ރެހެންދި ސްކޫލުން ދަރިވަރުންނަށް ހާއްސަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދަނީ

ރެހެންދި ސްކޫލުން ބޭއްވި ވޯކްޝޮޕްގެ ތެރެއިން:ފޮޓޯ/ ރެހެންދި ސްކޫލް

ރެހެންދި ސްކޫލުން އެ ސްކޫލް ގްރޭޑް 10އެއްގެ ދަރިވަރުންނަށް ހާއްސަކޮށްގެން ވޯކްޝޮޕްތަކެއް ކުރިއަށް އެބަގެންދެއެވެ. މިގޮތުން ހަފްތާ ބަންދާ ދިމާކޮށް ކުރިއަށް ގެން ގޮސްފައިވަނީ އެކައުންޓް، ބަޔޮލޮޖީ އަދި މެރިން ސައިންސް މާއްދާގެ ވޯކްޝޮޕްއެކެވެ.

ކޮންމެ ހަފްތާ ބަންދަކާއި ދިމާކޮށް ކުރިއަށް ގެންދާ މި ވޯކްޝޮޕްތަކުގައި ކޮންމެ މާއްދާއަކަށް 6 ގަޑިއިރުގެ ކްލާހެއްވަނީ ކުރިއަށް ގެންގޮސްފައެވެ. އެ ސްކޫލްގެ ޕްރިންސިޕަލް އަބްދުﷲ ނާޒިމް ވިދާޅުވީ މި ފަދަ ވޯކްޝޮޕްތައް ގްރޭޑް 10އެއްގެ ދަރިވަރުންނަށް، މޮކްއެގްޒާމް ފެށެންދެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށެވެ. މިފަދަ ވޯކްޝޮޕެއް ދަރިވަރުންނަށް ބޭއްވުމުގެ މައިގަނޑު މަޤްސަދެއްގެ ގޮތުގައި ޕްރިންސިޕަލް ފާހަގަކުރެއްވީ، ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމާއި، އިތުރަށް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދީ އޯލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުކުރުންކަމަށެވެ.

ރެހެންދި ސްކޫލުން ބޭއްވި ވޯކްޝޮޕްގެ ތެރެއިން:ފޮޓޯ/ ރެހެންދި ސްކޫލް

މި ވޯކްޝޮޕްތައް ކުރިއަށް ގެންދަނީ ސްކޫލުން ބޭރުން އެ މާއްދާއަކަށް އެންމެ ތަޖުރިބާ ހުރި މޮޅު މުދައްރިސުން ގެނެސްގެންކަން ފާހަގަކުރައްވަމުން ޕްރިންސިޕަލް ވިދާޅުވީ، ތަފާތު ޓީޗަރުން ކިޔަވަދޭން އައުމުން ދަރިވަރުންގެ މޯޓިވޭޝަން އިތުރުވެ މިފަދަ ވޯކްޝޮޕްތަކަށްދޭ އެއްބާރުލުން އިތުރުވާކަމަށެވެ. މި ނިމުނު ހަފްތާ ބަންދުގައި، އެކައުންޓިން ކްލާސް ނަންގަވައިދެއްވީ އާމިނަތު ހުނައިސާ، ބަޔޮލޮޖީ ކްލާސް ނަންގަވައި ދެއްވީ އައިޝަތު ޝިފާނާ އަދި މެރިން ސައިންސް ކްލާސް ނަންގަވައިދެއްވީ ހިރިޔާ ސްކޫލްގެ މުދައްރިސް ޕާނިއަޑިމައި އެސްޕިންއެވެ.
ރެހެންދި ސްކޫލަކީ، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކޫލެކެވެ. އިތުރު ގަޑިތަކާއި ތަފާތު ވޯކްޝޮޕްތައް އެ ސްކޫލް އެކި ޑިޕާޓްމެންޓުން އިސްނަގައިގެންދަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *