ވާހަކަދެއްކުމުގެ 35ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ބަހުގެ އެކެޑަމީން ވާހަކަ ދެއްކުމުގެ 35 ވަނަ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ އެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ނުވައެއްގައެވެ.

މުބާރާތުގެ ވާދަކުރުމުގެ ފުރުޞަތު ބަހާލައިފައިވަނީ 4 ބަޔަކަށެވެ. އެއީ ސްކޫލްތަކުގެ ބައި، މަތީ ތަޢުލީމުގެ ބައި، އަމިއްލަ ފަރާތްތަކުގެ ބައި އަދި އޮފީސް/ކުންފުނި/ޖަމާޢަތްތަކުގެ ބަޔެވެ. މުބާރާތުގެ ފުރަތަމަ ބައި، ސްކޫލްތަކުގެ ބައި ބަހާލައިފައިވަނީ 3 އުމުރުފުރާއަކަށެވެ. އެއީ ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީއެވެ. މަތީ ތަޢުލީމްގެ ބައި ބެހިފައިވަނީ ޔުނިވަރސިޓީ / ކޮލެޖް/ އިންސްޓިޓިއުޓް/ އެކަޑަމީތަކަށެވެ. މުބާރާތުގެ މަތީ ތަޢުލީމުގެ ބަޔާއި އޮފީސް /ކުންފުނި/ ކުލަބް/ ޖަމުޢިއްޔާ / ޖަމާޢަތްތަކުގެ ބަޔަށް ޙާއްސަކޮށްފައިވަނީ ބަހުސެވެ.

ސާނަވީ ދަރިވަރުންގެ ބައި ފިޔަވާ އެހެން ހުރިހާ ބައެއްގެ ވާހަކަ ދެއްކުން ދެ ހަފުތާއެއްހާ ދުވަހަށް ކުރިޔަށްގެންދެވިގެންދާނެއެވެ. ސާނަވީ ދަރިވަރުންގެ ބައި އޮންނާނީ ޖޫން 23އިން 30އަށެވެ. އެ ބައި ޖޫން މަހަށް ފަސްކުރަން ޖެހުނީ މުބާރާތް ފުރަތަމަ ބާއްވާ ދުވަސްތައް އޯލެވެލް އިމްތިޙާނުގެ ދުވަސްވަރާ ދިމާވާތީއެވެ.

އަދި މުބާރާތުގައި ބައިތަކުގައި ބައިވެރިވާ ފަރާތްތަަކުން ވާހަކަ ދައްކަންވީ މައުޟޫއުތައް ކަނޑައަޅާނެ ދާއިރާތައް މިހާރު ގެޒެޓުކޮށް، އެކެޑަމީގެ ވެބްސައިޓުގައި ވެސް ވަނީ އާންމުކޮށްފައެވެ. އެ މުބާރާތުގައި ބައިވެރިވުމަށް ޓަކައި ގޫގުލް ފޯމެއް ފުރުމަށް ފަހު މިމަހުގެ 17އިގެ 13:00ގެ ކުރިން ހުށަހަޅަންވާނެއެވެ. އެ ފޯމްތައް އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. މުބާރާތުގެ ޤަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ވެސް އެކެޑަމީންނާއި އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *