އދ. އަތޮޅު މަދަރުސާގެ މުވައްޒަފުންނަށް ޙާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފި

އދ. އަތޮޅު މަދަރުސާގެ މުވައްޒަފުންނަށް ޙާއްސަކޮށް ކުރިއަށްގެންދެވުނު ވޯކްޝޮޕުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

"ވެހި އެޑިޔުކޭޝަނަލް ޓުއަރ 2022″ ގެ ދަށުން، އދ. އަތޮޅު މަދަރުސާގެ މުވައްޒަފުންނަށް ޙާއްސަ ވޯކްޝޮޕެއް ކުރިއަށްގެންގޮސްފިއެވެ.

މި ވޯކްޝޮޕް ކުރިއަށް ގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދެވުނު މި ވޯކްޝޮޕުގައި އދ.އަތޮޅު މަދަރުސާގެ ޕްރިންސިޕަލާއި ސީނިއަރ މެނޭޖްމެންޓް އަދި މުވައްޒަފުން ހިމެނޭހެން ޖުމްލަ 18 ބޭފުޅުން ބައިވެރިވެފައިވެއެވެ.

އދ. އަތޮޅު މަދަރުސާގެ މުވައްޒަފުންނަށް ޙާއްސަކޮށް ކުރިއަށްގެންދެވުނު ވޯކްޝޮޕުގެ ތެރެއިން؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

ވެހި އެޑިޔުކޭޝަނަލް ޓުއަރއަކީ އެކި ބުރުތަކަށް ބަހައިލައިގެން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ. އެގޮތުން، މި ޕްރޮގްރާމުގައި، ރަށްތަކުގެ ސްކޫލުތަކުގެ ޕްރިންސިޕަލުން، އެހެން ރަށްރަށުގެ ސްކޫލަށް ޒިޔާރަތްކޮށް، އެ ރަށެއްގެ ކިޔަވައިދިނުމުގެ ނިޒާމު ބައްލަވާ، މިހާރު އެ ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ނިޒާމު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ބައްލަވާނެއެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާރު، ހުރާ ސްކޫލުގެ 15 މުވައްޒަފުން ތާއްޖުއްދީން ސްކޫލުގައި ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި ބައިވެރިވެފައިވާއިރު، މި ޓުއަރގެ ތިން ވަނަ ބުރުގެ ބައިވެރިންކަމުގައިވާ ލ.އަތޮޅު ޕްރިންސިޕަލުންވަނީ، ކަލާފާނު ސްކޫލް، ހުރާ ސްކޫލް އަދި ރެހެންދި ސްކޫލަށް ޒިޔާރަތްކޮށްފައެވެ.

ހުރާ ސްކޫލުގެ 15 މުވައްޒަފުން ތާއްޖުއްދީން ސްކޫލުގައި ބޭއްވުނު މަސައްކަތު ބައްދަލުވުމުގައި؛- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

"ވެހި އެޑިޔުކޭޝަނަލް ޓުއަރ" ގެ ދެވަނަ ބުރުގައި ބައިވެރިވަނީ އދ، ވ، މ، ފ އަދި ދ. އަތޮޅުން 15 ޕްރިންސިޕަލުންނެވެ. މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ބައިވެރިވެފައިވަނީ، ގއ، ގދ އަދި ތ އަތޮޅުން 15 ޕްރިންސިޕަލުންނެވެ.

މި ޕްރޮގްރާމް ނިންމާ ބައިވެރިންނަށް އެޑުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިއެވެ.

"ވެހި އެޑިޔުކޭޝަން ޓުއަރ″ ގެ މަޤްޞަދުތަކަކީ، ސްކޫލު މެނޭޖް ކުރާ ތަފާތު ގޮތްތައް ޕްރިންސިޕަލުން ދެނެގަތުމާއެކު ސްކޫލެއްގެ އަމާޒު ހާސިލްކުރުމަށް ކިޔެވުމާއި އިތުރު ހަރަކާތް ކުރިއަށް ގެންދާ ގޮތް ދެނެގަތުމާއި، ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ހުރިހާ ދަރިވަރުން ޝާމިލުވާނޭހެން ހިންގޭނެގޮތް ތަޖުރިބާކޮށް ދެނެގަތުމެވެ.

ވެހި އެޑިޔުކޭޝަނަލް ޓުއަރގައި ބައިވެރވި ފުަރަތަަމަ ބުރުގެ ބައިވެރިން؛- ފޮޓޯ އެޑިޔުކޭޝާން މިނިސްޓްރީ

ހަމައެއާއެކު، އެންމެ ރަނގަޅު ތަޢުލީމީ ނިޒާމު ދެނެގަނެ އެ ސްކޫލެއްގެ މިހާރު ކިޔަވައިދެމުންދާ ނިޒާމުގެ ތެރެއަށް ފެއްތުމާއި، ސްކޫލުތަކުގެ އިތުރު ހަރަކާތްތަކާ ތަޢުލީމީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ބެލެނިވެރިން އަދާކުރާ ރޯލު ދެނެގަތުމާއެކު ސްކޫލުތަކުގެ ވަސީލަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ފަންޑް ހޯދުމުގެ ގޮތުން އެހީ ހޯދިދާނެ ތަފާތުގޮތްތައް ފަހުމް ކޮށްދިނުމެވެ.

"ވެހި އެޑީޔުކޭޝަނަލް ޓުއަރ" ޕްރޮގްރާމް ފައްޓަވާފައިވަނީ، މިދިޔައަހަރުގެ ނޮވެމްބަރު 23 ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *