ޤައުމުގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމުގެ ސިޔާސަތުގެ ދަށުން، ސުޕަރސްޕެޝަލްޓީ އަދި ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކުރުމަށްޓަކައި ޚާއްޞަ ސްކޮލަރޝިޕް ސްކީމެއް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ތައާރަފް ކޮށްފި އެވެ.
މިއީ، ރާއްޖެއަށް މީހުން ބޭނުންވާ ދާއިރާތަކުގެ ތެރެއިން ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ހިމެނޭ ސްކީމެކެވެ.
މި ސްކޮލަރޝިޕްތައް ތައާރަފް ކުރައްވާ މިނިސްޓަރ ވިދާޅުވީ ލާމަރުކަޒީ އުސޫލު ކާމިޔާބު ކުރެވޭނީ އަތޮޅުތެރޭގައި ޚިދުމަތް ފޯރުކޮށްދޭނެ ފަންނީ ތައުލީމީ ދިވެހިން އުފެއްދިގެން ކަމަށާއި، މި ސްކޮލަރޝިޕްތައް އުފެއްދެވި މައިގަނޑު ވިސްނުންފުޅަކީ އެއީ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތރުން، މިނިސްޓަރ ވިދާޅުވީ އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ސްޕެޝަލިސްޓު ޓްރެއިން ކުރައްވަން ނިންމެވީ އެ ޑޮކްޓަރުންގެ ޚިދުމަތް އެ ރީޖަނަލް ހޮސްޕިޓަލުތަކުގައި ލިބެން ހުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ސަރުކާރަށް ގަބޫލު ކުރެއްވޭތީކަމަށެވެ.
ޑޮކްޓަރުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވަނީ، ހުޅުމާލޭ ހޮސްޕިޓަލާއެކު 6 ރީޖަނަލް ހޮސްޕިޓަލަކުން އެދިފައިވާ ދާއިރާތަކާއި ލެވެލްތަކަށެވެ.
6 ރީޖަނަލް ހޮސްޕިޓަލުތަކުގެ ތެރޭގައި، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، ލ.ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ.ޢަބްދުޞަމަދް މެމޯރިއަލް ހޮސްޕިޓަލް، ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، މ.މުލީ ރީޖަނަލް ހޮސްޕިޓަލު ހިމެނެއެވެ.
އެ ހޮސްޕިޓަލްތަކުން ޑޮކްޓަރުން ސްޕެޝަލައިޒްވުމަށް 14 ދާއިރާއަކުން ތަމްރީނުކުރުމަށް އެދިފައިވެއެވެ. އެ ދާއިރާތަކަކީ، އެނަސްތީސިއޮލޮޖީ، އިންޓާރނަލް މެޑިސިން، އޯތޮޕީޑިކްސް އެންޑް ޓްރޯމާ ސާރޖަރީ، ގޭސްޓްރޯއެންޓްރޮލޮޖީ އެންޑް ހެޕަޓޮލޮޖީ، މެޑިކަލް އޮންކޮލޮޖީ، ޕީޑިއަޓްރިކް ނިއުރޮލޮޖީ، އޮޕްތަލްމޮލޮޖީ، ޑާރމަޓޮލޮޖީ، ނިއޯނޭޓޮލޮޖީ، ޕަލްމިނޮލޮޖީ، ނެފްރޮލޮޖީ، އެންޑްރޮކްރިނޮލޮޖީ އެންޑް ޑައިބެޓިކްސް އަދި ގައިނޮކޮލޮޖީ އެވެ.
މި ސްކީމްގެ ދަށުން 15 ސްޕެޝަލައިޒްޑް ޑޮކްޓަރުން ތަމްރީނުކޮށް އެ ހޮސްޕިޓަލްތަކަށް ބޮންޑުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
advertisment
ހިޔާލު