ދަރިންގެ އުފަލައްޓަކައި ނުކުމެ، ކެޔޮދޫ ސްކޫލްގެ ދަރިވަރުންގެ ބައްޕައިން އެމީހުންގެ ހިތުގައި ސްކޫލާއި ދަރިންނާމެދު އޮތް ލޯތްބާއި ކުލުނު ދައްކާލައިފިއެވެ.
ކެޔޮދޫ ސްކޫލްގެ ފިރިހެން ބެލެނިވެރިން ވަނީ" ދަރިންގެ އުފާ" ގެ ނަމުގައި އިއްޔެ ހަވީރު ޚާއްޞަ ހަވީރެއް ބާއްވާފައެވެ. މިއީ އެ އެ ރަށުގެ ހުރިހާ ކުދިންނާއި ސްކޫލާއި މަންމައިންނަށް ބައްޕައިންގެ ފަރާތުން ދިން ތަފާތު ހަދިޔާއެކެވެ.
މިއީ މިފަދަ ހަރަކާތެއް ސްކޫލެއްގައި ބައްޕައިންގެ ފަރާތުން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައީމާ ހުސައިން ދަރިވަރު ނޫހަށް ވިދާޅުވީ އެ ސްކޫލްގެ ފިރިހެން ބެލެނިވެރިންގެ އިސްނެގުމުން އެ ސްކޫލަށް ލިބުނީ ބޮޑު ހިތްވަރެއް ކަމަށާއި، ކުޑަކުދިންގެ ހަވީރުގެ ސަބަބުން ބެލެނިވެރިންނާއި ސްކޫލާ އޮތް ގުޅުން އާ ހަރުފަތަކަށް ގޮސްފައިވާ ކަމަށެވެ.
" އަބަދުވެސް އަންހެން ބެލެނިވެރިން ސްކޫލްގެ ކަންތައްތަކުގައި އިސްކޮށް މަސައްކަތް ކުރަނީ. މަސައްކަތްތައް ހުންނަ ގޮތުން ބައްޕައިންނަށް ވަގުތު ދެވެނީ މަދުން. އެކަން ފޫބައްދައި ދަރިންގެ އެމީހުންވާ ލޯތްބާއި ސްކޫލާއެކު އޮތް ގުޅުން ދެއްކީ އަމަލީ ގޮތުން" ޒައިމާ ވިދާޅުވިއެވެ.

" ރަށުގެ ހުރިހާ ކުދިން ކަހަލަ ގޮތަކަށް މި ހަވީރުގައި ބައިވެރިވެ، އުފަލާއި ހިތްހަމަޖެހުމުގައި ވަގުތު ކޮޅެއް ހޭދަކުރި. ހަވީރުގެ ހުރިހާ ކަމެއްގައި ވެސް އިންތިޒާމް ކުރުމުން ފެށިގެން ކާތަކެތި ތައްޔާރުކޮށް އެތަކެތި ފޯރުކޮށްދިނުމުގައި ވެސް ހަރަކާތްތެރިވީ ފިރިހެން ބެލެނިވެރިން"
ދުވިސައްތަ އެންހާ ދަރިވަރުން ކިޔަވަމުންދާ ކެޔޮދޫ ސްކޫލް ޓިޖިޓަލް ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމް ކާމިޔާބު ކުރުމުގައި ވެސް ފިރިހެން ބެލެނިވެރިން ވަނީ އަމަލީ ގޮތުން މަސައްކަތް ކޮށްފައެވެ. ކުލާސްރޫމްތަކަށް ބޭނުންވާ ޓީވީތައް ހަމަކޮށް، އެ ހަރުކުރުމުގެ މަސައްކަތް ވެސް ބެލެނިވެރިން ވަނީ އިއްޔެ ނިންމާލާފައެވެ. ސްކޫލްގައި ހަރުކުރަން އޭސީއެއްވެސް ބެލެނިވެރިން ވަނީ ސްކޫލާ ހަވާލުކޮށްފައެވެ.

" މިއިން އެނގެނީ ސްކޫލްގެ ކުރިއެރުމާއި ކާމިޔާބީއާއި ދަރިންގެ މުސްތަގުބަލާމެދު ބެލެނިވެރިން ވިސްނާ މިންވަރު. ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް އެމީހުން ފޯރުކޮށްދޭ" ޒައީމާ ވިދާޅުވިއެވެ.
" ދަރިންގެ އުފާ"ގެ ހަވީރުގައި ތަފާތު ވައްތަރުގެ ކުޅިވަރުތައް ކުޅުމުގެ ފުރުޞަތު ކުދިންނަށް ފަހިކޮށްދީފައިވާއިރު، މި ހަރަކާތައް އެރަށުގައި މަސައްކަތްކުރާ ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީ، ފުލުހުންގެ ސްޓޯލެއް ތައްޔާރުކޮށްފައެވެ.
ކެޔޮދޫ ސްކޫލުން ބުނީ، ދަރިންގެ ކިޔެވުމުގަޔާއި ސްކޫލް ކުރި އެރުވުމަށް ފިރިހެން ބެލެނިވެރިންގެ ފަރާތުން ތިދެއްވާ އެއްބާރުލުމަށާއި ކޮށްދެއްވާ ބުރަ މިންނެތް މަސައްކަތައް އަގުވަޒަން ކުރާ ކަމަށެވެ.

އެއްމެ އިސް ސަފުގައި އެއްދުވަހުން އަނެއްދުވަހަށް ފައިތިލަ ސާބިތުކުރުމަށް ޓަކައި ސްކޫލުން ކުރާމަސައްކަތުގައި ފިރިހެން ބެލެނިވެރިންގެ އެއްބާރުލުން ނިހާޔަތަށް ލިބެމުންދާތީވެ އަދިވެސް އެއްފަހަރު ހިތުގެ ލޯބިން ޝުކުރު ދަންނަވާ ކަމަށް ވެސް އެ ސްކޫލުން ކުރި ޕޯސްޓެއްގައި ފާހަގަކޮށްފައިވެއެވެ.
advertisment
ހިޔާލު