ނާޒިރުކަމަކީ، ޢިލްމީ ޤާބިލްކަމުގެ އިތުރަށް، ދުނިޔެ، އެނގިގެން ކުރެވޭނޭ ކަމެއް: ޑރ. އައިޝަތު އަލީ

ޢިއްޒުއްދީން ސްކޫލް ޑިޖިޓަލައިސް ކުރުމުގެ ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޢާއިޝަތު ޢަލީ ވާހަކަފުޅުދައްކަވަނީ// ދަރިވަރު އޮންލައިން ފޮޓޯ

ނާޒިރުކަމަކީ، ޢިލްމީ ޤާބިލްކަމުގެ އިތުރަށް، ދުނިޔެ، އޭގެ އަޖާއިބުތަކާއި އައިބުތަކާއެކު އެނގިގެން ކުރެވޭނޭ ކަމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެއެވެ.

" ޕްރިންސިޕަލުންގެ ސްކޮލަރޝިޕް" ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސްކޫލް ހިންގެވުމަށް ޝަޢުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިނިސްޓަރު ވިދާޅުވީ، ސްކޫލު ހިންގާ ވެރީންގެ ޒިންމާ އަކީ ކޮމްޕްލެކްސް ނުވަތަ މުރައްކަބު ޒިންމާއެއް ކަމަށާއި އެއީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭ މަސައްކަތެއް ކަމަށެވެ.

" އެހެން އެތައް ބައެއްގެ ނަޒަރު އެމީހަކަށް އަބަދުމެ ހުއްޓި ހުންނަ ކަމެއް. އެމީހެއްގެ އުޅުންތަކާއި ގުޅުންތަކަށް ހުރިހާ ރައްޔިތުން ފާރަވެރިވާ، ބަލަމުންދާ ކަމެއް. މިއީ 24 ގަޑިއިރު، ސްޓްރީމިން ވީޑިއޯ ކެމެރާއެއްގެ ކުރިމަތީގައި ހުރުން ކަހަލަ ކަމެއް" މިނިސްޓަރު ވިދާޅުވިއެވެ.

ދިރާސާތަކުން ދައްކާގޮތުން، ސްކޫލުތަކުގެ ވެރިންނަކީ ކިލާހުގައި ކިޔަވައިދޭ މުދައްރިސް ފިޔަވައި، ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނޭ ފަރާތްކަން ބަޔާން ކުރައްވައި މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދިރާސާތަކުން ދައްކާގޮތުން، ސްކޫލުތަކުގެ ވެރިންނަކީ ކިލާހުގައި ކިޔަވައިދޭ މުދައްރިސް ފިޔަވައި، ދަރިވަރުންގެ ތަޢުލީމަށް އެންމެ ހެޔޮ ބަދަލެއް ގެނެވޭނޭ ފަރާތް ކަމަށެވެ.

" އެހެންކަމުން ނާޒިރު ކަމާ ކުރިމަތިލައްވާ ފަރާތްތަކަށް އަޅުގަނޑު ދަންނަވާނީ ތިޔަ ކުރިމަތިލެވެނީ ޤަދަރުވެރި ޒިންމާބޮޑު މަސައްކަތަކާއޭ. އެ ޒިންމާގެ ބޮޑުކަން އަބަދުވެސް ތިޔަ ބޭފުޅުންގެ ހަނދާނުގައި ބަހައްޓަވަންވާނޭ." މިނިސްޓަރު ވިދާޅުވިއެވެ.

" ސްކޫލު ހިންގާ ވެރިއެއްގެ ހައިސިއްޔަތުން، ތިއިން ކޮންމެ ބޭފުޅަކީ ސްކޫލުގެ ކިޔަވައިދިނުމުގެ ޕްރޮގްރާމް ފަހިކޮށް ކުރިއަށް ގެންދެވޭނޭ ވެށި، ސްކޫލުގައި އުފައްދައި ފަރާތަކަށް ވާންވާނޭ. ބެލެނިވެރިންނާއި އާއިލާތަކާ ގުޅުންތައް ޤާއިމްކޮށް ދަމަހައްޓާ ފަރާތަކަށް ވާންވާނެއޭ. މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި ދަރިވަރުންނާއި މުޖްތަމަޢުގެ އެހެން ފަރާތްތަކަށް ފަސޭހަކަމާއެކު ބައްދަލުކުރެވި ވާހަކަދެކެވޭ ބަޔަކަށް ވާންވާނޭ."

މިނިސްޓަރު ވިދާޅޫވީ ނާޒިރުން ވާންޖެހޭނީ، ތަޢުލީމީ ގޮތުން، އެހެން މުދައްރިސުންގެ އިތުބާރާއި އިޢުތިމާދު ލިބިގެންވާ ބަޔަކަށެވެ. މިނިސްޓަރު ވިދާޅުވީ، މުދައްރިސުން މި ޔަޤީންކަން ނާޒިރަކަށް ދޭނީ، ތަޢުލީމީ އައު ހޯދުންތަކާއި ކަރިކިޔުލަމްގެ ހުރިހާ މާއްދާތަކަށް ނާޒިރު ފާގަތި ނަމައެވެ. މި ޔަޤީންކަން ހޯދުމަށް، އެއް އަހަރު ދުވަހުގެ ތަމްރީނަކީ އެއްވެސް ގޮތަކަށް އެކަށީގެންވާ މިންވަރެއްގެ އުނގެނުމެއް ނޫން ކަމަށާއި، ނާޒިރުންގެ ޙަޤީޤީ ތަޢުލީމާއި ތަރުބިއްޔަތު ފެށޭނީ، ސްކޫލަކާ ޙަވާލުވުމަށްފަހު ކަމަށް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

" ބައެއް ފަހަރު ނާޒިރުންގެ ވަޒީފާއަކީ، ހޭ ނަކަތުގައި، ގަދަ ވަޔާއި ވިއްސާރައިގެ ތެރޭގައި، އަނގަމަތީ ބޮއްކުރައެއްގައި ދަތުރެއް ކުރުން ކަހަލަކަމަކަށް ވޭ. މި ފަދަ ވަގުތުތަކުގައި މިސްރާބު ހިފެހެއްޓޭނީ، އެކި ދިމަދިމާއިން އަންނަމުންދާ ރާޅުތަކުން ރެކި، ބޮއްކުރާގެ އުރުއްޓުން މަތަކުރުމަށް ފިޔަވަޅާއި ތިމާގެ ބަރުދަން އެކި މަޅުތަކަށް ޖައްސައިގެން" އިސްކަންދަރު ސްކޫލްގައި ބޭއްވި ހަފްލާގައި މިނިސްޓަރު މިރޭ ވިދާޅުވިއެވެ.

" މަންޒިލަށް ވާސިލުވެވޭނީ، އަމާޒަކީ ކޮބައިކަން އަބަދުވެސް ހަނދާންކޮށް ހޭރިޔާކޮށްގެން. އެހެންކަމުން، ނާޒިރުކަމަކީ، ޢިލްމީ ޤާބިލްކަމުގެ އިތުރަށް، ދުނިޔެ، އޭގެ އަޖާއިބުތަކާއި އައިބުތަކާއެކު އެނގިގެން ކުރެވޭނޭ ކަމެއް"

މިނިސްޓަރު ވިދާޅުވީ ދުރު މާޒީގައި ދިވެހިރާއްޖޭގެ ސްކޫލުތަކަށް ރަނގަޅު ފެންވަރުގެ ނާޒިރުން ހޯދުމުގެ މަސައްކަތް އެކިފަހަރު އެކިގޮތަށް ކުރެވިފައިވި ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި އަދި ރޭވުންތެރި ގޮތެއްގައި، ފެންވަރު ރަނގަޅު ދިވެހި ނާޒިރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަހުގެ ތާރީހެއްގައި ހިންގިފައި ނުވާކަމަށެވެ.

މިރޭ މި އިފުތިތާހުކުރެވޭ ސްކޮލަރޝިޕް މަޝްރޫޢުގެ ދަށުން، ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި، މިހާރު ދާއިމީ ނާޒިރުން ނެތް ސްކޫލުތަކަށާއި ބިދޭސީ ނާޒިރުން ތިއްބެވި ސްކޫލުތަކަށް ތަމްރީންވެފައިވާ ދިވެހި ނާޒިރުން ހަމަޖެހިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *