ދިވެހި ސްކްރީން-ރީޑިންގ ސޮފްޓްވެއަރ "ޝާމިލުއަޑު" ލޯންޗްކޮށްފި

ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ތައްޔާރުކުރެވި، ތަޢާރަފުކުރާ ދިވެހި ސްކްރީން-ރީޑިންގ
ސޮފްޓްވެއަރ ޝާމިލުއަޑު' ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އިފްތިތާޙްކޮށްދެއްވައިފިއެވެ. ސޮފްޓްވެއަރ އިފްތިތާޙްކޮށްދެއްވާފައިވަނީ އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ޖަވާބު އެކަޑަމީން ތައްޔާރު ކުރި މި ސޮފްޓްވެއަރގައި އެންމެ ބޮޑު އިސްކަމެއް ދީފައި ވަނީ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެންމެ ފަސޭހަކަމާއެކު ބޭނުންކޮށްލެވޭ ގިނަ ޕްލެޓް ފޯމް ތަކަކަށް ސަޕޯޓް ކުރާނެފަދަ ސޮފްޓްވެއަރ އެއް ފަރުމާކުރުމަށެވެ. މިއީ ދިވެހިރާއްޖަށް އައު މަސައްކަތަކަށްވެ، ގިނަ ދިރާސާތަކަކާއި ހޯދުންތަކެއްގެ މައްޗަށް ބަރޯސާވެފައިވާ މަސައްކަތަކަށް ވުމުން މިމަސައްކަތް ކުރަށްއަށް ގެންގޮސްފައިވަނީ ރިސާޗް އެންޑް ޑިވެލޮޕްމެންޓް މަސައްކަތެއްގެ ގޮތުގައިކަން ޑިވެލޮޕަރ ފާހަގަ ކުރާ ކަމަށް ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝަނުން ބުނެއެވެ.
ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރ ޝާމިލުއަޑު، ޑެސްކްޓޮޕް، އެންޑްރޮއިޑް އަދި އައިއޯގައި ބޭނުން ކުރެވޭނެއެވެ.

2019  އިން 2024 އަށް ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާގެ ޕްލޭން އެޑިއުކޭޝަން ސެކްޓަރ ޕްލޭންގައި ދިވެހި ސްކްރީން ރީޑިންގ ސޮފްޓްވެއަރއެއް އުފެއްދުމަށް ކަނޑައެޅީ، ފަރުދީތަފާތުތަކަށް ރިޢާޔަތްކޮށް އުނގެނުމުގެ ހަމަހަމަ ފުރުޞަތުތައް ހުރިހާ ދަރިވަރުންނަށް ކަށަވަރު ކޮށްދިނުމުގެ ގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް އުނގެނުމުގައި ދިމާވެފައިވާ ގޮންޖެހުންތައް ކުޑަކުރުމުގެ
މަގްސަދުގައެވެ.
ދިވެހި ރާއްޖޭގައި ދިވެހި ބަހުން ސްކްރީން-ރީޑީންގ ސޮފްޓްވެއަރއެއް ރަސްމީ ގޮތެއްގައި ބޭނުންކުރެވެން ފަށާ ފުރަތަމަ ފަހަރަށް މިޕްރޮޖެކްޓް ވެގެންދާއިރު، މިއީ ދިވެހިބަހަށްވެސް ލިބިގެންދާ ކުރިއެރުމެކެވެ. އަދިއެންމެހާ މުދައްރިސުންނަށާއި ދަރިވަރުންނަށް ނުހަނު ބޮޑު ފަސޭހައެއް މިސޮފްޓްވެއަރއިން ލިބިގެންދާނެ ކަމަށް ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝަނުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *