ޖާހިލިއްޔަ ޒަމާނުގެ އަނދިރިކަމުން ހިދާޔަތް ހޯދާ، އިސްލާމީ އަލިމަގަށް ދިވެހި ރާއްޖެ އައިސްފައިވަނީ ޙިޖުރީ ގޮތުން 548 ވަނަ އަހަރު ރަބީޢުލް އައްވަލް މަހުގެ 2 ވަނަ ދުވަހު އެވެ. މިއީ މީލާދީ ތާރީޚުން ބަލާނަމަ 1153 ވަނަ އަހަރެވެ. އިސްލާމީ ހިދާޔަތުގެ މަތީގައި 895 އަހަރު ވޭތުވިއިރު، މި ލޮބުވެތި ދީން ރާއްޖެއަށް ފަތުރާފައިވަނީ މަޣްރިބްކަރައިގެ މުސްލިމެއްކަމަށްވާ، އަބުލް ބަރަކާތު ޔޫސުފު އަލް ބަރްބަރީ އެވެ. ކޮންމެ އަހަރެއްގެ ރަބީޢުލް އައްވަލް މަހުގެ 2 ވަނަ ދުވަހަކީ ރާއްޖެ އިސްލާމްވިދުވަސް ގޮތުގައި ފާހަގަކުރާ ދުވަހެވެ.
އަބުލްބަރަކާތުލް ބަރްބަރީއަކީ ކީރިތި ޤުރުޢާން ހިތުދަސް ހާފިޒެކެވެ. އެ ބޭފުޅާ ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ އަށް ޒިޔާރަތް ކުރެއްވިއިރު، ވެރިކަމުގައި ހުރީ ބުދުދީނުގެ މީހެއްކަމަށްވާ ސިރީ ބަވަނާދީއްތަ (ދަރުމަވަންތަ) ރަސްގެފާނެވެ. އޭރު ރާއްޖޭގައި އޮންނަނީވެސް ބުދު ދީނެވެ. އަބުލްބަރަކާތުލް ބަރްބަރީ ރާއްޖެއަށް ވަޑައިގެން އަޒުމަކަށްވީ އިސްލާމީ ޝިއާރު އިއްވާ، ރާއްޖޭގެ ރަށްވެހިން އިސްލާމްދީނަށް ރުޖޫޢަކުރުމެވެ. ފުރަތަމައަށް ދަޢުވަތު ދެއްވީ ރަސްގެފާނު ސިރީ ބަވަނާދީއްތަ އަށެވެ. އެ ރަސްގެފާނު އިސްލާމް ދީން ޤަބޫލުކުރެއްވުމަށްފަހު، މުޙައްމަދު އިބްން އަބްދުއްﷲ ސިރީ ބަވަނާދީއްތައަށް ނަން ބަދަލުކުރެއްވިއެވެ. މިއަށްފަހު މުޅި ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ހޯދާ، ބުދު ދީނުގެ ހުރިހާ ޢަމަލެއް ހުއްޓާލުމަށްފަހު އަޅުކަންކުރަން ގޮސް އުޅުން ތަންތަން ވީރާނާކޮށް، މިހާރު އެއީ މިރާއްޖޭގެ ބިމުގެ އެންމެ އަޑީގައި ވަޅުލެވި ހަނދާނުން ނައްތާލެވިފައިވާ ކަންތައްތަކެވެ.

މިއަށްފަހުގައިވެސް، އަބުލްބަރަކާތުލް ބަރްބަރީ ރާއްޖެގައި މަޑުކުރެއްވިއެވެ. ނިޔާވަންދެންވެސް އުޅުއްވީ މާލޭގައެވެ. އެބޭފުޅާ ފަސްދާނުލެވިފައިވަނީ މެދު ޒިޔާރަތުގައެވެ. މިއީ 1656 ގައި ބިނާކުރެއްވި އެންމެ ފުރަތަމަ ހުކުރު މިސްކިތުގައިވާ ތަނެކެވެ.
ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމައަށް ފާހަގަކޮށްފައިވަނީ 1374 ވަނަ އަހަރުގައެވެ. 1387 ގައި މިކަމަށް ހުއްޓުމެއް އައިކަމުގައިވިއަސް 2001 ކުން ފެށިގެން މި ދުވަހަކީ ޤައުމީ ބަންދު ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަމުން ގެންދެއެވެ.
ޝައްކެއްވެސް ނެތް ގޮތުގައި އިސްލާމްދީނަކީ އެންމެ ފުރިހަމަ ދީނެވެ. ރިވެތި އާދަތަކާއި ސުލޫކާއި އެއްބައިވަންތަކަން ދައްކުވައިދޭ ނަމޫނާ ދީނެކެވެ. އަޅުގަނޑުމެންގެ މިނިވަންކަމާއި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަންމަތީ 895 އަހަރު ހޭދަކުރެވިފައި މިވަނީވެސް ހަމަ އިސްލާމްދީނުގެ ޝަރީޢަތާއި ފިޤުޙީ ރިވެތި އާދަތަކުގެ ސަބަބުންކަން ދޮގުކުރެވޭކަށް ނެތެވެ.

ދިވެހިރާއްޖޭގެ ތާރީޚަށް ބަލާލާއިރު، ކޮންމެ ޒަމާނެއްގައިވެސް އަޅުގަނޑުމެންގެ އިސްލާމްދީން ނައްތާލާ މިނިވަންކަމާއި ކުޅެލަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މި ނުބައިވެގެންވާ ކަންތަކުން އަޅުގަނޑުމެންގެ ކުޑަކުޑަ މި އިސްލާމީ ޤައުމު ސަލާމަތްކުރެއްވި ދޮންބަންޑާރައިންނާއި، ޢަލީރަސްގެފާނާއި ޝަޙީދު ޙުސެން އާދަމްފަދަ ޤައުމީ ބަޠަލުން ޤައުމުގެ ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދައްކުވާދީފައިވާ މިސާލަކީ އަޅުގަނޑުމެން އެންމެންވެސް ނަމޫނާއަކަށް ނަގަންވީ ކަންކަމެވެ. އިސްލާމީ ފިކުރާ ޚިލާފަށް ފާޅުގައިއާއި ސިއްރުގައި އެތަކެއް މަސައްކަތްތަކެއް ކުރާތަން މި މުޖުތަމައުން ދަނީ މިހާރުވެސް ފެންނަމުންނެވެ. މާތްﷲއާއި އެކަލާނގެ ބާވައިލެއްވި ދީނާއި، އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ސައްލަﷲ ޢަލައިހި ވަސައްލަމައަށް ފާޅުގައި ފުރައްސާރަކޮށް، ޖޯކުޖަހާތަން ދަނީ ފެންނަމުންނެވެ. ދަނީ ހުރުމަތްތެރިވެގެންވާ މިސްކިތްތަކުގެ ޙުރުމަތްކަނޑަމުންނެވެ. މިކަންކަމަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަންކަމެވެ. ވިސްނަންޖެހެނީ އިސްލާމްދީނުގެ ހިދާޔަތުގެ އަލީގައި އަޅުގަނޑުމެން ނެތްނަމަ މިއަދު މި ދިވެހިރާއްޖޭގައި އެއްވެސް މިނިވަންކަމެއް، ހަމަޖެހުމެއް، އަމާންކަމެއް ނޯންނާނެކަމެވެ. މި އިސްލާމީ މުޖުތަމައުންފެންނަ އަޚްވަންތަކަން ނުފެންނާނެކަމެވެ. އެހެންކަމުން އެފަދަ ނޭދެވޭ އަދި ނަހީކުރައްވާފައިވާ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި، ދީނުގެ ޢަޤީދާ ވަރުގަދަކޮށް އިސްލާމް ދީން އުނގެނި، އުނގަންނައިދިނުމަކީ ހުރިހާ ދިވެހިންގެ މައްޗަށްވެސް ވާޖިބެއްކަމަށް ދެކެންވާނެއެވެ.
advertisment
ހިޔާލު