ކައުންސިލްގެ ދިރާސާ: މާކަނޑޫދޫ/މިލަންދޫ ސްކޫލަށް މިއަހަރު 75 އަހަރު

ށ. މިލަންދޫ ސްކޫލްގެ ތާރީޚަކީ، ޝައުގުވެރި ތާރީޚެއް އޮތް ސްކޫލެކެވެ. މިއަދު މިލަންދޫ ސްކޫލްގެ ނަމުން ނަންދެވިފަވީ ނަމަވެސް ހަޤީޤަތުގައި މިލަންދޫ ސްކޫލްގެ އަސްލަކީ، އެ އަތޮޅު މާކަނޑޫދޫ ސްކޫލެވެ.

މިލަންދޫ ސްކޫލަށް 75 އަހަރު ފުރޭނެކަމަށް މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކުގައި ޝާއިޢު ކުރެވިގެންދާނެކަމަށް ހާމަކުރުމާއެކު އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލްއަށް ގުޅާލުމުން އެންމެ ފުރަތަމަވެސް އެއްސެވީ، މިލަންދޫގައި މިހާރު މާކަނޑޫދޫ މީހުން ދިރިއުޅޭކަން އެނގޭތޯއެވެ. މިކަމުންވެސް ހާމަވީ މިލަންދޫ ސްކޫލަކީ، ދިގު ތާރީހެއް އޮތް ސްކޫލެއްކަމެވެ. އެ ސްކޫލުގެ 75ވަނަ އަހަރީ ދުވަސް މި އަހަރު ފާހަގަކުރަން ބޭނުންވާކަން އެ ސްކޫލުން މިނިސްޓްރީގައި އެދުމުން މިނިސްޓްރީންވަނީ އެ ސްކޫލަށް 75 އަހަރު ފުރޭކަން ސާބިތުކޮށްދޭން އެދިފައެވެ. އެސްކޫލު މެނޭޖްމެންޓާއި، ކައުންސިލް ގުޅިގެން ކުރި ދިރާސާއިން އެ ސްކޫލަށް 75 އަހަރު ފުރޭކަން ހެއްކާއެކު ސާބިތުކޮށްދީފައިވާނެ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

މާކަނޑޫދޫ ސްކޫލްގެ 47ވަނަ އަހަރުގެ އަހަރީ ޖަލްސާގެ ތެރެއިން.ފޮޓޯ/މިލަންދޫ ކައުންސިލް

ށ.މާކަނޑޫދޫ އަކީ،ހިޖްރީ ސަނަތުން 1263 ވަަނަ އަހަރުންފެށިގެން ކިޔަވައިދެމުން އަންނަ ރަށެކެވެ. ތަފާތު ނަންނަމުގައި އެ ރަށުގައި ކިޔަވައިދިނުމުގެ މަސައްކަތް ކޮށްފައިވާކަމަށް މިހާރުގެ މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް ވިދާޅުވިއެވެ. 1993ވަނަ އަަހަރު މާކަނޑޫދޫ ސްކޫލްގެ 46 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވާކަމަށްވެސް އެ ދިރާސާއިން ވަނީ ހާމަވެފައެވެ. މާކަނޑޫދުއަށް ކުރިމަތިވި ބިން ގިރުމާއި ޗަކަވުމުގެ ސަބަބުން މިލަންދުއަށް އެރަށު މީހުންވަނީ ބަދަލުވެފައެވެ. އެގޮތުން 2006ވަނަ އަހަރާއި ހަމައަށް މާކަނޑޫދޫ ސްކޫލާއި މިލަންދޫ ސްކޫލްގައި ކިޔަވައިދެމުން އައީ ދެ ސްކޫލެއްގެ ގޮތުގައި ވީ ނަމަވެސް، އެއް މެނޭޖްމެންޓެއްގެ ދަށުންނެވެ.

މާކަނޑޫދޫ ސްކޫލްގެ 46ވަނަ އަހަރުގެ އަހަރީ ޖަލްސާގެ ތެރެއިން.ފޮޓޯ/މިލަންދޫ ކައުންސިލް

މިލަންދޫ ސްކޫލް އުފެދިފައިވަނީ17 ސެޕްޓެންބަރ 2000ވަނަ އަހަރުއެވެ. އެހެންނަމަވެސް މިހާރުވެސް އެ ސްކޫލްގައި ބޭނުންކުރަމުން ދަނީ މާކަނޑޫދޫ ސްކޫލް ބެޖެވެ. ކިޔަވަމުންދަނީ މާކަނޑޫދޫ ސްކޫލުން މިލަންދުއަށް ބަދަލުވި މީހުންކަމަށް ތާރީޚީ ފޮތްތަކުން ސާބިތުވެފައިވާކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ. އެހެންކަމުން މިއަހަރު އެ ސްކޫލްގެ 75 ވަނަ ފުރިގެންދާނެއެވެ.  މިއަހަރު އަހަރީ ދުވަސް ރަށުގެ އެކި މުވައްސަސާތަކާއި ގުޅިގެން ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާ ކަމަށް ޕްރިންސިޕަލް އިބްރާހިމް އާދިލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *