއި މިހާރުގެ ދަރިވަރުންނާއި އަދި އާންމުންނާއި އެހެން ސްކޫލްތަކުގެ ދަރިވަރުން ބައިވެރިވާނެ ކަމަށެވެ.
މި ދުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސްކަން ކުރެއްވި ބޭފުޅުންނަށް ވަނީ ދައުވާތު ފޮނުއްވާފައެވެ. ދުވުން ނިންމާލެއްވުމުގެ ގޮތުން ދުވެވަޑައިގަންނަވާނީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ.
1500 އަށްވުރެ ގިނަ ކުދިން މިހާރު ކިޔަވަމުން ގެންދާ މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުނީ ނިމިގެން ދިޔަ އެޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަސް ކުލަގޮތަކަށް ފާހަގަކުރުމަށް އަހަރު ތެރެއަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފައެވެ.
advertisment
ހިޔާލު