ދިވެހި ލީޑަރުން ބިނާކުރުމަށް ވިލާ ކޮލެޖާއި މާރޕް ގުޅިގެން މެންޓަރޝިޕް ޕްރޮގްރާމެއް

ވިލާ ކޮލެޖާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާރޕް) ގުޅިގެން، ވަޒީފާ އަދާކުރާ ފަރާތްތަކަށް ޚާއްޞަ މެންޓަރޝިޕް ޕްރޮގްރާމެއް ފަށައިފި އެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ، ސީނިއަރ މެނޭޖްމަންޓާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމާ މަޤާމުތަކަށާއި،  ލީޑަރޝިޕްގެ މަޤާމްތަކަށް މީހުން ތައްޔާރުކޮށް، ވަޒީފާގެ މައިދާނުގައި ކުރިއަށްދިއުމަށް ހަލުއި އާ ފުރުޞަތުތައް ހުޅުވާލުމެވެ.

"މެންޓަރޝިޕް ޕްރޮގްރާމް ފޯ ވާކިން ޕްރޮފެޝަނަލްސް" ގެ ނަމުގައި މި ޕްރޮގްރާމް ރަސްމީކޮށް ތަޢާރަފުކުރީ، މިމަހުގެ 16 ވަނަ ދުވަހު ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕްރޮގްރާމުގެ ދަށުން، އެކިދާއިރާތަކުގެ ތަޖުރިބާކަރުންނާއި ކުރިއަރަމުން އަންނަ ޒުވާނުން ގުޅުވައިދީ، ކަނޑައެޅިފައިވާ އަމާޒުތަކެއް ޙާޞިލުކުރުމަށް މެންޓަރ ކުރެވިގެންދާނެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރޕްގެ ރައީސް އަލީ އާދަމް ވިދާޅުވީ، ތަޢުލީމުން ގްރެޖުއޭޓުންނަށް ޢިލްމާއި އީޖާދީ ވިސްނުމުގެ ހުނަރު ލިބިދިން ނަމަވެސް، ވަޒީފާގެ މާޙައުލުގައި ކުރިއެރުމަށް އިތުރު ޢަމަލީ ޤާބިލުކަމާއި ހުނަރު ބޭނުންވާ ކަމަށެވެ.

ތަޖުރިބާކާރު ޕްރޮފެޝަނަލުން ގްރެޖުއޭޓުންނަށް ގޮތް ދަސްކޮށްދިނުމަށް މެންޓަރޝިޕަކީ މުހިންމު ވަސީލަތެއް ކަމަށާއި ވިލާ ކޮލެޖާއި އެމް.އޭ.އެޗް.އާރު.ޕީ ގުޅިގެން މަސައްކަތް ކުރަނީ މަތީ ތަޢުލީމާއި އިންޑަސްޓްރީ އާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށް، ޕްރޮފެޝަނަލް ތަމްރީނަށް ފުރުޞަތު ހުޅުވާލަން ކަމަށެވެ.

ވަޒީފާގެ މައިދާނުގައި ކުރިއެރުން ހަލުވިކުރުމުގައި މެންޓަރޝިޕްގެ ދައުރާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. އަލީ ނަޖީބު ވިދާޅުވީ، ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުމަކީ ޤާބިލު ގްރެޖުއޭޓުން ނެތުން ނޫން ކަމާއި ނަމަވެސް  ސީނިއަރ މެނޭޖްމަންޓާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމާ މަޤާމުތަކަށާއި، ކުންފުނިތަކުގެ ލީޑަރޝިޕަށް ދިވެހިން އިތުރުވާން ޖެހޭ މިންވަރަށް އިތުރުވަމުން ނުދާކަމަށެވެ.

މަތީ ތަޢުލީމުދޭ މުއައްސަސާތަކުގެ އަމާޒަކީ ހަމައެކަނި ވަޒީފާއަށް ތައްޔާރު ގްރެޖުއޭޓުން (ދަސްވެނީން) ނެރުން ނޫން ކަމާއި  އެ ގްރެޖުއޭޓުންނަކީ މުއައްސަސާތައް ލީޑުކޮށް، ސިޔާސަތުތަކަށް ބަސްކިޔައި، މުޖުތަމަޢުގައި މާނަވީ ޙިއްޞާއެއް އަދާ ކުރާނޭ ފަދަ ޤާބިލް ބައަކަށް ހެދުން ކަމުގައި ވެސް ޑރ. ނަޖީބު ވިދާޅުވިއެވެ.

ހަމައެކަނި ޓެކްނިކަލް ހުނަރަކުން ނުފުދޭ ކަމާއި އަވަހަށް ބަދަލުވަމުންދާ ވަޒީފާގެ މާޙައުލެއްގައި، ލީޑަރޝިޕަށް މީހުން ތައްޔާރުކުރުމުގައި  މެންޓަރޝިޕަކީ މުހިންމު ފާލަމެއް ކަމަށް ޑރ. ނަޖީބު ވިދާޅުވިއެވެ.

ޑރ. ނަޖީބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވީ، ކާމިޔާބު މެންޓަރިން ގުޅުމެއް ބިނާވާންޖެހޭނީ އިތުބާރާއި، އެކަކު އަނެކަކަށް ދޭ އިޙްތިރާމާއި، ކުރިއެރުމަށް ބާރުދޭ ފީޑްބެކާއި، ދެފަރާތުން ވެސް ކުރިއަރަން ކުރާ ޢަޒުމުގެ މައްޗަށް ކަމަށެވެ. ކާމިޔާބު ލީޑަރަކަށް ވުމަށް ސްޓްރެޓެޖިކް ވިސްނުމާއި، އިމޯޝަނަލް އިންޓެލިޖެންސާއި، ދަތިތަކުގެ ތެރެއިން ކުރިއަށް ދެވޭނެ ހިތްވަރާއި، މުއައްސަސާތަކުގައި ހުރި ގޮންޖެހުންތައް ޙައްލުކުރުމުގެ ޤާބިލުކަން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފެންނަ ނަތީޖާތަކެއް ޙާޞިލުކުރުމަށް ތަރުތީބުކޮށް ރާވާފައިވާ މެންޓަރިން މޮޑެލެއް

ޕްރޮގްރާމް ތަޢާރަފުކޮށްދެއްވަމުން، މާރޕްގެ ކޯފައުންޑަރ އަދި ނައިބު ރައީސް އަފީފް ހުސައިން ވިދާޅުވީ، މިއީ ފެންނަ ނަތީޖާތަކެއް ޙާޞިލުކުރުމަށް ތަރުތީބުކޮށް ރާވާފައިވާ މެންޓަރިން މޮޑެލެއް ކަމަށެވެ. މި ޕްރޮގްރާމް ތައްޔާރުކޮށްފައިވަނީ ސިންގަޕޫރު ފަދަ ޤައުމުތަކުގައި ބޭނުންކޮށްފައިވާ މެންޓަރިންގ މޮޑެލްތަކަށް ބަލައިގެން، ބައިނަލްއަޤްވާމީ ތަޖުރިބާކާރު މެންޓަރުންގެ ޚިޔާލުތަކާއި އެކު ދިވެހިރާއްޖެއަށް ފެތޭގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކާމިޔާބު މެންޓަރޝިޕަކީ ހަމައެކަނި ތަޖުރިބާކާރު ފަރާތްތަކުން ނަޞޭޙަތްދިނުމެއް ނޫން ކަމަށާއި، މެންޓީގެ ވިސްނުމަށް ގޮންޖަހައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އަމިއްލަ ކުރިއެރުމުގެ ޒިންމާ އުފުލަން ހިތްވަރުދިނުން ކަމަށް" އަފީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗު ހިންގާނީ ހަ މަހާއި ނުވަ މަހާ ދެމެދުގެ މުއްދަތަކަށެވެ. މި މުއްދަތުގައި މެންޓަރުންނާއި މެންޓީން ގަވާއިދުން ބައްދަލުކޮށް މަޝްވަރާކޮށް އަދި ކަނޑައަޅެފައިވާ އަމާޒުތަކަކަށް ވާސިލްވުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޢަމަލީ މަސައްކަތްތަކާއި ޕްރޮޖެކްޓްތައް މި ޕްރޮގްރާމްގައި ހިމެނިފައި ވާނެއެވެ. އަދި މެންޓަރުން އެ ދައުރަށް ތައްޔާރުކުރުމުގެގޮތުން، ވިލާ ކޮލެޖާއި މާރޕް ގުޅިގެން، ފުޅާ ދާއިރާއެއްގައި މެންޓަރ ޓްރޭނިންގެއް ހިންގާނެ އެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ބެޗަށް ފުރުޞަތު ދެވޭނީ ހަމައެކަނި ވިލާ ކޮލެޖުގެ ދަރިވަރުންނާއި ކުރީގެ ދަރިވަރުންނަން ކަމުގައި ވިޔަސް ކުރިއަށް އޮތް މަރުޙަލާތަކުގައި، މިފުރުސަތު ޢާންމު ކޮށް ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.

ރަސްމިއްޔާތުގައި "ކެރިއަރ ގްރޯތު ބައި ޑިޒައިން: ލެސަންސް ފްރޮމް އިންޑަސްޓްރީ އެކްސްޕާޓްސް" ގެ ނަމުގައި ޕެނަލް ޑިސްކަޝަނެއް ވެސް ބޭއްވި އެވެ. އެ ޕެނަލްގައި ތަފާތު ދާއިރާތަކުގެ ޕްރޮފެޝަނަލުން، އެމީހުންގެ ކެރިއަރުގެ ތަފާތު މަރުޙަލާތަކުގައި މެންޓަރޝިޕުން ލިބުނު ތަޖުރިބާތައް ހިއްސާކުރި އެވެ.

"ދަ ކޯޗިން ކޯ" ގެ ބާނީ ރީމާ ރަޝީދު މޮޑަރޭޓްކުރި އެ ޕެނަލްގައި، ކްރޯ މޯލްޑިވްސްގެ ކޯފައުންޑަރާއި މެނޭޖިން ޕާޓްނަރ ހަސަން މުހައްމަދު، ވޯޓަރކްރެސް ކެޕިޓަލްގެ ޖީ.އާރު.ސީ ސްޕެޝަލިސްޓާއި ރިސްކް އެންޑް ސްޓްރެޓެޖީގެ ޑިރެކްޓަރ އާމިނަތު ޝައީރާ، ވިލާ ކޮލެޖުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރ އަހުމަދު ފަޔާޒް ހަސަނާއި ވިލާ ކޮލެޖުގެ ޗީފް ކޮލިޓީ އޮފިސަރ އަބްދުލް ވާހިދު އިބްރާހީމް ބައިވެރިވި އެވެ.

މެންޓަރުންނާއި މެންޓީންގެ ގޮތުގައި ލިބިފައިވާ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، ކެރިއަރުގެ ފެށުމުގައި ކުރިމަތިވި ގޮންޖެހުންތަކުން ފެށިގެން، ލީޑަރޝިޕްގެ ހުނަރުތައް ތަރައްޤީކޮށް ބޮޑެތި ޒިންމާތައް އުފުލުމާ ހަމައަށް، މެންޓަރޝިޕުން އެމީހުންގެ ދަތުރަށް ކުރި އަސަރުތަކާ ބެހޭގޮތުން ޕެނަލިސްޓުން ވާހަކަ ދެއްކިއެވެ.

މެންޓަރޝިޕަކީ ހަމައެކަނި އަލަށް ވަޒީފާއަށް ނިކުންނަ ފަރާތްތަކަށް ބޭނުންވާ ކަމެއް ނޫން ކަމަށް ޕެނަލްގައި ފާހަގަކުރެވުނެވެ. އާ ނަޒަރެއް ހޯދަން، ކެރިއަރު ބަދަލުކުރަން، ނުވަތަ ފަރުދީ އަދި ޕްރޮފެޝަނަލް ގޮތުން ކުރިއަރަން ބޭނުންވާ ތަޖުރިބާކާރު ފަރާތްތަކަށް ވެސް މެންޓަރޝިޕަކީ އެހާމެ މުހިންމު ކަމެކެވެ.

ވިލާ ކޮލެޖާއި އެމް.އޭ.އެޗް.އާރު.ޕީގެ އަމާޒަކީ، ވަޒީފާއަދާ ކުރާ ފަރާތްތަކުގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ލީޑަރޝިޕްގެ ޤާބިލުކަން ތަރައްޤީކޮށް، ތަފާތު ދާއިރާތަކުގައި ނުފޫޒުގަދަ މަޤާމުތަކުގެ ޒިންމާ އުފުލާނެ އިތުރު ދިވެހިން ތައްޔާރުކުރުމަށްޓަކައި ދެމެހެއްޓެނިވި ޕްލެޓްފޯމެއް ޤާއިމުކުރުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *