ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމާ ބެހޭ އުޞޫލު އެކުލަވާލައި މިއަދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް އެއަށް ޢަމަލުކުރަން ފަށައިފިއެވެ.
މި އީ ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުޞޫލުތައް ހަދައި ހިންގުމުގެ ތެރެއިން އެކުލަވާލެވިފައިވާ އުޞޫލެކެވެ.
މި އުޞޫލު އެކުލަވާލުމުގެ މަޤްޞަދަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަދީގެން މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގައި މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގުމުގައި ދަރިވަރުން އެންރޯލްކުރުމާއި ކިޔަވައިދިނުމުގައި ޢަމަލުކުރަންޖެހޭ އެންމެހާ އުސޫލުތައް ބަޔާން ކުރުމެވެ.
ދަރިވަރުން ކޯސްތަކަށް އެންރޯލްކުރުމާއި، ކިޔަވައި ދިނުމާ ގުޅޭގޮތުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަދީގެން މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ޢަމަލުކުރަންޖެހޭ މިންގަނޑުތައް މި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ކިޔަވައިދެވޭނެ ސެމެސްޓަތަކުގެ އަދަދާއި، އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ކިޔައިދެވޭނެ "ވޯކް ލޯޑް" އާއި، ސެމިސްޓަރތަކުގެ އިންޓޭކާ ގުޅުވައިގެން ދަރިވަރުން އެންރޯލްކުރުމާއި، ލެކްޗަރަރ އިން ހަމަޖެއްސުމަށްފަހު ސެމިސްޓަރ ފަށާއިރު މޮޑިއުލްތައް ކިޔަވައިދޭން ފަށަން ކަނޑައަޅާފައި ވެއެވެ.
އަދި މި އުސޫލާ ޚިލާފަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ހުއްދަދީގެން މަތީ ތަޢުލީމުގެ ޕްރޮގްރާމްތައް ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ޢަމަލުކޮށްފިނަމަ، އެ މަރުކަޒަކާމެދު އަޅާނެ ފިޔަވަޅުތަކުގެ ތެރޭގައި، ފާހަގަކުރެވޭ މައްސަލަތައް އިޞްލާޙުކުރުމަށް އެކަށީގެންވާ މުއްދަތެއް ކަނޑައަޅައި ނޯޓިސް ދިނުމާއި، އެއަށްފަހު އިސްލާޙު ނުކޮށްފިނަމަ، އެ ޕްރޮގްރާމަށް ދީފައިވާ ހިންގުމުގެ ހުއްދަ ބާޠިލުކުރެވޭނެކަން ބަޔާންކޮށްފައި ވެއެވެ.
މި އުސޫލަށް މިއަދު ޢަމަލުކުރަންފަށާފައިވާއިރު މިއަދުންފެށިގެން 4 މަސް ދުވަހުގެ ތެރޭގައި، މަތީ ތަޢުލީމުދޭ މަރުކަޒުތަކުން، އެ މަރުކަޒެއްގެ އެކަޑަމިކް ކަލަންޑަރާއި، ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމްކޮށްފައިވާ ގޮތް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ހުށަހަޅަން މި އުޞޫލުގައިވަނީ ކަނޑައަޅާފައެވެ.
ރާއްޖޭގެ މަތީތަޢުލީމުގެ ފެންވަރު ކަށަވަރުކުރުމަށާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި މިނޫން ގަވާއިދުތަކާއި އުޞޫލުތައް ހެދުމުގެ މަސައްކަތް ވެސް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދަނީ ވަރަށް ބާރަށް ކުރިޔަށް ގެންދަމުންނެވެ.
advertisment
ހިޔާލު