އަލަށް އުފެއްދި 11 ވަނަ ކިލާހާއެކު، ކެޔޮދޫ ސްކޫލުން މަތީ ސާނަވީއަށް ކުރާ އުއްމީދު ބޮޑު

ކެޔޮދޫ ސްކޫލްގެ އެގާރަ ވަނަ ކިލާހުގައި ކިޔަވަމުންދާ ދަރިވަރުން: އަލަށް އުފެއްދި ގުރޭޑާއެކު ކެޔޮދޫގެ ތަޢުލީމަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި- ފޮޓޯ: ކެޔޮދޫ ސްކޫލް

ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހިވެގެން ދިޔައީ ދާދި ފަހުންނެވެ. ރާއްޖޭގެ އާބާދީ އެންމެ މަދު އަތޮޅަކީ ވ. އަތޮޅެވެ. އެ އަތޮޅު ކެޔޮދޫ ސްކޫލްގައި ގުރޭޑް އެގާރަ އުފައްދާ ކިޔެވައިދޭން ފެށީ ދިރާސީ އާ އަހަރާއެކު މަތީ ސާނަވީއަށް ކިޔަވައިދޭން ފެށުމާއެކުގައެވެ

ކެޔޮދޫ ސްކޫލްގައި އުފެއްދި އެގާރަ ވަނަ ކިލާހުގައި ހަ ދަރިވަރުން ދަނީ ބިޒްނަސް ސްޓްރީމަށް ކިޔަވަމުންނެވެ. މިއީ އެ ސްކޫލްގެ ތާރީޚީ ބެޗެވެ.

ގުރޭޑް އެގާރައަށް ކިޔަވައިދިނުން ކުރިއަށްދާއިރު، ކެޔޮދޫ ސްކޫލްގެ ޕްރިންސިޕަލް ޒައިމާ ހުސައިންގެ އުއްމީދު ވަރަށް ބޮޑެވެ. ކިޔަވައިދިނުމާއި އެ ދަރިވަރުންނަށް ބޭނުންވާ އިތުރުއެހީ ފޯރުކޮށްދޭން އޭލެވެލްއަށް ކިޔަވައިދޭ އެހެން ސްކޫލްތަކުގެ ތަޖުރިބާ އޭނާ ދަނީ ހޯއްދަވަމުންނެވެ. އެ ފުރުޞަތު ދަނީ ދަރިވަރުންނަށް ތަނަވަސް ކޮށްދެމުންނެވެ.

" ކިޔެވުމުގެ ކަންތައްތައް ވަރަށް ރަނގަޅަށް ކުރިއަށް އެބަ ގެންދެވޭ. އެކުދިން ވެސް ވަރަށް ހިތްވަރު ކުރޭ. ސްކޫލްގެ ހުރިހާ ކަމެއްގައި ވެސް އެކުދިންގެ ބައިވެރިވުން ބޮޑު" ޒައީމާ ވިދާޅުވިއެވެ.

ޒައިމާ ވިދާޅުވީ އެ ސްކޫލަށް ސީއެޗްއެސްސީއާއި ގދ. އަތޮޅު ތަޢުލީމީމަރުކަޒުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެއެވެ. އެއީ މަތީ ސާނަވީއަށް އެ ސްކޫލުން އެޅި ބިންގާ ވަރުގަދަ ކުރުމަށް ލިބުނު ހިތްވަރެކެވެ.

" ސީއެޗްއެސްއީއާއި ގދ. އަތޮޅު ތައުލިމީމަރުކަޒުގެ އެހީތެރިކަން ވަރަށް ބޮޑަށް އެބަލިބޭ. އެ ސެސްކޫލްތަކުގެ މުދައްރިސުންގެ އެހީތެރިކަމާއެކު ކޯޑިނޭޓް ކުރެވިގެން ކިޔެވުން ކުރިއަށް މި ގެންދަނީ. އުއްމީދުކުރެވޭ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް" ދުވިސައްތައެންހާ ދަރިވަރުން ކިޔަވަމުންދާ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ޒައީމާ ވިދާޅުވީ އަންނަ އޮކްޓޯބަރު/ ނޮވެމްބަރު މަހު އޮންނަ އިމްތިހާނަށް ތައްޔާރުވުމަށް ދުރާލާ ޕްލޭނެއް އެކުލަވާލައިގެން އެ ޕްލޭނާ އެއްގޮތަށް ކުދިން ތައްޔާރު ކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

އޮކްޓޯބަރު/ ނޮވެމްބަރުގައި އެގާރައިގައި ކިޔަވަމުންދާ ބިޒްނަސް ސްޓްރީމްގެ ދަރިވަރުންގެ އެޑެކްސެލް އިމްތިހާނު އޮންނާނީ އެކައުންޓާއި ހިސާބާއި ބިޒްނަސްއިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *