ރަހުވާއާއި ސާރާ: އަރަބިއްޔާ ސްކޫލްގެ އެންމެ މޮޅު ދަރިވަރުން 

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 2019 އަދި 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

މި ޙަފުލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙުމަދު ޒާހިރު ޢަލީ އެވެ.  މިނިސްޓަރ ޑރ.އަޙްމަދު ޒާހިރުގެ ވާހަކަފުޅުގައި ނަމާދު ޤާއިމުކުރުމަށާއި މައިންބަފައިންގެ ބަސްއަހާ، ލިބިފައިވާ ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާ މުޖުތަމަޢު ޤަބޫލުކުރާ ދަރިންތަކަކަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.

2019 ވަނަ އަހަރު ސާނަވީ މަރުޙަލާއިން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ގުރޭޑު 10ބީގެ ދަރިވަރު ސާރާ ބިންތު އާމިރު އިބްނު ޢަލީ ހޮވިފައިވާއިރު މި މަރުޙަލާއިން 2020 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމް ޙާޞިލުކޮށްފައިވަނީ ގުރޭޑު10އޭގެ ދަރިވަރު އައިޝަތު ލަޔާން ޢަބްދުއްނާޞިރެވެ.

މަތީ ސާނަވީ އިން 2019 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށްހޮވިފައިވަނީ ގުރޭޑު 12 އޭގެ ދަރިވަރު ފާޠިމަތު ރަހުވާ ރަޝީދެވެ. 2020ވަނަ އަހަރު މި މަޤާމް ޙާޞިލު ކޮށްފައިވަނީ ގުރޭޑު 12އޭގެ ދަރިވަރު ފާޠިމަތު ހުޔާމެވެ.

ޔުނިފޯރމް ޙަރަކާތްތަކުން ވެސް އެންމެ މޮޅު ދަރިވަރުން ހޮވާ މި ޖަލްސާގައި އިނާމު ދީފައިވެއެވެ. މިގޮތުން 2019 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ގައިޑަކަށް ހޮވިފައިވަނީ އައިޝަތު އަޙްނާ ޙަނީފް 9ބީ އެވެ. 2019 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓަކަށް ހޮވިފައިވަނީ 12އޭގެ ދަރިވަރު ޔޫސުފް އިނާޝް އިނާޒެވެ. 2020 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ގައިޑަކަށް ޙައްވާ ޒައިހާ ޙަބީބު 10އޭ ހޮވިފައިވާއިރު ހުރިހާ ގޮތަކުން އެންމެ މޮޅު ސްކައުޓަކަށް ހޮވިފައިވަނީ 11އޭގެ ދަރިވަރު ޢަބްދުﷲ ޞަރޫފް މުޙައްމަދެވެ.

ދިވެހިރާއްޖޭގައި ހުރި ހަމައެކަނި ޢަރަބި މީޑިއަމަށް ކިޔަވައިދެމުންގެންދާ މި ސްކޫލުގެ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ތަޢުލީމީ ގޮތުންނާ އެހެނިހެން ގޮތްގޮތުން ވަނަތައް ހޯދައި 131 ދަރިވަރަކު ވަނީ އިނާމު ޙާޞިލުކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *