ޓެކްނިކަލް ދާއިރާތަކަށް މީހުން ހޯދުމުގައި އޮތް ދަތިކަމަށް ހައްލު ހޯދަންޖެހޭ: ޑރ. އިބްރާހިމް ހަސަން

ޓެކްނިކަލް ދާއިރާތަކުން ހުނަރުވެރިން ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑު ކަމަށާއި މި ފަރަގުން އަރައިގަތުމަށް  ބޭނުންވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕް ފެއާވެލް ރިސެޕްޝަން ޝަރަފުވެރިކޮށްދެއްވައި ސްކޮލަރޝިޕަށް ހޮވުނު ފަރާތްތަކަށް މަރުހަބާވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ސާނަވީ ތަޢުލީމު ފުރިހަމަކުރާ ޒުވާނުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާއި މިއާ އެކު މަތީ ތައުލީމާއި ތަމްރީނު ހޯދަން ބޭނުންވާ ޒުވާނުންގެ އަދަދު ވެސް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ، މި ހާލަތަކީ އަދުގެ މަސައްކަތްތެރިންނަށް ރަނގަޅު ފެންވަރުގެ މަތީ ތައުލީމުގެ ޕްރޮގްރާމްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ހާލަތެއް ކަމަށެވެ.

މަތީ ތައުލީމު ޙާޞިލުކުރާ ފަރާތްތަކަށް، އެންމެބޮޑު ބުރައެއް އުފުލަންޖެހިފައިވަނީ މާލީ ދަތިތަކާއި، ގައުމުގައި މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތައް މަދުވާތީ ކަމަށް  މިނިސްޓަރ ވިދާޅުވި އެވެ.

ބަލިމަޑުކަމެއްގެ ތެރެއިން ރާއްޖެ އަރައިގަންނަމުންދާއިރު ބޭރުގެ ގައުމަކަށް ތައުލީމު ހާސިލު ކުރަން ދިއުމަށްފަހު އެނބުރި އަންނައިރު އުއްމީދުތަކެއް ކުރައްވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ  އޮސްޓްރޭލިއާގެ ކޮލިފިކޭޝަންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ކޮލިފިކޭޝަންތަކެއް ކަމަށެވެ.

"އޮސްޓްރޭލިޔާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ ސަގާފަތް ތައް އެކުލެވޭ ގައުމު. އެގައުމަށް ހިޖުރަކުރާ މީހުންނަކީ އޮސްޓްރޭލިޔާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން. އޮސްޓްރޭލިއާއިން ސަގާފީ އަދި ތައުލީމީ ތަޖުރިބާގެ މުއްސަނދިކަން ތަޖުރިބާކޮށްލަން ތައްޔާރުވެ، އެ ތަޖުރިބާއަށް ޔުނިވަރސިޓީގައި ދުވަސްތައް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދަވަންވީ. " މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމުގެ ދާއިރާ ފުޅާކޮށް ޑައިވަރސިފައި ކުރުމަކީ، ރާއްޖެއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

1974 ވަނަ އަހަރު އޮސްޓްރޭލިޔާއާއި ރާއްޖެއާ ދެމެދު ދެޤައުމުގެ ގުޅުން ގާއިމުކުރެވުނު ފަހުން، އޮސްޓްރޭލިޔާއިން ވަނީ ރާއްޖޭގެ އިންސާނީ ތަރައްޤީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައި ކަމަށާއި މިކަން މައިގަނޑު ގޮތެއްގައި ހާޞިލުކުރެވިފައިވަނީ އޮސްޓްރޭލިއާ އެވޯޑްސް އާއި އެހެނިހެން ސްކިލް ބިލްޑިންގ ސްކޮލަރޝިޕްތަކުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. ކިޔަވައިގެން  އެނބުރި އަންނަ ދަރިވަރުންގެ ސަބަބުން ވަރަށް ގިނަ އިންޑަސްޓްރީތަކުގައި، ހާއްސަކޮށް ފައިނޭންސް އަދި މެނޭޖްމަންޓް ފަދަ ދާއިރާތަކުގައި މީގެ ކުރިން މިންތީގެ އިމްބެލެންސް ފާހަގަކުރެވުނު ދާއިރާތަކަށް ވަރަށް ބޮޑު އަދި ހެޔޮ އަސަރުތަކެއް ކުރި  ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ސްކޮލަރޝިޕްގެ މި ބުރުގައިވެސް، ސްކޮލަރޝިޕް ލިބޭ 20 ފަރާތުގެ ތެރެއިން 12 ފަރާތަކީ އަންހެން ބޭފުޅުން" މިނިސްޓަރ ވިދާޅުވި އެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *