ހުރަވީ ސްކޫލްގައި ކިޔަވަމުން ދިޔަ ހަތް އަހަރުން ދަށުގެ އެ ދެކުދިންނާއި އެކުދިންގެ ބައްޕަގެ އިތުރުން މަންމަ މަރިޔަމް ނާހިދާ ފުރީ އިއްޔެ ހަވީރު 4:15 ހާއިރުއެވެ. އޭރު ވެސް މޫސުން ގޯސްވެ، އެލާޓް އޮތީ ރާއްޖޭގެ ބޮޑުބަޔަކަށް ނެރެފައެވެ.
ދަތުރުގެ ވަކި ހިސާބަކުން ކުރިއަށްވުރެ ކަނޑުގަދަވެ ދުއްވޭވަރެއް ނުވިއެވެ. އޭރު ލޯންޗް އޮތީ އޮޅުވެލި ރިސޯޓާ ހިސާބުގައެވެ. އެ ދަތުރު ކުރިއަށް ނުދެވޭނެކަން ކައްޕިއަށް ޔަގީންވި ހިސާބުން ލޯންޗް އަނބުރާލިއެވެ. އެ ވަގުތަކީ މި ދަތުރުގެ އެންމެ ހިތްދަތިވަގުތެވެ. އަނބުރާލި ވަގުތު ނެގި ރާޅުއައީ ލޯންޗްގެ މަތިންނެވެ. ރާޅާއެކު ލޯންޗް އަރިއަޅާލައި، އެތެރޭގައި ތިބި ބައެއް މީހުން ވިއްސައިގެން ދިޔައެވެ. ވިއްސައިގެން ދިޔަ މީހުންގެ ތެރޭގައި ނާހިދާއާއި އެނާގެ އުނގުގައި ހަތަރު އަހަރުގެ ދަރިފުޅު ހިމެނެއެވެ.
12 މީހުންނާއެކު ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލުމުން، ކަނޑުވި މީހުންގެ ތެރެއިން ނާހިދާއާއި އޭނާގެ ދޮދީ ދަރިފުޅު ގެންދިޔައީ ކ. ގުރައިދޫ ހެލްތު ސެންޓަރަށެވެ. އެ ސެންޓަރަށް ގެންދިޔައިރު، ނާހިދާ އޮތީ މަރުވެފައެވެ. ދޮށީ ކުއްޖާއަށް ފަރުވާދިނެވެ.

ނާހިދާގެ ހަގު ދަރިފުޅު ގެއްލުމާއެކު، އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެ ސަރަހައްދުގައި އަތް ފުނާއަޅަން ފެށިއެވެ. އަދި އާންމުންގެ އެހީތެރިކަމަށް އެދުނެވެ. އެމްއެންޑީއެފުން ބުނީ އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލު ދުރުން ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގެއްލިގެން ހޯދަމުންދާ ދަރިވަރު ކިޔަވަމުން ގެންދާ ހުރަވީ ސްކޫލުން ނެރުނު ތައުޒިޔާގެ މެސެޖްގައި ބުނެފައި ވަނީ " ގެއްލިގެން ހޯދަމުންދާ އެ ސްކޫލްގެ ދަރިވަރުގެ މަންމަ އަލްމަރުޙޫމާ އަލްފާޞިލާ މަރްޔަމް ނާހިދާ ގްރީންޕީކް މާލެ ސިޓީ، 16 އޮކްޓޫބަރގައި ހިނގި ކަނޑުމަތީގެ ހިތާމަވެރި ޙާދިސާގައި ނިޔާވުމާއި ގުޅިގެން ހުރަވީ ސްކޫލުގެ އެއްމެހާ މުވައްޒަފުންގެ ނަމުގައި އިޚްލާސްތެރި ތަޢުޒިޔާ ދަންނަވާ" ކަމަށެވެ.
" އަދި މި ޙާދިސާގައި މި ސްކޫލުގެ އެލްކޭޖީއޭގެ ދަރިވަރު ގެއްލިފައިވާތީ، ކުޑަކުޑަ ޖުޔަލް ހެޔޮ ޙާލުގައި ހުއްޓާ ފެނުމަށް އެދި ދުޢާކުރާ ކަމަށެވެ. އަދި އަލްމަރުޙޫމާ އަލްފާޟިލާ މަރްޔަމް ނާހިދާގެ ފުރާނައަށް ހެޔޮ ރަޙުމަތްލައްވައި މަތިވެރިވެގެން ވާ ޖަންނަތުލް ފިރުދައުސްގައި ލެއްވުން އެދި ދުޢާ ކުރަމެވެ. މިހިތާމައިގައި މި ސްކޫލުގެ އެންމެހާ މުވައްޒަފުން ބައިވެރިވެ، އެ މަރުޙޫމާގެ އާއިލާގެ އެންމެހައި ބޭފުޅުންނަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި މާތްﷲ ހަޟުރަތުގައި ދުޢާ ދަންނަވަމެވެ." ތައުޒިޔާގެ މެސެޖްގައި އިތުރަށް ބުނެފައިވެއެވެ.
advertisment
ހިޔާލު