ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ޕޯސްޓްގުރެޖުއޭޓް ދަރިވަރުން ރާވައި އިންތިޒާމްކޮށްގެން ޕަލްސް އިންޓަރނޭޝަނަލް ރިސަރޗް ސެމިނަރގެ ނަމުގައި ސެމިނަރ އެއް ބާއްވަން ނިންމައިފިއެވެ. މި ސެމިނަރ އޮންނާނީ އަންނަ މަހު 28 ވަނަ ދުވަހު އެ ޔުނިވަރސިޓީގެ ހޯލުގައެވެ.
"ޕަލްސް" ނުވަތަ "ޕޯސްޓްގުރެޖުއޭޓް އަންޑަރސްޓޭންޑިންގ، ލަރނިންގ އެންޑް ޝެއަރިންގ އެކްސްޕީރިއަންސް" އަކީ ޕޯސްޓްގުރެޖުއޭޓް ދަރިވަރުން ދިރާސާކުރުމަށް އަހުލުވެރިކުރުވައި، ދިރާސާކުރުމުގެ ވެއްޓެއް ފޯރުކޮށްދިނުމުގެ އަޒުމުގައި ސެންޓަރ ފޮރ ޕޯސްޓްގުރެޖުއޭޓް ސްޓަޑީޒްގެ ފަރާތުން ހިންގާ ޙަރަކާތްތަކުގެ ތެރެއިން ޙަރަކާތެކެވެ.
ނިމިދިޔަ 2025 ވަނަ އަހަރު، މަތީ ތަޢުލީމަށް އުނގަންނައިދޭ ހުރިހާ އިންސްޓިޓިއުޓް ތަކަކަށް ހުޅުވާލައިގެން ބާއްވަން ފެށި ޕަލްސް ސެމިނަރ ބާއްވަމުން އަންނަތާ މިއީ ދެވަނަ އަހަރެވެ. މިއަހަރުގެ މި ޙަރަކާތް އިންޓަރނޭޝަނަލް ޕްލެޓްފޯމަށް ފުޅާކުރެވި، ޕަލްސް ސެމިނަރއިން ޕަލްސް އިންޓަރނޭޝަނަލް ސެމިނަރއަށް ބަދަލުކުރެވިފައިވެއެވެ. މިފަހަރުގެ ސެމިނަރގައި ރާއްޖޭގެ ދަރިވަރުންގެ އިތުރުން، އަވައްޓެރި ދެ ގައުމަކުން ދަރިވަރުން ބައިވެރިވެފައި ވެއެވެ. އަދި މި ދަރިވަރުންގެ ހުރިހާ ޚަރަދެއް ސްޕޮންސަރކޮށްފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުންނެވެ. ސެމިނަރގައި ކުރިއަށް ގެންދާ މައިގަނޑު ޙަރަކާތްތަކުގެ ތެރޭގައި ދިރާސީ ކަރުދާސް ހުށަހެޅުމާއި، ޕޯސްޓަރ ކަރުދާސް ހުށަހެޅުން ހިމެނެއެވެ. ދާއިރާގެ މާހިރުންގެ ފަރާތުން ބިނާކުރަނިވި ފީޑްބެކް ލިބޭ ގޮތަށް ރާވައިލެވިފައިވާ މި ޙަރަކާތަކީ، މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުން ދިރާސާކުރުމުގެ ފަންނުގެ ތެރެއަށް ލޯ ހުޅުވާލަދީ، ދިރާސާ ކުރުމަށް ހިތްވަރުދީ، އެހީވެދޭނޭ ޙަރަކާތެކެވެ.
ދިރާސީ ކަރުދާސް ހުށަހެޅުމުގެ އިތުރުން ދިރާސީ މައުޟޫއަށް ޢިލްމީ ގޮތެއްގައި ކުރެވޭ އިންޓަރ ކުއްލިއްޔާ ބަހުސެއްވެސް މި ސެމިނަރގައި ކުރިއަށްދާނެއެވެ. މީގެ އިތުރުންވެސް ޝައުޤުވެރި، ޢިލްމީ މާހައުލެއްގައި ކުރިއަށް ގެންދެވޭ މި ޙަރަކާތަކީ ބައިވެރިންނަށް ހަނދާނީ ލިޔުމާއި އެކި ކަހަލަ އިނާމުތައްވެސް ލިބިގެންދާ ޙަރަކާތެކެވެ.

ހިޔާލު