ޖުމްހޫރީ ވެރިކަމަށް ކުރި ދަތުރު!

ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަލައިލާ ކަމުގައި ވާނަމަ، ރަސްކަމުގެ ވެރިކަމަކީ އެންމެ ކުރީޒަމާނުގައި ހިނގަމުން އައި ވެރިކަމެވެ. ރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، ތަފާތު އެކި ރަސްކަމުގެ ވެރިކަން ރާއްޖޭގައި ހިނގާފައިވެއެވެ. އެންމެ ކުރީޒަމާނުގައި ރަސްކަން ކޮށްފައިވަނީ ރަނިންނެވެ. އެއަށްފަހު ހިންދޫ ރަސްކަމެއްގައި އޮތުމަށްފަހު، ހިޖުރީ ތާރީޚުން 1153 ވަނަ އަހަރުގައި ރާއްޖެ އިސްލާމުވުމަށްފަހު ސުލްޠާނުންގެ ރަސްކަން ކުރެވެން ފެށުނެވެ. ހަމަމިއާއެކު މީލާދީން 1887 ގައި އިނގިރޭސިންގެ ބާރުގެ ދަށުގައި ރާއްޖެ އޮތުމަށްފަހު، 1965 ގައި މިނިވަންކަމަށް ސޮއިކޮށް ޖުމްހޫރިއްޔަތުގެ ވެރިކަންވެސް 1968 ގައި ފެށިގެން ދިޔައެވެ.

އޭރުގެ ޕްރައިމް މިނިސްޓަރ އިބްރާހީމް ނާޞިރް ރާއްޖެ މިނިވަން ވުމުގެ ސޮއި ކުރަނީ

ދިވެހިރާއްޖޭގައި ޖުމްހޫރިއްޔަތުގެ ވެރިކަމެއް ކަނޑައެޅުމަށް ވަރަށް ދިގު ދަތުރެއް ކޮށްފައިވެއެވެ. ތާރީޚުގެ ތެރެއަށް ބަލާލާނަމަ މި ދަތުރު ފުރަތަމަ ފެށިފައިވަނީ11 އެޕްރީލް 1943 ގައި ސުމުއްވުލް އަމީރު އަލްޙާއްޖާއަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ރަސްކަމަށް އެރުވުނު ހިސާބުންނެވެ. ނަމަވެސް، އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނެވުމުގެ ސަބަބުން، ރަސްކަމަށް އައުމުގެ ގިނަކަންތައްތަކެއް ފުރިހަމަ ނުވެ ހުއްޓެވެ. އަދި ރަސްކަމުގެ ތަޙުތު ގިނަދުވަސްތަކެއްވަންދެން ހުހަށްހުރުމުގެ ސަބަބުން، ރައްޔިތުންގެ އެދުމުގެ މަތިން ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ރަސްކަމަށް އެރުވުނެވެ.

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދީދީ

އެހެންނަމަވެސް، އޭރުގެ ދާޚިލީ އަދި ޚާރިޖީ ހާލަތު ހުރިގޮތުގެ ސަބަބުން އެ މަނިކުފާނު ރަސްކަން ކުރައްވަން ބޭނުންފުޅުނުވުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ވެރިކަން އޮންނާނެ ނިޒާމާމެދު ބަހުސް ކުރެވެން ފެށުނެވެ.

މިގޮތުން 1 ޖެނުއަރީ 1953 ގައި ފުރަތަމަ ޖުމްހޫރިއްޔަތުގެ ވެރިކަން ކުރެވެން ފެށުނެވެ. ނަމަވެސް 7 މަހާއި 21 ދުވަހަށް ފަހު، 1954 ރާއްޖޭގެ ޖުމްހޫރިއްޔަތުގެ ވެރިކަން، ރަސްކަމުގެ ވެރިކަމަށް ބަދަލުވެގެން ދިޔައެވެ. މިއަށްފަހު ތަޚުތަށް އިސްވެވަޑައިގަތީ އައްޞުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.

1965 ގައި އިނގިރޭސިންގެ އަތްދަށުން ފުރިހަމަ ގޮތެއްގައި ރާއްޖެ މިނިވަންވުމަށްފަހު، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރެއްވުމުގެ ވާހަކަ ދެކެވެން ފެށުނެވެ. އެގޮތުން، ދިވެހި ރައްޔިތުންގެ ސިއްރު ވޯޓަކާއެކު، 81 އިންސަންތައިން، ރަސްކަމުގެ ވެރިކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރުމުގެ ތާއީދު ލިބުނެވެ.

ދެވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް ނާޞިރް

11 ނޮވެމްބަރ 1968 ގައި ދެވަނަ ޖުމްހޫރިއްޔަތުގެ ވެރިކަން ފެށުނެވެ. މި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރީ، ރަސްކަމުގެ ވެރިކަމުގެ ދުވަސްވަރު، ޕްރައިމް މިނިސްޓަރގެ މަޤާމު އަދާކުރެއްވި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ދޮށިމޭނާ ކިލެގެފާނެވެ. ހަމަމިއާއެކު، ރައްޔިތުންގެ ހާއްޞަ މަޖިލީހަކަށްފަހު ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ ނެރުއްވިއެވެ. އަދި މި ޤާނޫނު އަސާސީގެ ދަށުން، ދިވެހިރާއްޖޭގައި ވެރިކަން ކުރާ ވެރިޔާގެ ނަންފުޅު "ރައީސުލް ޖުމްހޫރިއްޔާ" ކަމުގައި ތަޢާރަފު ކުރެވުނެވެ.

ޖުމްހޫރީވެރިކަމަށް 53 އަހަރު ފުރުނު ހިނދު، ޖުމްހޫރީ ދައުލަތެއްގައި އެންމެ ބޮޑު އިސްކަމެއްދެވޭނީ ރައްޔިތުންނަށެވެ. ޖުމްހޫރީ ދަޢުލަތަކީ ރައްޔިތުންގެ ވެރިކަން ހިންގޭ ދަޢުލަތެކެވެ. މިހެންކަމުން، ދަޢުލަތުގެ ހުރިހާ ކަމެއް ނިންމެން ޖެހޭނީ ރައްޔިތުން އެކަމެއް ކަނޑައަޅާ އުސޫލުތަކަށް ރިޢާޔަތް ކޮށްފައެވެ.

މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ދިވެހިރާއްޖޭގައި 6 ބޭފުޅުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައިވެއެވެ. އެއީ ރައީސް މުޙައްމަދު އަމީން ދީދީ، ރައީސް އިބްރާޙީމް ނާޞިރު، ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް، ރައީސް މުޙައްމަދު ނަޝީދު، ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެއެވެ. މިހާރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއަކީ ދިވެހިރާއްޖޭގެ 7 ވަނަ ރައީސްކަމުގެ މަޤާމު އަދާކުރަމުންދާ ވެރިޔާއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *