ށ. މިލަންދޫ ސްކޫލުން، ދަރިވަރުން އިންޓަރނެޓް ބޭނުންކުރާ ގޮތާއި މެދު ބެލެނިވެރިން ސަމާލުވުމަށް ބާރުއަޅައި، މައުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ މިލަންދޫ ޕޮލިސް ސްޓޭޝަންއާއި ގުޅިގެން ކުރިއަށް ގެންދެވުނު ސެޝަނެކެވެ.
މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވި ގޮތުގައި، ދަރިވަރުންގެ ފަރާތުން އިންޓަރނެޓްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ނުހިފާކަމުގެ ޝަކުވާތައް ޓީޗަރުންގެ ފަރާތުން ސްކޫލް މެނޭޖްމެންޓާއި ހަމައަށް އައިސްފައިވާއިރު މިފަދަ މައްސަލަތަކެއް ޕޮލިހުންގެ ސަމާލުކަމަށްވެސްވަނީ އައިސްފައެވެ.
މީގެ އިތުރުންވެސް ޕްރިންސިޕަލް ވިދާޅުވީ، ކޯވިޑް19ގެ އަސަރު ކިޔެވުމަށް ފޯރުކޮށް، ކުލާސްތައް އޮންލައިން ކުރި ހިސާބުން އިންޓަރނެޓްގެ ޒަރިއްޔާއިން ކުރިމަތިވާ މައްސަލަތައް ފެންމަތިވެފައިވާކަމަށެވެ. މިފަދަ މައްސަލަތަށް ހައްލުކުރުމަށް އެންމެ ބޮޑު ހިއްސާއެއް އޮންނާނީ ބެލެނިވެރިންގެ އަތްމަތީކަންވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ. ބެލެނިވެރިން ފޯން، ޓެބްލެޓް ނުވަތަ ވައިފައި ދަރިވަރުންނަށް ފޯރުކޮށްދީފައި ހުންނަ ވަގުތު އެކުދިން ކުރާ ކަންކަން ގާތުން މޮނިޓަރކުރުމަކީ މުހިއްމު ކަމެއް ކަމުގައިވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.
ޕޮލިސް ސްޓޭޝަނާއި ސްކޫލުން ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަން ނަންގަވާދެއްވީ ޕޮލިހުންނެވެ. މި ސެޝަނުގައި އިންޓަރނެޓްގެ ޒަރިއްޔާއިން އެންމެ ބޮޑަށް ކުރިމަތިވާ މައްސަލަތަކާއި އެކަންކަމަށް ބެލެނިވެރިން އަހުލުވެރިކުރުމަށް މައުލޫމާތުވަނީ ފޯރުކޮށްދީފައެވެ.
މިލަންދޫ ސްކޫލުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ އިތުރު ޕްރޮގްރާމްތަކެއް އެޑިޔުކޭޝަން މިނިސްޓްރީއާއި ގުޅިގެން ދަރިވަރުންނަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު