މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމާއި، 100 ސަތޭކައަހަރު ފުރޭ ކައުންޑައުން ފެށުމުގެ ތެރެއިން ކުރިއަށް ގެންދާ މަޖީދީރަންގައި ބައިވެރިވުމުގެ ފުރުޞަތު ރައީސްކަން ކުރެއްވި ބޭފުޅުންނަށް ދޭން ނިންމައިފިއެވެ.
ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުހައްމަދު އަމީން ދީދީ ފިޔަވައި އެހެން ހުރިހާ ބޭފުޅުންނަކީ ވެސް މަޖިދިއްޔާގެ ފަޚުރުވެރި ދަރިވަރުންނެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަމީން ދީދީއާއި އިބްރާހިމް ނާޞިރު ފިޔަވައި އެހެން ހުރިހާ ބޭފުޅުން މިވަގުތު ދުނިޔޭގައި އެބަތިއްބެވިއެވެ.
މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހުގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރައްވާ ލީޑިންގ ޓީޗަރު ޝަހުލާ އަހުމަދު ނާޞިރު ވިދާޅުވީ، މި މަހުގެ ތޭރަ ވަނަ ދުވަހުގެ ރޭ ފަށާ ދުވުމުގައި ބައިވެރިވާން ހުރިހާ ރައީސުންނަށް މިއަދު ދައުވަތު ފޮނުއްވާނެ ކަމަށާއި، އޭގެ ތެރެއިން ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނުރަސްމީކޮށް ވިދާޅުވެފައިވާ ކަމަށެވެ.
" ރައީސްކަން ކުރެއްވި އެ ބޭފުޅުންނަކީ މަޖީދިއްޔާގެ ފަޚުރުވެރި ދަރިވަރުން، އެހެންވެ 95 އަހަރު ފުރުމާ ގުޅިގެން ކުރިއަށް ގެންދާ މި ބޮޑު ހަރަކާތުގައި އެބޭފުޅުންގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ. ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ނުރަސްމީކޮށް ވަނީ ދެއްވާފައި" ޝަހުލާ ވިދާޅުވިއެވެ.
95 އަހަރާ ގުޅުވައިގެން 95 ގަޑިއިރަށް ކުރިއަށް ގެންދާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ދުވުމުގައި ބައިވެރިވާ ފަރާތްތަކުން ރަޖިސްޓްރީކުރަން ޖެހޭއިރު، 95 އަހަރަށް ޚާއްޞަ ޓީޝާޓް ވިއްކުމުގެ ހަރަކާތެއް ކުރިއަށް ގެންދަންވެސް މަޖީދިއްޔާ ސްކޫލުން ވަނީ ނިންމާފައެވެ.
މަޖީދީރަން ކުރިއަށް ގެންދަނީ މަޖީދިއްޔާ ސްކޫލްގެ ގޯތިތެރޭގައި ހުރި ދާރުލް އުލޫމުންނެވެ. އެއަށްފަހު، އެ ދުވުން ކުރިއަށް ގެންދާނީ ޓާފްދަނޑުގައެވެ. މި ދުވުން ނިންމާލެއްވުމުގެ ގޮތުން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ދުވެވަޑައިގެންނަވާނެއެވެ.
advertisment
ހިޔާލު