"އެކުވެރީންނޭ ހަވާލޭ ވަޠަން ލޯބިވާ"

އެއީ ހިތްފަސޭހަ ރެއެކެވެ. މާލޭގެ ރައްޔިތުން އަރާމު ނިންޖެއްގައި ނިދާފައިވަނީ ހަމަހިމޭންކަމާއެކުގައެވެ. އެ ހަމަހިމޭންކަން ނުތަނަވަސްކަމަށް ބަދަލުކޮށްލީ ކެނޑިނޭޅި އިވެންފެށި އަޑުފަށްގަނޑަކުންނެވެ. އެއީ ކޮން އަޑެއްކަން ނޭނގި ބައެއް މީހުން އެއަޑަށް މާބޮޑު ސަމާލުކަމެއް ނުދޭން ތިއްބަސް އެއީ އެހެން ދޫކޮށްލެވޭފަދަ އަޑެއްް ނޫންކަން އެމީހުންނަށްވެސް އެނގިގެންދިޔައީ އެ އަޑުފަށްގަނޑުގެ ތަފާތުކަމާއި އެ އަޑާއިއެކު އެހެން އަޑުތަކެއްވެސް އިވޭތީ ލިބޭ ހައިރާންކަމުންނެވެ. ވަމުންދާ ގޮތް ބަލަން ނުކުތް ބައެއް މީހުންނަށް މިއީ ކިހާވަރެއްގެ ބިރުވެރިކަމެއްކަން ރޭކާވެސްލީ ބޭރަށް ނުކުތުމުން އިވެންފެށި ރުއިމާއި ހަޅޭކުގެ އަޑުންނެވެ. ބާރަކަށް އިވެމުން އެ ދަނީ ބަޑީގެ އަޑުފަށްގަނޑެވެ.

އަމާން ނިންޖަކުން މުޅި މާލެ ނިދާފައި ވަނިކޮށް އަމާންކަން ނަގާލީ ބާޣީންގެ ބަޔަކު އަޅުގަނޑުމެންގެ ގައުމު ހިފަން މަސައްކަތް ކުރަންފެށި ހިސާބުންނެވެ. އިވެންފެށި އަޑާއެކު މުޅި މާލެތެރެ ހަލަބޮލިކޮށްލީ އަމިއްލަ ގައުމުގެ ދިފާޢުގައި ދެމުންދިޔަ ހަމަލާތަކުގެ އަޑުންނެވެ. އޭރު މުޅި މާލޭގެ މާހައުލުގައި ގުގުމަމުން ދިޔައީ ބަޑީގެ އަޑާއެކު، ބާޣީން އަރައިފިއޭކިޔާ ރައްޔިތުން ހަޅޭއްލަވާ އަޑުތަކުންނެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަސް ދިވެހީންނާއި ބައްދަލުކުރީ ކަޅު އަނދިރި ދުވަހެއްގެ ގޮތުގައެވެ. އެއީ ދިވެހީންގެ ބަޔަކު އިސްވެތިބެ، ދިވެހި ޤައުމަށް ޣައްދާރުވެ އަމިއްލަ ޤައުމުގެ ސުލްހަ މަސަލަސްކަން ނަގާލަން މަސައްކަތްކުރި ދުވަހެވެ. ސިލޯންގެ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް ނުވަތަ ޕްލޮޓްއޭ ކިޔުނު ބާޣީ ޖަމާއަތާ ގުޅިގެން ގައުމުގެ އަމާންކަން ނަގާލައި އެތައްބައެއްގެ ލޭއޮހޮރުވާފައިވާއިރު އެ ހާދިސާގައި 19 ދިވެހިން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި މި ޤައުމު ސަލާމަތްކުރުމަށް ހުވާ ކޮށްގެން ތިބި ޤައުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވި 8 ސިފައިންވެސް ހިމެނެެއެވެ. މި އުދުވާނީ ހަމާލާގައި 39 ދިވެހިންނަށް އެކިވަރުގެ ޒަޚަމްވަނީ ވެފައެވެ. ދުޝްމަނުންނާ ދެކޮޅަށް ދިވެހި ސިފައިން ދިން ރައްދު ހަމަލާގައި ދުޝްމަނުންގެ 3 މީހުން މަރާލިއެވެ.

ކޯޕްރަލް ޝަހީދު ޙުސައިން އާދަމް
ކޯޕްރަލް ޝަހީދު ޙުސައިން އާދަމް

އެ ބޭފުޅަކަށްޓަކައި މިއަދު އަޅުގަނޑުމެން ޝުކުުރުވެރިވާ، ފަޚުރުވެރިވާ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ހުންނެވީ ސިފައިންގެ މައި ގޭޓުގެ ފާރަވެރިއަކަށެވެ. ދުޝްމަނުންގެ ހަމަލާއާއެކު ރައްދު ހަމަލާ ވަގުތުން ފެއްޓެވިއެވެ. ޖުމްހޫރީ މައިދާނާ ދިމާއިން ދުޝްމިނުން މާލެ ހިފަން އަރަން އުޅެނިކޮށް ގަސްތަކާ ނުލާ އެމީހުންގެ އަތުން ވަޒަނެއް ގޮވިކަމަށް ރާއްޖޭގެ ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.

އެ ދަނޑިވަޅު ބިރުން ފިލަން ދުވުމުގެ ބަދަލުގައި ޝަހީދު ޙުސައިން އާދަމް ދެއްކެވީ ހިތްވަރާ ޖޯޝުގެ ރިވެތި ނަމޫނާއެކެވެ. އުންޑައަކަށް ބެލުމެއްނެތި ރައްދު ހަމަލާ ދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދެވިއެވެ. އެންމެ ފަހު ނޭވައާ ޖެހެންދެން ޙުސައިން އާދަމް ދެއްކެވި ހިތްވަރާއި ގައުމަށް އޮތް ލޯބި ދުށް އެެތަކެއް ސިފައިންނެއް ވާނޭ ކަމާމެދު ޝައްކެތްނެތެވެ. އުންޑަ ހުސްވުމާއެކު އިތުރު އުންޑަ ދިނުމަށް އެދި ގޮވާލީ އަމިއްލަ ޤައުމު، އެހެންބައެއްގެ އަތްދަށުވާން ނޭދޭޭ ހާލުގައެވެ. ހަށިކޮޅަށް ވަޒަން އެރިކަމުގައި ވީނަމަވެސް ޝަހީދު ޙުސައިން އާދަމްގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެންމެ ފަހު ވަގުތު ޙުސައިން އާދަމް ޝަހީދުވެ ވަޑައިގަތީ ޤައުމު ރޮއްވާފައެވެ. "އެކުވެރީންނޭ ހަވާލޭ ވަތަން ލޯބިވާ" މިފަދައިން ވަޞިއްޔަތްކުރައްވަމުންނެވެ.

ދިވެހިންނަށް ނަސްރު ލިބިފައިވަނީ އިންޑިއާގެ އެހީތެރިކަމާއެކު ނޮވެމްބަރު 4 ވަނަ ދުވަހުއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *