ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުމެއްގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ދަރިވަރު މީޑިއާއިން ސޮއިކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދެވެ. ދަރިވަރު މީޑިއާގެ ފަރާތުން ސޮއިކުރައްވާފައިވަނީ، މެނޭޖިން ޑިރެކްޓަރ މުހައްމަދު ރަފީޤެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު ވިދާޅުވީ ދަރިވަރު މީޑިއާއަކީ، އެ މިނިސްޓްރީއާއި ގުޅުންހުރި މީޑިއާއެއްކަމަށާއި، ތަޢުލީމާ ގުޅުންހުރި މައުލޫމާތުތައް އާންމުންނާ ހަމައަށް ވަރަށް ޒިންމާދާރުކަމާއެކު ގެނެސްދޭ މީޑިއާއެއްކަމަށެވެ.
ހަމަމިއާއެކު، ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ދަރިވަރު މީޑިއާއިން ހުރިހާ ސްކޫލްތަކުގެ މައުލޫމާތުތައް ހަމަހަމަކަމާއެކީ ގެނެސްދިނުމަކީ އެ މިނިސްޓްރީގެ އުންމީދުކަމަށެވެ.
ދަރިވަރު މީޑިއާއަކީ، ހަމައެކަނި ތައުލީމީ ދާއިރާއަށް ހާއްސަކޮށްގެން ރާއްޖޭގައި ހިންގާ ހަމައެކަނި މީޑިއާއެވެ. ދަރިވަރު މީޑިއާ މެދުވެރިކޮށް ތައުލީމީ ދާއިރާއާއި ގުޅުންހުރި މައުލޫމާތާއި ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގައި ހިންގާ ހަރަކާތްތަކުގެ މަޢުލޫމާތު އާންމުންނާ ހަމައަށް ލިބިގެންދާނެއެވެ.
advertisment
ހިޔާލު