ލާމާފަރު ފެސްޓިވަލް މިއަދު ނިމިގެން ދިޔައިރު، އެ ފެސްޓިވަލުގެ ތެރެއިން ފެނިގެން ދިޔައީ ދަރިވަރުންގެ ހުނަރާއި ތިމާވެއްޓަށް އެ ކުދިންދޭ ސަމާލުކަމެވެ. އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލުގައި ލ. އަތޮޅުގެ ހަތް ސްކޫލަކުން ބައިވެރިވިއެވެ. މި ފެސްޓިވަލް އިންތިޒާމް ކުރަނީ ސިކްސްސެންސަސް ލާމު ރިސޯޓުންނެވެ.
ކޮވިޑްއާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ދެ ރަށެއް ގެނައުމުން އެ ދެ ރަށުގެ ސްކޫލަށް މިފަހަރުގެ ފެސްޓިވަލުގައި ބައިވެރިއެއް ނުވެވުނެވެ. މިފަހަރުގެ ފެސްޓިވަލުގައި ބައިވެރިވީ އިސްދޫކަލައިދޫ ސްކޫލާއި، އިސްދޫ ސްކޫލާއި، މާމެންދޫ ސްކޫލާއި، ދަނބިދޫ ސްކޫލާއި، ކުނަހަންދޫ ސްކޫލާއި، ލ. އެތަތޮޅު މަދަރުސާއާއި މުންޑޫ ސްކޫލެވެ.
އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މި ފެސްޓިވަލް ކުރިއަށް ގެންދިޔައީ ލ. އަތޮޅުގެ ވަކިވަކި ރަށްތަކުގައެވެ. ފެސްޓިވަލް ރާވާލާފައި އޮތީ ލ. އަތޮޅުފެ ފަރުތަކާއި ދިރުންތަކާއި މުޅި އެކޯސިސްޓަމާ ގުލޭ ގޮތުން ގިނަ މައުލޫމާތު ތަކެއް ދަރިވަރުންނަށް ވެސް ލިބިދޭ ގޮތަށެވެ.

އިސްދޫ ކަލައިދޫ ސްކޫލްގެ ލީޑިން ޓީޗަރު، އާމިނަތު ޝަޒުލާ ވިދާޅުވީ މި ފެސްޓިވަލުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވީ ވެށީގެ ދިރުންތަކާއި އެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ރައްދުކޮށް ދިނުމަށް އެމީހުންގެ ޝުއޫރުތަކާ އެކުގައެވެ. އަދި ހުރިހާ ހަރާކަތެއްވެސް ރާވާފައި އޮތީ ރަށު ފެންވަރުގައި އެންމެންނަށް ފެންނާނެ ގޮތަށެވެ. އަދި އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވޭ ގޮތަށެވެ. މި ފެސްޓިވަލުގެ ތެރެއިން ރަށުގެ ސަރަހައްދުތަކެއް ސާފުކޮށް، އުކާލެވިފައިވާ ޕްލާސްޓިކްތައް ހޮވުމާއި، ކުދިން ޝައުގުވެރިކަމާއެކު ބައިވެރިވި އެތައް ހަރަކާތްތަކެއް ކުރިއަށް ގެންދެވުނު ކަމަށެވެ.
" މިކަމަށް ޚާއްޞަކޮށްގެން ބަހުސް މުބާރާތަކާއި، އުމުރުން ދޮށީ އިސްރަށްވެހިންގެ ފަރާތުން، ކުރީ ޒަމާނުގައި މަސްވެރިކަން ކުރި ގޮތުގެ މައުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދެވުނު" ޝަޒުލާ ވިދާޅުވިއެވެ.
މާމެންދޫ ސްކޫލްގެ ޕްރިންސިޕަލް އަސްލަމް މުހްތާރު ވިދާޅުވީ އެ ސްކޫލުން ވެސް މި ފެސްޓިވަލަށް ނުކުތީ ދަރިވަރުންގެ ފުރިހަމަ ބައިވެރިވުމާ އެކުގައި ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިއަދު ހެނދުނު ފެށި ފެސްޓިވަލް ނިންމާލީ ވެއްޓާމެދު އެކުދިންގެ ހިތްތަކުގައި އޮތް ލޯބި ރަމްޒުކޮށްދެމުންނެވެ.

ދަނބިދޫ ސްކޫލުން ބޭއްވި މައުރަޒުގައި ދަރިވަރުން ވަނީ އުކާލާ ޕްލާސްޓިކް ބޭނުންކޮށްގެން ތަފާތު ހުނަރުވެރި ތަކެތި ދައްކާލާފައެވެ. މިއިން ކޮންމެ އުފެއްދުމަކުން ވެސް ދައްކުވައިދީފައި ވަނީ ކަނޑާއި ފަރުތަކާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަކެއްޗެވެ.

"ލާމާފަރު ފެސްޓިވަލް" ކުރިން ބާއްވަމުން އައީ "ޓަރޓަލް ފެސްޓިވަލް" ގެ ގޮތުގައެވެ. ކޮވިޑްގެ ހާލަތާއެކު ހުސްވި އަހަރު މި ފެސްޓިވަލް ބޭއްވީ އޮންލައިންކޮށް ވީޑިއޯ ހުށަހަޅައިގެންނެވެ. އެފަހަރު ބައިވެރިވީ ލ އަތޮޅުގެ ހަތަރު ސްކޫލުންނެވެ.
ސިކްސްސެންސަސް ރިޒޯޓްގެ، ސަސްޓެއިނަބިލިޓީ އެންޑް ކޮމިއުނިޓީ އައުޓާރީޗް މެނޭޖަރ އާދަމް ( އެޑަމް) ދަރިވަރު ނޫހަށް ވިދާޅުވީ، މި ފެސްޓިވަލް އެއްދުވަހުން އަނެއް ދުވަހަށް ކާމިޔާބު ވަނުންދާ ކަމަށާއި، ސްކޫލްތަކުންނާއި ކައުންސިލްތަކުން ދެމުންދާ އެހީތެރިކަމާއި އެއްބާރުލުމަކީ މި ފެސްޓިވަލް ކާމިޔާބު ވުމުގެ އަސްޅުކަމަށެވެ. އަދި އޭނާ ވިދާޅުވީ އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާ ރަށެއްގައި ބާއްވަމުން އައި ފެސްޓިވަލް މިފަހަރު ވަކިވަކި ރަށްތަކުގައި ކުރިއަށް ގެންދިއުމަކީ ވެސް ތަފާތު ތަޖުރިބާއެއް ކަމަށާއި، ސްކޫލްތަކުން އެންމެ ފުރިހަމައަށް މި ފެސްޓިވަލަށް ތައްޔާރުވި ކަމަށެވެ.
" އަޅުގަނޑުމެންނަށް މި ފެންނަނީ މި ފެސްޓިވަލުގެ ހަގީގީ އޯނަރޝިޕް ސްކޫލްތަކުން ނަގަމުންދާތަން. ދަރިވަރުން ވެއްޓަށް ހޭލުންތެރިކޮށްގެން އަޅުގަނޑުމެން މި ކުރާ މަސައްކަތް ކާމިޔާބު ވާނީ" އެޑަމް ވިދާޅުވިއެވެ.
advertisment
ހިޔާލު