މުޙައްމަދު ރާފިލް ރަބީލްގެ ނިޔާވި ޚަބަރާއެކު އެންމެ ބޮޑު ޝޮކެއް ލިބުނީ އޭނާގެ އާއިލާގެ އިތުރުން، ގދ އަތޮޅު ސްކޫލަށެވެ. އޭގެ ސަބަބު ވެސް ޕްރިންސިޕަލް ފާތިމަތު ނާހިދާ ވިދާޅުވިއެވެ.
" އެއީ މި ސްކޫލްގެ އުފެއްދި އެންމެ ހުނަރުވެރި، އެންމެ މޮޅު ދަރިވަރު. ސްކޫލް ނިންމާލުމަށްފަހު ވެސް ސްކޫލާއެކު ވަރަށް ގާތް ގުޅުމެއް ބޭއްވި. ބޭނުންވި ކޮންމެ ކަމެއްގައި އެންމެބޮޑު އެހީތެރިކަމެއް ފޯރުކޮށް ދެމުން ގެންދިޔަ" އެ ވާހަކަ ދެއްކެވިއިރު ނާހިދާގެ އަޑުގައި ވަނީ މާޔޫސްކަމެވެ.
ގދ. އަތޮޅު ސްކޫލުން ގުރޭޑް ދިހައެއް ނިންމައި، މާލެއައިސް ގުރޭޑް އެގާރަ ނިންމައި، މުހައްމަދު ރާފިލް ރަބީލް ގުޅުނީ ސިފައިންގެ ޚިދުމަތާއެވެ. 19 އަހަރުގެ ރާފިލް، ސިފައިންގެ ޓްރޭނިންގ އަށް ދިޔައީ މީގެ ދެ ދުވަހެއް ކުރިންނެވެ. ދެން އިވުނީ އޭނާގެ ނިޔާވި ޚަބަރެވެ.
އެމްއެންޑީއެފުން ބުނެފައި ވަނީ ރާފިލް ނިޔާވީ ޓެރެއިނިންގ ހަދަމުން ދަނިކޮށް ނޭވާއަށް އުނދަގޫވެ، އިތުރު ފަރުވާއަށް ޅ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށެވެ. ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ. ރާފިލްގެ ކުއްލި މަރާއެކު އެޑިއުކޭޝަން މިނިސްޓްރީއާއި ގދ. އަތޮޅު މަދަރުސާއިން ވެސް ވަނީ ތައުޒީޔާ އޭނާގެ އާއިލާއަށް ކިޔާފައެވެ.
ރާފިލްއަކީ ގދ. އަތޮޅު މަދަރުސާގެ ޙަޔާތުގައި ވެސް އެންމެ މޮޅު އެއް ދަރިވަރެވެ. 2018 ވަނަ އަހަރު ގދ. އަތޮޅު މަދަރުސާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ.
" ސްކޫލްގެ އިތުރު ޙަރަކާތްތަކުގައި އިސްރޯލެއް އަދާކޮށް ދަރިވަރުންނާއި މުދައްރިސުންގެ ލޯބި ހޯދާފައިވާ އަޚުލާގު ރަނގަޅު ދަރިވަރެކެވެ. ރާފީލްގެ ކުއްލި ވަކިވެ ދިއުމަކީ ގދ. އަތޮޅު މަދަރުސާގެ އިތުރުން މުޅި ތަޢުލީމީ ޢާއިލާއަށް ވެސް ލިބުނު ނުހަނު ބޮޑު ހިތާމައެކެވެ.
މި ހިތާމަވެރި ވަގުތުގައި މަރުހޫމްގެ ފުރާނައަށް މާތްﷲ ރަޙުމަތްލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާކުރަމެވެ. އަދި މި ފުން ހިތާމައިގައި މި މިނިސްޓްރީގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، މަރުޙޫމްގެ މި ޢާއިލާއާއި އެކުވެރީންނަށް ކެތްތެރިކަން ދެއްވުންއެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ" އެޑިޔުކޭޝަން މިނިސްޓްރީގެ ތައުޒިޔާގެ މެސެޖްގައި ބުނެފައިވެއެވެ.
ނާހިދާ ވިދާޅުވި ގޮތުގައި ސްކޫލް ނިންމައި، ދާ ކުދިންނާ ރާފިލް މުޅިން ތަފާތެވެ. ކެޑޭޓެއްގެ ގޮތުގައި ވެސް މުހިންމު ރޯލެއް އެ ސްކޫލްގައި އޭނާ އަދާކުރިއެވެ. ކުދިންނާއި މުދައްރިސުންނާ ވެސް ގާތް ގުޅުމެއް ބޭއްވިއެވެ. އެއީ އަޚުލާގީ ގޮތުން ނަމޫނާ ދަރިވަރެކެވެ.
" ވަރަށް ހިތްހެޔޮ ކިޔަމަންތެރި ކުއްޖެއް އެއީ. އެންމެ މުހިންމު ކަމަކީ ސްކޫލާ އޮތް ގުޅުން. ސްކޫލްގައި ކިޔަވަމުން ދިޔަ ދުވަސްވަރެކޭ މާބޮޑު ތަފާތު ތަކެއް ނުބަހައްޓާ. އަބަދުވެސް ގުޅުން ބާއްވާ. ކޮށްދެވެން އޮތް ކޮންމެ ކަމެއް ސްކޫލަށް ކޮށްދެމުން ދިޔައީ" ނާހިދާ ވިދާޅުވިއެވެ.
advertisment
ހިޔާލު