ރާއްޖެއަކީ ތަޢުލީމީ ރޮނގުގައި ކުރިއަރާފައިވާ ޤައުމެކެވެ. އުނގަންނައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރާއިރު އަމިއްލަ ގިނަ ފަރާތްތަކުންވެސް މިކަމުގައި ބައިވެރިވެއެވެ. ރާއްޖޭގެ ރައްޔިތުން ތަޢުލީމަށް ހުންނަ ލޯތްބެއްގެ ބޮޑުކަން މިކަމުން އެކަނިވެސް ދޭހަވެއެވެ. ރާއްޖޭގައި ސަރުކާރުގެ ގިނަ ސްކޫލުތައް ހުންނައިރު އަމިއްލަ ފަރާތްތަކުގެވެސް ސްކޫލުތައް ގިނައެވެ. ޚާއްސަކޮށް މާލޭގައި މިފަދަ ސްކޫލުތައް ގިނަކަން ފާހަގަކުރެވެއެވެ.
ދާދިފަހުން "ކޮއްކޮމެން ޕްރީ ސްކޫލު"ގެ ނަމުގައި ހުޅުވާފައިވާ ސްކޫލަކީ މިފަދަ ސްކޫލެކެވެ. ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދިނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިިދިޔަ މަހު ބައްލަވައިގެންނެވިކަން އިޢުލާންކުރައްވާފައިވާ މި ސްކޫލަށް ވަނުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލިއިރު އެންމެ ބޮޑު އުފާވެރިކަމެއް ގެނެސްދެނީ ޔަތީމު ކުދިންނާއި އެކަނިވެރި މައިންނަށެވެ. ސަބަބަކީ މިފަދަ ކުދިންނަށް އެ ސްކޫލުން ހިލޭ ކިޔެވުމުގެ ފުުރުސަތު ލިބިގެންދާތީއެވެ.
" މި ސްކޫލުން ކޮންމެ އަހަރަކުވެސް ޔަތީމް ކުދިންނަށް ހިލޭ ކިޔެވޭނެ ޚާއްޞަ ޖާގަ މާތް ﷲ އިރާދަކުރެއްވިއްޔާ ހަމަ ޖައްސާނަން. އަދި އެކަނިވެރި މައިންގެ ދަރިންނަށްވެސް ހަމަ އެފަދައިން ސީޓް ހަމަ ޖައްސާނަން. އެ ކުދިންނަށްވެސް އުފާވެރި މާޙައުލެއްގައި ފެންވަރު ރަނގަޅު ތަޢުލީމެއް ލިބެންވާނެކަމުގައި އަޅުގަނޑު ދެކެން." ޑރ. ޝަހީމް
ކޮއްކޮމެން ޕްރީ ސްކޫލު. ފޮޓޯ/ ޑރ. ޝަހީމް
ކޮއްކޮމެން ޕްރީ ސްކޫލުގެ މަޤްސަދުގެ ތެރޭގައި ފެންވަރު ރަނގަޅު ޒަމާނީ ތަޢުލީމެއް ފޯރުކޮށްދިނުމާއެކު، ރިވެތި އަދަބު އަޚުލާޤާއި ހުނަރުވެރިކަމާއި ރިވެތި ގޮތްތައް ދަސްކޮށްދިނުން ހިމެނެއެވެ. އަދި ޢިލްމު އިންސްޓިއުޓްގައި ކުރިއަށް ގެންދެވޭ ޤުރުއާނާ ޢަރަބި ބަހާ ގުޅޭ އެންމެހާ ޕްރޮގްރާމެއްގައި ސްކޫލްގެ ދަރިވަރުންނަށް ހިލޭ ބައިވެރިވެވޭނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
"ﷲ އިރާދަކުރެއްވިއްޔާ އެތަންވެގެންދާނީ ތަޢުލީމާއި ތަރުބިޔަތުގެ ބަގީޗާއަކަށް. މީގެ އިތުރުން އިނގިރޭސި ދިވެހި ބަހަށް ފަރިތަކުރުވާ ފަދައިން ކީރިތި ޤުރުއާނާ ޢަރަބި ބަހަށްވެސް ފަރިތަކުރުވޭނެ. ޤައުމީ ސިލަބަހަށް ބިނާކޮށް ކިޔަވައިދިނުމާއެކު، ރީތިކޮށް ޤުރުއާން ކިޔަވަން ވެސް އެނގޭ ދަރީންތަކެއް ނެރޭ ސްކޫލަކަށް އެތަން ހެދުމަށް ގަދަ އަޅައި މަސައްކަތް ކުރާނަން. އަމާޒަކީ، ބެލެނިވެރިންނަށް ފަސޭހަވާނެ ގޮތަށް، އިތުރު ޓިއުޝަނަށް ނުފޮނުވައި ސްކޫލުން "ފިލި" ވެސް ދަސްކުރެވޭ ވަރަށް އެހީތެރިވުން" ޑރ. ޝަހީމް
ކޮއްކޮމެން ޕްރީ ސްކޫލު. ފޮޓޯ/ ޑރ. ޝަހީމް
ފެންވަރު ރަނގަޅު ވަސީލަތްތަކާއެކުގައި ޤާއިމުކޮށްފައިވާ ކޮއްކޮމެން ޕްރީ ސްކޫލުގައި ކުދިންނަށް ހަަމަޖެހިލައިގެން ކުޅެލެވޭނެ ތަނަވަސް ޕްލޭ ގްރައުންޑެއްވެސް ވެއެވެ. އެންމެ ގިނަވެގެންވެސް ކްލާސްރޫމެއްގައި 15 ކުދިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ މި ޕްރީސްކޫލަކީ ކުޑަކުދިން ޝައުޤުވެރިވާނެ ގޮތަށް ފަރުމާކޮށްފައިވާ ސްކޫލެކެވެ. ޕްރިންސިޕަލަށް ހުރިހާ ކްލާސް ރޫމެއް ފެންނާނެކަމަށާއި މި ޕްރީ ސްކޫލު، ސެކިއުރީޓީގޮތުންވެސް ރަނގަޅުވާނެކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
" ކޮންމެ ކްލާސް ރޫމެއްގައި ޓީވީ ބެހެެއްޓިފައި ހުންނާނެ. ހުރިހާ ކްލާސް ރޫމެއްވަނީ އޭސީ ކުރެވިފައި. ކްލާސް ރޫމްތައް އެހާމެ ތަނަވަސްވާނެ. ސިޔާސަތަކީ ކޮންމެ ކްލާސް ރޫމެއްގައި 15 ކުދިންނަށް ވުރެ އިތުރު ނުކުރުން. ފެންވަރު ރަނގަޅު އޯގާތެރި، ތަޖުރިބާހުރި ޓީޗަރުން ތިބޭނެ. ސީސީ ޓީވީން މުޅި ތަން ބެލެހެއްޓޭ. ޕްރިންސިޕަލަށް ހުރިހާ ކްލާސް ރޫމެއް ފެންނާނެ ފަދައިން ސްކްރީން ބެހެއްޓިފައި ހުންނާނީ." ޑރ ޝަހީމް
ޑރ ޝަހީމް ވިދާޅުވީ ރާއްޖެއިން ބޭރުގެ ޕްރީ ސްކޫލްތަކުން މުވައްޒަފުން އިތުރަށް ތަމްރީނު ކުރެވިގެންދާނެކަމަށެވެ.

ސްކޫލުގެ ކަންކަން އެންމެ އިސްކޮށް ބަލަހައްޓަވާނީ ސްކޫލުގެ ޑެޕިއުޓީ ޗެއަރމަން، ޑރ. ޝަހީމްގެ އެއްބަނޑު އެެއްބަފާ ކޮއްކޮ ޝިފާޔަތު އަލީކަމަށާއި އޭނާއަކީ ތަޢުލީމީ ދާއިރާގައި ގިނަ ތަޖުރިބާ ހާސިލްކޮށް އިސްލާމީ ތަޢުލީމުގެ ދާއިރާއިން މާސްޓަރ ޙާޞިލްކޮށްފައިވާ ފަރާތެއްކަމަށް ޑރ ޝަހީމް ވިދާޅުވިއެވެ. އެއީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާއި ޣިޔާސުއްދީން ސްކޫލާއި މި ނޫންވެސް ތަންތަނުގައި ކިޔަވައި ދިނުމުގެ ތަޖުރިބާ ހުންނެވި ފަރާތެވެ.


advertisment
ހިޔާލު