ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2024 ވަނަ އަހަރުގެ ސާނަވީ މަރުހަލާގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންގެ ޝަރަފު މަރިޔަމް ނީމް ރަޞްރުﷲ އާއި އައިޝަތު ލީމް ހޯދައިފިއެވެ.
ސާނަވީން އެއްވަނަ ލިބުނީ ނީމްއަށެވެ. މަތީ ސާނަވީން އެއްވަނަ ލިބުނީ ލީމްއަށެވެ.
ސާނަވީން ދެވަނަ ލިބުނީ ލ. ހިތަދޫ، އެނިފް، މަރިޔަމް މަނާލް މުޙައްމަދަށެވެ. ތިންވަނަ ލިބުނީ ގދ. ތިނަދޫ ތިބްރޯޒްގެ، އައިޝަތު ޔޫމީ ޔޫޝައުއަށެވެ.
ސާނަވީ މަރުހަލާގެ އެންމެ މޮޅު 3 ދަރިވަރުންނަކީ ވެސް ވޭތުވެދިޔަ އޯލެވެލް އިމްތިހާނުގައި ފާހަގަކޮށްލެވޭ ފަދަ މޮޅު ކާމިޔާބީތަކެއް ހޯދައި، ޤައުމީ ގަދަ 10 ގެ ރަންވަނަ ހޯދާފައިވާ ދަރިވަރުންނެވެ. އެގޮތުން ނީމް އަދި ޔޫމީ ވަނީ ޤައުމީ ގަދަ 10 ގެ 3 ވަނަ ހޯދާފައެވެ. މަނާލް ވަނީ ޤައުމީ ގަދަ 10 ގެ 5 ވަނަ ހާސިލުކޮށްފައެވެ.
ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ނީމް އަކީ ތަޢުލީމީ ރޮނގުގެ އިތުރުން، އިސްނެގުމާއި ހިންގުމުގެ ދާއިރާއިންނާއި، އިތުރު ހަރަކާތްތަކުގައި ވެސް ލާމަސީލު ދަރިވަރެކެވެ. އޭނާ ވަނީ ސްކޫލުގެ ޑެޕިއުޓީ ކެޕްޓަންކަމުގެ އިތުރުން، އާޓް ކްލަބުގެ ރައީސްކަން ވެސް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. މީގެ އިތުރުން ކުރެހުމާއި، އާޓް، ފޮޓޯގްރަފީ އަދި ދަތުރުފަތުރުކުރުމަކީ ނީމް ޚާއްސަ ޝައުޤުވެރިކަމެއް ހުންނަ ކަންކަމެވެ.
ނީމްގެ މުސްތަޤްބަލުގެ އަމާޒަކީ މެޑިސިންގެ ދާއިރާއިން ކުރިއަށް ދިއުމެވެ.
މަތީ ސާނަވިން އެއްވަނައަށް ދިޔަ ލީމް، 2023 ވަނަ އަހަރު ސާނަވީ ތަޢުލީމު ނިންމައި، އޯލެވެލް އިމްތިޙާނުގެ ޤައުމީ ގަދަ 10 ގެ 9 ވަނަ ހޯދާފައިވެއެވެ.
އޭލެވެލް އިމްތިހާނުން ޤައުމީ ގަދަ ދިހައެއްގެ ފަޚުރުވެރި 5 ވަނަ ލީމް ހާޞިލްކުރީ ބްރިލިއަންސް އެވޯޑެއް ހާޞިލްކޮށް، ބިޒްނަސް މާއްދާއިން ދުނިޔޭގެ ގަދަ ދިހައެއްގެ ފަޚުރުވެރި 3 ވަނަ ހޯދައި އައުޓްސްޓޭންޑިންގ ޕިއަރސަން ލާނާ އެވޯޑްގެ ރަން މެޑަލް ހާސިލުކޮށްގެންނެވެ. މިނަތީޖާ ވެފައިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ މަތީ ސާނަވީ މަރުހަލާގައި ސްކޫލްގެ ތާރީޚުގައި ލިބިގެން ގޮސްފައިވާ އެންމެ ފަޚުރުވެރި ނަތީޖާކަށެވެ.
ލީމްއަކީ އިސްނަގާ، ލީޑަރޝިޕް ރަނގަޅު، ސްކޫލްގެ މުހިންމު އިސްވާރުންގެ ޕޯސްޓްތައް ފުރާފައިވާ ހުނަރުވެރި ދަރިވަރެކެވެ. މިގޮތުން ސްކޫލްގެ ސީނިއަރ ޕްރިފެކްޓްކަމާއި، ގާލްގައިޑް ލީޑަރުކަމާއި، ހައުސް ކެޕްޓަންކަމުގެ އިތުރުން ސްކޫލްގެ ޑެޕިއުޓީ އެކްޓިވިޓީ ކެޕްޓަންކަން ވެސް ލީމްވަނީ އަދާކޮށްފައެވެ.
ދަރިވަރުންނަށް ލީމް ދޭ ނަސޭހަތަކީ، ކިޔެވުމަކީ އަމިއްލަ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކުމަށާއި، ކިޔެވުމުގެ ވަގުތުތައް ތާވަލުކުރުމާއެކު، ވަކި އަމާޒެއް ކަނޑައަޅައި ކިޔެވުން ކުރިޔަށް ގެންދިޔުމަށެވެ. ކުރިމަގަށް ފޮނި އުއްމީދުތަކެއް ލީމް ކުރަމުން އަންނައިރު، ލީމް ބޭނުންވަނީ އެކައުންޓިންގ އެންޑް ފައިނޭންސިން ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކޮށް މި ދާއިރާއިން ދިވެހި ޤައުމަށް ޚިދުމަތްކުރުމަށެވެ. މަތީ އަރުތަ ހާސިލްކޮށް، މައިންބަފައިންނާއި ޤައުމު ފަޚުރުވެރިވާފަދަ ޚިދުމަތްތެރި ދަރިއަކަށް ވުމީ ލީމްގެ އުންމީދެވެ.
advertisment
ހިޔާލު