ޣާޒީ ސްކޫލުން ޕްރިފެކްޓް ދުވަސް ފާހަގަކޮށްފި

ޕްރިފެކްޓް ދުވަސް ފާހަގަކުރުމުގެ ތެރެއިން. ފޮޓޯ: ޣާޒީ ސްކޫލް

ޣާޒީ ސްކޫލުން އެ ސްކޫލް ޕްރިފެކްޓް ދުވަސް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމަށްޓަކައި އެސްކޫލުންވަނީ ހާއްސަ ކޭމްޕެއް ކުރިއަށްގެންގޮސްފައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް މަރިޔަމް މުހައްމަދު ވިދާޅުވީ، މި ދުވަހުގެ ހާއްސަ ކޭމްޕް ފެށީ ހުރިހާ ޕްރިފެކްޓުން އެއް ޖަމާޢަތެއްގައި ފަތިސް ނަމާދުކުރުމަށްފަހުކަމަށެވެ. ދަރިވަރުން ކޭމްޕަށް ސްކޫލަށް ހާޒިރުވެފައިވަނީ، ހެނދުނު 4:45 ގައެވެ. އެއަށްފަހު އަތިރިމަތީގައި ތަަފާތު ކުރިވަރުތައް ކުރިއަށް ގެންދިޔުމަށްފަހުވަނީ އަތިރިމަތި ސާފުކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން މި ކޭމްޕްގައި އިސްލާމީ ނަޒަރަކުން ލީޑަރޝިޕްއަށް ބަލައި އައްޝައިޚް ހަސަން ތައުފީގް އަބްދުއްރަހްމާންވަނީ ދަރިވަރުންނަށް ދަރުސް ދެއްވާފައެވެ.

ޕްރިފެކްޓް ދުވަސް ފާހަގަކުރުމުގެ ތެރެއިން. ފޮޓޯ: ޣާޒީ ސްކޫލް

މި ކޭމްޕްގައި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުމަށްވަނީ ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މީގެ ތެރޭގައި މީހުން ބަލައިގަންނަފަދަ ރަނގަޅު މީހަކަށް ވުމަށްޓަކައި ކުރަންޖެހޭނެ ކަންތައްތަކާއި ލީޑަރޝިޕް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެ ކަންތަކުގެ މައުލޫމާތުވަނީ ދަރިވަރުންނަށް ދީފައެވެ. މީގެ އިތުރުންވެސް ކަންކަން ވަކި ތަރުތީބަކުން ކުރުމަށް ބަރުއަޅާ މިއަދުން ފެށިގެން ދަރިވަރުން އެގޮތަށް އަމަލުކުރުމަށްވަނީ ފަށާފައެވެ.

91 ޕްރިފެކްޓް ދަރިވަރުން އެ ސްކޫލްގައި ހަރަކާތްތެރިވާއިރު، މިފަދަ ދުވަހެއް އެކުދިންނަށް ހާއްސަ ކުރުމުގެ މައިގަނޑު މަޤްސަދަކީ، އެ ކުދިންކުރާ މަސައްކަތް ބަލައިގަނެ ހިތްވަރު ދިނުމެވެ. ޣާޒީ ސްކޫލް ޕްރިންސިޕަލް މަރިޔަމް މުހައްމަދު ވިދާޅުވީ، މި ކޭމްޕްގެ ސަބަބުން ކުދިންގެ ލީޑަރޝިޕް އިތުރަށް ކުރިއަރާނެކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *