ރޯދަމަހާއެކު ތަށިބަރި ހަދިޔާ ކުރުމުގެ ހަރަކާތްތަކެއް ސްކޫލްތަކުން ފަށައިފި

ގދ. އަތޮޅު މަދަރުސަގެ މުވައްޒަފުންނަށް ދޭ ތަށިބަރި އެ ސްކޫލްގެ މުވައްޒަފަކަ ހަވާލުކުރަނި- ތަށިބަރި ދިނުން މިހާރު ދަނީ އާންމުވަމުން- ފޮޓޯ ގދ. އަތޮޅު މަދަރުސާ

ތަށި ބަރި ހަރަކާތަކީ ރަމަޟާން މަހަށް ޙާއްސަ ހަރަކާތެކެވެ. މިއީ، މީހުންގެ މެދުގައި ގުޅުން ބަދަހިވެ، ތަށިބަރި ހަދިޔާކުރި ރޯދަވެރިއާއަށް ވެސް ދަރުމައާއި ޘަވާބުލިބިގެންވާ ހަރަކާތެކެވެ. މިހާރަކަށް އައިސް، ކޮންމެ ރަމަޟާންމަހެއްގައި ރާއްޖޭގެ ގިނަ މުއައްސަސާތަކުން ދަނީ މި ހަރަކާތް ކުރިއަށް ގެންދަމުންނެވެ.

ސްކޫލްތަކުން ވެސް ތަށިބަރި ހަދިޔާކުރުމުގެ ހަރަކާތަކީ ވަރަށް ފޯރީގައި ކުރިއަށްގެންދާ ހަރަކާތެކެވެ. ސްކޫލުތަކުގެ މުވައްޒަފުންގެ މެދުގައާއި ބެލެނިވެރންގެ މެދުގައި ގިނަ ސްކޫލުތަކުން ދަނީ ތަށިބަރި ހަރާކާތް ކުރިއަށްގެންދަމުންނެވެ.

ރޯދަ ވީއްލަން ތަށިބަރި ހަދިޔާ ކުރުމުގެ ހަރަކާތެއް ގދ. ގައްދޫގައި ހުންނަ އެ އަތޮޅު މަދަރުސާއިން ފަށާފައިވާއިރު، ނ.ކުޑަފަރީ ސްކޫލުންވެސް ވަނީ މި ހަރަކާތް ފަށާފައެވެ.

ގދ.އަތޮޅު މަދަރުސާގައި މި ހަރަކާތް ކުރިއަށް ގެންދަނީ އެ މަދަރުސާގެ އެސްއެމްޓީގެ މެންބަރުން އިސްނަގައިގެންނެވެ.

ގައްދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ އެސްއެމްޓީން އިސްނަގަައިގެން ކޮންމެ ދުވަހަކުވެސް އެ ސްކޫލްގެ ހަ މުވައްޒަފަކަށް ތަށިބަރި ހަދިޔާކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މިކަމަކީ މުވައްޒަފުންނާއި އެސްއެމްޓީއާއެކު އޮތް ގުޅުން ބަދަހިކޮށް އެފަރާތްތަކަށް އެކަށީގެންވާ ރޯދަވީއްލުމެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ނ.ކުޑަފަރީ ސްކޫލުން ތަށިބަރި ހަދިޔާ ކުރުމުގެ ހަރަކާތުގެ ތެރެއިން؛-ފޮޓޯ//ނ.ކުޑަފަރީ ސްކޫލް

" ބޭނުމަކީ ގުޅުން ބަދަހިކޮށް ސަދަގާތެއްގެ ގޮތުގައި ރޯދަވީއްލުމެއް ސްކޫލްގެ އެންމެހާ މުވައްޒަފުންނަށް ދިނުން" ގދ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ފާތިމަތު ނާހިދާ ވިދާޅުވިއެވެ.

ރޯދަވީއްލަން ކައިރިވެފައި ވަނިކޮށް ކޮންމެ ދުވަހަކު ވެސް ފޮނުވާ ތަށި ބަރި މުވައްޒަފުންނަށް ލިބެނީ ކުރިން އެނގުމަކާ ނުލައި، ސަޕްރައިޒެއްގެ ގޮތުގައެވެ.

"ސަޕްރައިޒެއްގެ ގޮތުގައި ތަށިބަރި ފޮނުވަނީ" ތިން ސަތޭކައެންހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ނާހިދާ ވިދާޅުވިއެވެ.

ނ.ކުޑަފަރީ ސްކޫލުން ތަށިބަރި ހަދިޔާކުރުން ގެންދަނީ ތަފާތުކޮށެވެ. އެ ސްކޫލުން ހަދިޔާ ކުރަން ބޭނުންކުރަނީ އެންމެ ތަށިބަރިއެކެވެ. އެ ތަށިބަރި ދާނީ ހުރހާ މުވައްޒަފުންނާހަމައަށް ދައުރުވަމުންނެވެ. އެ ސްކޫލުގެ ކޮންމެ ވެސް އެއް މުވައްޒަފަކަށް އެ ތަށިބަރި ލިބޭނެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *