ލަންދޫ ސްކޫލްގެ "ހަދާނީ ހަނދިޔާ ޝޮޕަށް" ޓޫރިސްޓުން ޝަޢުޤުވެރިވެއްޖެ

ލަންދޫ ސްކުލް
ލަންދޫ ސްކޫލްގެ ދަރިވަރުންގެ ހަނދާނީ ހަދިޔާ ޝޮޕުން ޓޫރިސްޓަކު ހަދިޔާއެއް ގަތުމަށްފަހު، ފައިސާ ދެނީ: ދަރިވަރުންގެ ތަފާތު އުފެއްދުންތަކަށް ޓޫރިސްޓުންގެ ޝަޢުޤުވެރިކަން އިތުރުވި- ފޮޓޯ: ލަންދޫ ސްކޫލް

އުކާލާ ތަކެތި ބޭނުން ކޮށްގެން ނ. ލަންދޫ ސްކޫލްގެ ދަރިވަރުންގެ އުފެއްދި ތަކެތި ދައްކާލަން ހުޅުވި " ހަދާނީ ހަނދިޔާ ޝޮޕަށް" ޓޫރިސްޓުން ޝަޢުޤުވެރިވެއްޖެއެވެ.

ލަންދޫ ސްކޫލްގެ ގޯތިތެރޭގައި ހުޅުވި އެ ޝޮޕަކީ ސަވާދީއްތަ ދަތުރާ ދިމާކޮށް އެ ސްކޫލްގެ ހުރިހާ ދަރިވަރުންގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ.

" ޓޫރިސްޓުން ވަރަށް ޝަޢުޤުވެރިވި. ބައެއް ކުދިން އުފެއްދި ތަކެތި އެކަށީގެންވާ އަގެއްގައި ގަނެގެން ދިޔައީ" ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފު އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ދަތުރާ ދިމާކޮށް ލަންދޫ ސްކޫލުން ބޭނުންވީ އެ ދަތުރުގެ ބައިވެރިންނަށް އަމާޒުކޮށްގެން ހަނދާނީ ހަދިޔާތަކެއް ތައްޔާރު ކުރާށެވެ. އެއީ ހަދިޔާގެ ގޮތުގައި ދިނުމަށާއި، ގަންނަން ބޭނުންވާ ޓޫރިސްޓުނަށް ވިއްކުމަށެވެ.

" ފަނަރަ ވަރަކަށް ދުވަހުގެ ކުރިން އަޅުގަނޑުމެން ހުޅުވާލީ ތަކެތި ތައްޔާރު ކުރަން. ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކު ދަރިވަރުން ތަކެތި ތައްޔާރު ކުރީ. އުއްމީދު ކުރިވަރަށްވުރެ ބޮޑު ތަރުޙީބެއް ޓޫރިސްޓުންގެ ފަރާތުން ލިބުނު. އެމީހުންނަށް ކަމުގޮސްގެން ބައެއް ތަކެތި އެކަށީގެންވާ އަގެއްގައި ގަތީވެސް. ބައެއް ކުދިން ހަދިޔާގެ ގޮތުގައި ބައެއް ތަކެތި ދިންވެސް މެ" ޔޫސުފު ވިދާޅުވިއެވެ.

ލަންދޫ ސްކޫލުން ބުނީ ހަނދާނީ ހަދިޔާ ތައްޔާރު ކުރުމުގެ މަސައްކަތް ހުޅުވާލީ މުބާރާތެއްގެ ގޮތުގައި ކަމަށާއި، ވާދަވެރިކަން އިތުރުކުރުމުގެ ބޭނުމުގައި ވަނަތަކަށް ހޮވޭ ކުދިންނަށް، އެރަށުގައި ބަނދަރު ކުރި ޔޮޓްތައް ބަލާލުމުގެ ފުރުޞަތު ވަނީ ދީފައެވެ.

ހަނދާނީ ހަދިޔާގެ ގޮތުގައި ދަރިވަރުން އުފެއްދި ތަކެތީގެ ތެރޭގައި ލަކުނޑިއާއި ރުކުގެ އެކިއެކި ބައިތަކުގެ އުފެއްދުންތަކާއި ހުސްފުޅިއާއި ލިޔެލާޖެހި ތަކެއްޗާއި ލަކުނޑި ބޭނުންކޮށްގެން ހަދާފައިވާ ކުދި ދޯނިތައް ފަދަ އެތައް ބާއްވަތްތަކެއް ހިމެނެއެވެ.

ދުއިސައްތަ އެންހާ ދަރިވަރުން ކިޔަވަމުންދާ ލަންދޫ ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ "ހަނދާނީ ހަދިޔާ"ޝޮޕަށް ދަރިވަރުންގެ މެދުގައި އޮތް ޝަޢުޤުވެރިކަމަށް ބަލައި އެފަދަ ހަރަކާތްތަކެއް ކޮންމެ އަހަރަކު ވެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. އެކަމަކު ދެން އެފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދާނީ ދަރިވަރުންގެ ބައިވެރިވުމާއި އަމިއްލަ އުފެއްދުންތައް ތަކަށް ވަރަށް ބޮޑަށް އިސްކަންދީގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *