ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑަށް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21ގެ ނިޔަލަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ މަހު ހުޅުވާލި ސްކޮލާޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ގެ ނިޔަލަށް ހަމަވާނެ އެވެ.

މި ފަންޑަކީ ބޭންކިން އާއި މާލީ ދާއިރާއިން ޤާބިލް ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ޚަރަދުތަށް ހިމަނައިގެން ރާއްޖޭން ބޭރުން މަތީ ތައުލީމު ޙާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލި ފަންޑެކެވެ. މި ފަންޑުގެ ދަށުން ސްކޮލަރޝިޕް ދިނުމަށް ބޭންކުން ނިންމާފައިވަނީ 3 ދަރިވަރަކަށެވެ.

ބޭންކިން އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ އެކި ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި މި ފަންޑުން ހުށަހެޅޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހެޅެމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ޚަރަދާއި އެސްޓެބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ވެސް އެ ބޭންކުން ދިނުމަށް ވަނީ ހަމަޖެހިފައިވެ އެވެ.

ސްކޮލާޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން scholarships@bml.com.mv އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށްވެސް ވަނީ އަންގާފައެވެ. ސްކޮލާޝިޕް ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު ބީ.އެމް.އެލް ވެބްސައިޓުން ލިބިގެންދާނެއެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑަކީ މިއަހަރުގެ ނޮވެމްބަރު މަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ މުހިއްމު އެއް ހަރަކާތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *