ކާކީވްގައި ތިބި ކިޔަވާކުދިން ހަންގޭރީއަށް އެތެރެވާން 15 ގަޑިއިރުގެ ދަތުރެއް ކުރަންޖެހޭ: ފޮރިން މިނިސްޓްރީ

ޔުކުރެއިންގެ ވެރިރަށަށް އަމާޒުކޮށް ރަޝީޔާ ސިފައިން ދޭ ހަމަލާތައް އިތުރުވެފައިވާއިރު، އެތަނުގައި މިހާރު ތިބީ 12 ދިވެހިން ކަމަށާއި، އެމީހުންނަށް ހަންގޭރީއަށް އެތެރެވުމަށް ކުރަން ޖެހެނީ ދިގުދަތުރެއް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ އިވާނޯގައި ތިބި 15 ދަރިވަރުން ހަންގޭރީއަށް ގެންދެވުނީ އެކުދިން ބޯޑަރާ ކައިރި ސަރަހައްދެއްގައި ތިބުމުން ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނީ ކާކީވްގައި ތިބި ދަރިވަރުން ހަންގޭރީއަށް އެތެރެވުމަށް 15 ގަޑިއިރުގެ ދަތުރެއް ކުރަންޖެހޭ ކަމަށާއި، އެ ދަތުރު ރައްކާތެރިނޫން ކަމަށެވެ. އެހެން ރޫޓަކުން ވެސް އެކުދިން ޔުކުރެއިނުން ނެރެވޭނެ ގޮތެއް އޮތްތޯ ބަލަމުން އަންނަ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

އިވާނޯގައި ތިބި ދަރިވަރުން ގެންދިޔައީ ހަންގޭރީގެ ބުޑަޕެސްޓަށެވެ. އެކުދިން މިއަދު ރާއްޖެ އަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔުކުރެއިނުގައި 12 ދިވެހިންގެ ތެރޭގައި ހިމެނެނީ ހަރުކީވްގައި ތިބި އަށް ދިވެހި ދަރިވަރުންނާއި، ނިޕްރޯގައި ހުރި އެއް  ދަރިވަރެއްގެ އިތުރުން ކިއެވްގައި ތިބި ދިވެއްސަކާ ކައިވެނިކޮށްގެން އުޅޭ ޔޫކްރޭން އަންހެނަކާއި އެމީހުންގެ ދެކުދިންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *